ads
ޑރ. އާފިޔާ--
ނަފްސާނީ މައްސަލަ ތިން ގުނަ އިތުރު، ތިން މަހު އެކަނި ވެސް 999 މީހަކު ނަފްސާނީ އެހީ ހޯދި
މިދިޔަ ތިން މަހުގެ ތެރޭގައި 999 މީހަކަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އައިޖީއެމްއެޗުގެ ސެންޓަ ފޯ މެންޓަލް ހެލްތުގެ ޕްރިންސިޕަލް ކްލިނިކަލް ސައިކޮލޮޖިސްޓް ޑރ. އާފިޔާ އަލީ ވިދާޅުވެއްޖެ އެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އާފިޔާ ވިދާޅުވީ މިދިޔަ ތިން މަހުގެ ތެރޭގައި 999 ފަރާތަކަށް ނަފްސާނީ އެހީ އެ ހޮސްޕިޓަލުން ފޯރުކޮށްދީފައިވާނެ ކަމަށެވެ. އަދި އެ އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ފަރުވާ ހޯދި މީހުންގެ ތިން ގުނަ އިތުރު އަދަދެއް ކަމަށް ވިދާޅުވި އެވެ. 

ޑރ. އާފިޔާ ވިދާޅުވީ މިދިޔަ އަހަރު މި ދުވަސްވަރުގައި އެ ހޮސްޕިަޓަލުން ނަފްސާނީ އެހީ އަށް އެދިފައި ވަނީ 330 މީހުން ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ލޮކްޑައުން އިއުލާންކުރުމާއެކު އެތަކެއް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށާއި ވަކިން ހާއްސަކޮށް ގޭގައި ބަންދުވެފައި ތިބެން ޖެހުމުގެ ސަބަބުން ތަފާތި އެކި ނަފްސާނީ މައްސަލަތައް ދިމާވާނެ ކަމަށް ވިދާޅުވި އެވެ. އެގޮތުން ވިދާޅުވީ މިހާރުގެ ހާލަތަށް ހޭނުމަކީ ފަސޭހަކަމެއް ނޫންކަން ފާހަގަކުރައްވާ ވިދާޅުވީ ކުޑަ ކުދިންނަށް ވެސް އެކަމުގެ ސަބަބުން ބޮޑު އަސަރެއް ކުރާނެ ކަމަށެވެ.

އެގޮތުން، މި ދަނޑިވަޅުގައި ނަފްސާނީ ދުޅަހެޔޮ ކަމަށް އިޖްތިމާއީ ގުޅުން ވަރުގަދަ ކޮށް، ކުޑަކުދިންނަށް އިތުރަށް ސަމާލު ކަން ދޭން ޖެހޭ ކަމަށް އާފިޔާ ވަނީ ވިދާޅުވެފަ އެވެ. އަދި އާންމުކޮށް ގިނައިން އިށީންދެގެން އުޅޭ މީހުން ވެސް، ކުޑަ ތަންތަން ކޮޅެއްގައި އުޅެން ޖެހުނަސް ހިނގާލެވޭ މިންވަރަކަށް ހިނގާލާއި ކަސްރަތު ކުރުމަށް ނަސޭހަތްތެރިވި އެވެ. އަދި ސިއްހަތަށް ފައިދާ ހުރި ކާނާ ކެއުން ވަރަށް މުހިއްމު ކަމަށް ވެސް ވިދާޅުވި އެވެ.

"ނަފްސާނީ ދުޅަހެޔޮކޮށް ތިބުމަށް އިޖުތިމާއީ ގުޅުން ވަރުގަދަ ކުރުމަށް މަަސައްކަތް ކުރަން ޖެހޭ. އޭގައި ސަމާލުކަން ދޭން ޖެހޭ ކުޑަކުދިންނަށް. ގިނައިން އިށީންދެގެން ތިބޭ މީހުން ވިޔަސް ކުޑަ ތަންތަންކޮޅުގައި އުޅުނަސް ހިނގާލާ ކަސްރަތުކޮށްލުން މުހިއްމު. ސިއްހަތަށް ފައިދާ ކުރި ކެއުންތައް ބޭނުންކުރުން މުހިއްމު. އަދި އިންފޮމޭޝަން އޯވަލޯޑްނުކުރުން ވެސް މުހިންމު." އާފިޔާ ވިދާޅުވި އެވެ.

ޑރ. އާފިޔާ އިތުރަށް ވިދާޅުވީ ކަންބޮޑުވުންތައް އިތުރުވެ އަމިއްލައަށް އަރައިނުގަނެވޭ ހިސާބަށް ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެހެންވުމުން، މިހާރުގެ ހާލަތަށް ބަލައި ނަފްސާނީ އެހީ ހޯދުމަކީ ވަރަށް މުހިންމު ކަމެއްކަން ފާހަގަކުރައްވާ ވިދާޅުވީ ނަފްސާނީ އެހީ ބޭނުންވާނަމަ 1425 އަށް ގުޅާ ނަފްސާނީ އެހީ ލިބިގަތުމަކީ މުހިންމު ކަމެއް ކަމަށެވެ. 

ޑރ. އާފިޔާ އިތުރަށް ވިދާޅުވީ ލޮކްޑައުނަށް ލުއި ދިން ކަމުގައިވީ ނަމަވެސް، ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަށް އެންމެންވެސް އާދަ ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އެގޮތުން، އިޖްތިމާއީ ގައިދުރުކަން ދެމެހެއްޓުމާއި، ކޮންމެހެން ބައްދަލު ކުރަން ޖެހޭ މީހުންނާއި ނޫނީ ބައްދަލު ނުކުރުމަކީ މުހިންމު ކަމެއްކަން ފާހަގަކުރައްވަ އެވެ. އަދި ބޭރަށް ނިކުންނަ އިރު މާސްކު އެޅުމާއި، ތަންތަން ރީތިކޮށް ދޮވެ ސާފުކޮށް ބެހެއްޓުމަކީ މުހިންމު ކަމެއް ކަމަށް ވަނީ ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް