މި އާދަޔާ ހިލާފު މުޒާހަރާގައި މައިގަނޑު ގޮތެއްގައި ގޮވާލާފައިވަނީ، ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އޭއައި ޓެކްނޮލޮޖީގެ ސަބަބުން އިންސާނުންގެ ބަދަލުގައި މަސައްކަތްތަކަށް ރޮބޮޓުން ނެރެމުންދާތީ، އެކަން ކޮންޓްރޯލް ކުރުމަށްޓަކައި ހަރުދަނާ ގާނޫނުތަކެއް ހެދުމަށެވެ. މިއީ ޓެކްނޮލޮޖީގެ ސަބަބުން އާންމު ރައްޔިތުންނަށް ކުރިމަތިވެދާނެ ގޮންޖެހުންތައް ހާމަކުރުމަށް ބޭއްވި ހަރަކާތެކެވެ.
ޑިމޮކްރެޓިޒަމް ކިޔާ ޖަމާއަތަކުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ މި ހަރަކާތުގައި ގާތްގަނޑަކަށް 30 ރޮބޮޓު ބައިވެރިވެފައިވެއެވެ. މި ރޮބޮޓުތައް މުޒާހަރާކޮށްފައިވަނީ ޕޮލެންޑުގެ ޑިޖިޓަލް އެފެއާޒް މިނިސްޓްރީގެ ކުރިމަތީގައެވެ.
މި މުޒާހަރާގައި ބައިވެރިވި ރޮބޮޓުތަކުން ދިޔައީ ދިދަ ހިފައިގެން ހަރަކާތްތެރިވަމުންނެވެ. އަދި "ވަޒީފާގެ މާހައުލު ދިފާއުކުރޭ" އާއި "ގަވާއިދުތައް ހަދަންވީ ވަގުތު ޖެހިއްޖެ" ފަދަ ޝިއާރުތައް އެ ރޮބޮޓުތަކުން ދިޔައީ އަޑުގަދަކުރާ ބޭނުންކޮށްގެން ގޮވަމުންނެވެ.
މި ހަރަކާތް އިންތިޒާމުކުރި ފަރާތްތަކުން ބުނެފައިވަނީ، މީގެ އެންމެ ބޮޑު ބޭނުމަކީ އޭއައި އަދި ރޮބޮޓިކްސްގެ ސަބަބުން ވަޒީފާގެ ބާޒާރަށް އަންނަމުންދާ ބަދަލުތަކާ ގުޅޭގޮތުން އާންމުންގެ މެދުގައި ފުޅާ ދާއިރާއެއްގައި ބަހުސްކޮށް، މަޝްވަރާކުރުމަށް މަގުފަހިކުރުން ކަމަށެވެ. އަދި މިއީ މުސްތަގުބަލުގައި އިންސާނުންގެ ވަޒީފާތައް ކަށަވަރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށްވެސް އެ ޖަމާއަތުން ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;