ޒަރޫރީ ބޭނުންތަކަށް ބޭރަށް ނިކުމެ އުޅޭ އިރު ތިމާ އާއި އެހެން މީހުންނާ ދެމެދު ތިން ފޫޓުގެ ދުރުމިނެއް ބެހެއްޓުމަށް ޑޮކްޓަރުން އަންނަނީ ލަފާ ދެމުންނެވެ.
މި ދުރުމިން ބެހެއްޓުމަށް އެހީތެރިވުމުގެ ގޮތުން މަގުތަކުގައި ފާހަގަ ޖެހުން ފަދަ ކަންތައްތައް ގައުމުތަކުން ދަނީ ކުރަމުންނެވެ. އެހެން ނަމަވެސް ކޮންމެ ގައުމެއް ގައި ވެސް މަދުން ނަމަވެސް ކިއުގައި މަޑުކޮށްގެން ހުންނަ ވަގުތު ނުވަތަ މަގުމަތިން ހިންގާފައިދާ ވަގުތު މި ގައިދުރުކަން ބަހައްޓަން ބައެއް މީހުން ހަނދާން ނެތެ އެވެ.
މިކަމަށް އެހީތެރިވުމުގެ ގޮތުން، ރުމޭނިއާގެ ބޫޓު ހަދާ މީހެއް ކަމަށްވާ، ގްރިގޯ ލޫޕް މިވަނީ ގައިދުރުކަން ބަހައްޓައިދޭނެ ބޫޓުތަކެއް ހަދަން ފަށާފަ އެވެ.
އޭނާ ބުނީ ރޯމޭނިއާގައި އިއުލާންކޮށްފައި އޮތް ލޮކްޑައުން ނަގައި ބޭރަށް ނުކުމެ އުޅުމުގެ ފުރުސަތު ދިނުމުން މަގުމައްޗަށް ނުކުމެ އުޅޭ އިރު ގައިދުރުކަން ނުބަހައްޓާކަން އޭނާ އަށް ފާހަގަކުރެވުނު ކަމަށާއި އޭނާ ބޫޓުތައް ހަދަންފެށީ މި ސަބަބައްޓަކައި ކަމަށެވެ.
އޭނާ ބުނީ މިކަހަލަ ބޫޓަށް އަރައިގެން ތިބި ދެމީހަކު އެކަކު އަނެކަކާއި ކުރިމަތިލާ ވާހަކަ ދައްކާނަމަ ދެމީހުންގެ ދެމެދުގައި އެއް މީޓަރާއި ބައިގެ ދުރުމިނެއް ހުންނާނެ ކަމަށެވެ.
ބޫޓުގެ ކުރީ ކޮޅު ވަރަށް ބޮޑަށް ދިގުކޮށްލާފައި ހުންނަ މި ބޫޓު ތަކުގެ ސައިޒަކީ ޔޫރަޕް ސައިޒުން 75 ކަމަށް ލޫޕް ބުނެއެވެ.
ކޮވިޑް-19 އާއި އެކު މާލެ ސަރަހައްދުގައި އިއުލާންކޮށްފައި އޮތް ލޮކްޑައުނަށް ލުއި ދީފައި ވާއިރު، ނިއު ނޯމަލް އަށް ދިވެހިން ތައްޔާރު ވާއިރު، މިކަލަ ބޫޓަށް އަރައިގެން އުޅުމަކީ ހަމަ ގައިމުވެސް ގައިދުރުކަން ބަހައްޓަން އެހީވެދޭނެ ކަމެކެވެ.