ads
އެލްޖީއޭ - ފޮޓޯ: އެޓޯލް ޓައިމްސް
ލާމަރުކަޒީ ގާނޫނަށް އަމަލު ކުރަން ކައުންސިލްތަކަށް އިލްތިމާސްކޮށްފި
ކައުންސިލްތަކަށް ކުރިން ދީފައިވާ ގިނަ ބާރުތަކެއް ހަނިވާ ގޮތަށް, ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ގެނައި އިސްލާހު ބުރާސްފަތި ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު, ތަސްދީގުކުރައްވައިފައި ވާތީ އެ ގާނޫނަށް އަމަލު ކުރަން, ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ރާއްޖޭގެ ހުރިހާ ކައުންސިލްތަކަކަށް މިއަދު އަންގައިފި އެވެ.
Advertisement

މި މަހުގެ ހަ ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިހުން ފާސްކުރި ބިލް ރައީސް މި ތަސްދީގު ކުރެއްވިއިރު، އެ ބިލް ތަސްދީގު ނުކުރައްވަން އެމްޑީޕީ އަދި 60 އަށް ވުރެ ގިނަ ކައުންސިލްތަކުން އެދި ބަޔާން ނެރެފައި ވެ އެވެ.

ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހުގައި ވަނީ ލޯކަލް ކައުންސިލްތަކުގެ އުމުރު ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހަމަވުމާ ދެމެދު އަހަރު ދުވަހެއް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްނަމަ، ފިނޭންސް މިނިސްޓްރީ އާއި އެލްޖީއޭއިން ކަނޑައަޅާ އުސޫލުގެ ދަށުން މެނުވީ ބައެއް ކަންކަން ކުރުން މަނާކޮށްފަ އެވެ.

އޭގެތެރޭގައި ކައުންސިލް އިދާރާއަށް މުވައްޒަފުންގެ ގޮތުގައި ނުވަތަ ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ނެގުމާއި، ކައުންސިލްގެ އިހުތިސޯސްގެ ދަށުގައި ހުރި ބިމާއި، ފަޅާއި، ފަރުގެ ސަރަހައްދުތައް ކުއްޔަށް ދޫކުރުމާއި ދިނުމުގެ އިތުރުން ކައުންސިލްތަކަށް އެކަށައަޅާފައިވާ ތަރައްގީގެ ޕްލޭންތަކުގައި ކަނޑައަޅާފައިނުވާ އާ ތަރައްގީގެ މަޝްރޫއުތައް ފެށުން ހިމެނެ އެވެ.

އެލްޖީއޭގެ ސީއީއޯ, މުހައްމަދު ނިމާލް ސޮއިކޮށް މިއަދު ރާއްޖޭގެ ހުރިހާ ކައުންސިލްތަކަކަށް ފޮނުވި ސިޓީއެއްގައި ވަނީ އެ އޮތޯރިޓީއިން ވަކި ގޮތެއް ކަނޑައަޅަންދެން އެއްވެސް ކައުންސިލަކުން ތަންތަން ކުއްޔަށް ދޫކޮށް، މުވައްޒަފުން ނަގައި، ތަރައްގީގެ އާ މަޝްރޫއުއެއް ނުހިންގުމަށާއި ގާނޫނަށް އަމަލުކުރަން ކައުންސިލްތަކަށް އަންގާފަ އެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި އާ އިސްލާހުގެ ދަށުން އެލްޖީއޭ އާއި ފައިނޭންސް މިނިސްޓްރީ އިން ބައެއް އުސޫލުތައް ހަދަންޖެހެ އެވެ. އެކަމަކު އެ އުސޫލުތައް އަދިވެސް ހަދައި ނުނިމޭ ކަމަށް ނިމާލް މިއަދު ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތައް ދިފާއު ކުރައްވަމުން ރައީސް މުއިއްޒު ދަރަވަންދޫގައި އިއްޔެ ރޭ ވިދާޅުވީ، އެއީ އެ ނިޒާމު "ހަރުދަނާކުރުމަށް، ޗެމްޕިއަން ކުރުމަށް" ގެންނަންޖެހޭ އިސްލާހުތަކެއް ކަމަށެވެ.

ރައީސް މުއްއްޒުގެ ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ބަދަލުތައް ގެނައި ނަަމަވެސް، ދެން އުފެދޭ އެމްޑީޕީގެ ސަރުކާރެއްގައި އަނެއްކާ ވެސް ކައުންސިލްތަކަަށް އިހު އޮތް ބާރުވެރިކަން ދޭނެ ކަމަށް އެ ޕާޓީން އަންނަނީ ބުނަމުންނެވެ. މިއީ ކައުންސިލްތަކުގެ ބާރު ކަނޑުވާލުމަށާއި ސަރުކާރުން ނުފޫޒު ފޯރުވުމަށް ކުރި ކަމެއްގެ ގޮތުގައި އެމްޑީޕީން ސިފަ ކުރެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް