ނުވަ ކުންފުންޏަކުން ބިޑް ކުރި ޕްރޮޖެކްޓް އެސްޖޭ އަށް ދޭން ނިންމައި، އެ ކުންފުންޏާއި އެކު އެޑިއުކޭޝަން މިނިސްޓްރީން އެއްބަސްވުމުގައި ސޮއި ކުރީ މިދިޔަ ފެބްރުއަރީ މަހުގެ ކުރީކޮޅެވެ. އެނގިފައިވާ ގޮތުގައި މާލޭ ޖަލާއި، ވިލާ ކޮލެޖާ ދެމެދު އޮތް ބިމުގައި އަޅާ އެ ސްކޫލްގެ އަމަލީ މަސައްކަތް ނުފެށި ލަސްވެފައިވަނީ އެ ތަނުގައި އޮތް ފުޓްސެލް ފުޓްބޯޅަ ދަނޑު ނެގުމާއި މެދު ކަމާގުޅޭ އިދާރާތަކަށް ގޮތެއް ނިންމުން ލަސްވުމުންނެވެ.
އޭގެ އިތުރުން ވެސް ކޮވިޑް-19 އާ ގުޅިގެން މާލެ ލޮކްޑައުންގައި އޮތުމުން ވެސް، އެ މަސައްކަތް ފެށުމަށް ދަތިތައް ކުރިމަތިވި ކަމަށް ވެއެވެ. އެސްޖޭ ކޮންސްޓްރަކްޝަނުން އިއްޔެ އެ އިމާރާތުގެ މަސައްކަތް ފެށި އިރު، ކޮވިޑް-19 ފެތުރެން ފެށުމުން ރާއްޖެ އަށް އެންމެ ގިނައިން ހިލަ އާއި ހިލަވެލި އެތެރެކުރާ އިންޑިއާ އިން އެ ސާމާނު ގެނައުމުގައި ދަތިތައް ކުރިމަތިވެ، ޝޯޓޭޖެއް އައުން އެކަށީގެންވާ ކަމަށް ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި މަސައްކަތް ކުރާ ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ މަސައްކަތް އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރީ 364 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އަދި އެ ސްކޫލުވެގެންދާނީ ވަށާޖެހޭ ތައުލީމެއް ދެވޭ، އެއްދަންފަޅިއަށް ހިންގޭނެ ފުރަތަމަ މޮޑެލް ސްކޫލަށް ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.
ދަރިވަރުން ގިނަވެ މަޖީދިއްޔާ ސްކޫލު ހިންގަން ދަތިތަކާ ކުރިމަތިވެގެން މީގެ 17 ވަރަކަށް އަހަރުކުރިން، ދަރުމަވަންތަ ސްކޫލުގެ ނަމުގައި ސްކޫލެއް އުފެއްދީ މަޖީދިއްޔާއާ އިންވެގެންނެވެ. ނަމަވެސް އެތަން ވަރަށް ބޮޑަށް ބާވެ ރެނދުލާފައިވާތީ 2016 ވަނަ އަހަރުގެ ތެރޭގައި ވަނީ އާ އިމާރާތެއް އެޅުމަށްޓަކައި އެތަން ބަންދުކޮށްފަ އެވެ. އަދި އެއަށް ފަހު އެތަން ވަގުތީ ގޮތުން ހިންގަމުން އަންނަނީ ވެލާނާގެ ކައިރީ އޮންނަ ހުސް ބިމުގައި ހަދާފައިވާ ވަގުތީ އިމާރާތެއްގަ އެވެ.
ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް ޑިޒައިން ކޮށްފައި ވަނީ 1000 ދަރިވަރުންނަށް ކިޔަވައިދެވޭ ގޮތަށެވެ. އެގޮތުން ހަ ބުރިއަށް އިމާރާތް ކުރާ އެ ސްކޫލުގައި 41 ކްލާސްރޫމް ހުންނާނެ އެވެ. ކޮންމެ ކްލާހެއްގައި ވެސް ގިނަވަގެން ކިޔަވައިދޭނީ 25 ދަރިވަރުންނަށެވެ.
މިނިސްޓްރީން ބުނާ ގޮތުގައި ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތުގައި 2022 ވަނަ އަހަރުގެ ދިރާސީއާ އަހަރާއެކު ކިޔަވައިދޭން ފެށޭނެ އެވެ.