ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މިނިވަން މުވައްސަސާތަކާއި ގުޅިގެން ވާހަކަ ދައްކަވަމުން ސިރާޖު ވަނީ މޭޑޭގައި ފުލުހަކަށް ހަމަލާދިން ކަމުގެ ކުށް ސާބިތުވެ، ޖަލު ހުކުމް ތަންފީޒުކުރަމުންދަނިކޮށް މަރުވި އަބްދުﷲ ރަޝީދުގެ މަރުވި ގޮތާއި ގުޅިގެން ވާހަކަ ދައްކަވާފަ އެވެ.
ކީރިތި ކުރައްވަމުން އޭނާ އެ ވާހަކަ ދެއްކެވިއިރު ރަޝީދަކީ 2017 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ޖަލުގައި ހުއްޓާ ހާލު ބޮޑުވެ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދެމުންދަނިކޮށް މަރުވި މީހެކެވެ.
އެކަމުގައި އެތައް ބައެއްގެ އިހުމާލު އޮތްކަން ފާހަގަކުރައްވަމުން ސިރާޖު ވިދާޅުވީ "އަޅާ ނުލާ ބޭސް ފަރުވާނުކޮށް އިހުމާލުވުމުގެ ސަބަބުން މި ދުނިޔެއާ ވަކިވާން ޖެހުނީމަ ކޮންމެވެސް ބަޔަކު އެކަމުގެ ޒިންމާ އުފުލަން ޖެހޭނެ" ކަމަށެވެ.
ސިރާޖު ވިދާޅުވީ ހުރިހާ މިނިވަން މުވައްސަސާތަކުގެ މީހުން ވަކިކުރުމުގެ އިތުރުން އެންމެންގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އެމީހަކު ޒިންމާވާން ޖެހޭ މިންވަރަކަށް އެމީހެއްގެ މައްޗަށް ޖަލުގެ ހުމެއް ވެސް އަންނަން ޖެހޭ ކަމަށް އޭނާ ގަބޫލުކުރައްވާ ކަމަށެވެ.
އަބްދުﷲ ރަޝީދުގެ ވަކީލެއްގެ ގޮތުގައި ދިޔަކަން ފާހަގަކުރައްވާ ސިރާޖު ވަނީ މިނިވަން މުވައްސަސާތަކާއި ގުޅިގެން އިތުރަށް ވާހަކަ ދައްކަވަން މަސައްކަތް ކުރައްވާފަ އެވެ. އެކަމަކު ކުރެއްވި އަސަރެއްގެ ބޮޑުކަމުން އިތުރަށް ވާހަކަ ކުރިއަށް ނުގެންދެވި އޭނާ ވަނީ އިށީންދެވަޑައިގެންފަ އެވެ.
އަދި އޭރު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން އިންނެވި އީވާ އަބްދުﷲ ވަނީ ފަހުން އިތުރު ފުރުސަތަކަށް އެދިވަޑައިގަންނަވަން ބޭނުންވާނަމަ އެކަން އިޝާރާތް ކުރެއްވުމުން ފުރުސަތު ދެއްވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.
ގ. ކީމާ، އަބްދުﷲ ރަޝީދު ޖަލުގައި ވަރަށް ބަލިކޮށް އުޅުމަށް ފަހު މަރުވިއިރު މާފުށީ ޖަލުގައި އޭނާއަށް ސިއްހީ ފަރުވާ ފޯރުކޮށްދިނުމުގައި ކަރެކްޝަންސްގެ މައްޗަށް ކުރެ އެވެ. އެގޮތުން މާފުށީ ޖަލުގެ މެޑިކަލް ސެންޓަރުގައި އޭރު ތިބި ދެ ޑޮކްޓަރަކަށް އިހުމާލުވި ކަމުގެ ތުހުމަތު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ކުރެ އެވެ.
އެޗްއާރުސީއެެމުން އެކުލަވާލި އެ ރިޕޯޓު ވެސް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލައި ރިޔާސީ ކޮމިޝާނާ ވެސް ހިއްސާކޮށްފައިވެ އެވެ. އެތަނުން ވެސް އަންނަނީ އޭނާގެ މަރުގެ މައްސަލަ ބަލަމުންނެވެ.