ads
ރެގިއުލަރައިޒޭޝަން ޕްރޮގްރާމުގައި ބައިވެރިވާން ގޮސް ތިބި ބިދޭސީންތަކެއް--
ކޮވިޑް-19 ގައި ހާލުގައި ޖެހޭ ބިދޭސީންނަށް އެހީވާން ހުޅުވި ފަންޑަށް 1.3 މިލިއަން ރުފިޔާ ލިބިއްޖެ
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި މަސައްކަތްކުރަމުން އަންނަ ބިދޭސީން ހާލުގައި ޖެހެމުން އަންނާތީ، އެމީހުންނަށް އެހީތެރިވުމަށް ދިވެހި ރެޑްކްރެސެންޓުން ހުޅުވި ފަންޑަށް 1.3 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

މޯލްޑިވިއަން ރެޑްކްރެސަންޓް މައިގްރެންޓް ވޯކާސް ރިލީފް ފަންޑުގެ ނަމުގައި ފަންޑެއް ހުޅުވީ މިދިޔަ މެއި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށެވެ. އެގޮތުން އެ މުއްދަތުގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް އާއި އިސްލާމިކް ބޭންކް މެދުވެރިކޮށް ޖުމްލަ 1،374،745.79 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ރެޑްކްރެސެންޓުން ބުނެ އެވެ. 

ރެޑްކްރެސެންޓުން މިރޭ ބުނި ގޮތުގައި އެ ފައިސާގެ 85 އިންސައްތަ ބޭނުންކުރަން ނިންމާފައި ވަނީ ކާބޯތަކެތި ފޯރުކޮށްދިނުމަށެވެ. އަދި އަނެއް ދިހަ އިންސައްތަ އެމީހުން، ސާފުތާހިރުވުމަށް ބޭނުންވާ ސާމާނު ގަތުމަށް ހަރަދުކުރަން ނިންމާފައިވާއިރު ބާކީ ފަސް އިންސައްތަ ބޭނުންކުރާނީ އެ ހަރަކާތްތައް ހިންގުމަށް ހަރަދުވާ އިދާރީ ހަރަދުތަކަށް ކަމަށް ރެޑްކްރެސެންޓުން ބުނެ އެވެ. 

ރެޑްކްރެސެންޓުގެ ރައީސް އަލީ ނާޝިދު ކުރިން ވިދާޅުވި ގޮތުގައި އެހީތެރިކަމަށް ބޭނުންވެފައިވާ ބިދޭސީންނަށް އެހީތެރިވުމަށް އެ ފަންޑު ހުޅުވިއިރު މޯލްޑިވްސް ރެޑްކްރެސަންޓުން އަންނަނީ ކާބޯތަކެއްޗަށް ބޭނުންވެފައިވާ ފަރާތްތަކަށް އެތަކެތި އަދި ދިރިއުޅޭ ތަނުގައި ކެއްކޭނެ އިންތިޒާމު ހުރި ނަމަ ކާޑުގެ ބާވަތްތައް ވެސް އެފަދަ ތަންތަނަށް ފޯރުކޮށްދެމުންނެވެ. 

އޭގެ އިތުރުން ނާޝިދު ވިދާޅުވީ ކަރަންޓީން ނުވަތަ ވަގުތީ ހިޔާތަކަށް ބަދަލުކުރެވިފައިވާ ބިދޭސީންނަށް ސާފު ތާހިރުކަމަށް ބޭނުންވާ ހައިޖިން ކިޓްސް ވެސް ހަދިޔާކުރަމުންދާ ކަމަށެވެ. 

ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސީ މަސައްކަތްތެރިން އުޅެމުން އަންނައިރު ސަރުކާރުން އަންނަނީ ހާއްސަކޮށް މާލޭ ސަރަހައްދުގައި އުޅޭ ބިދޭސީން އެހެން ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންނެވެ. މާލޭގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެން ފެށިއިރު މިހާތަނަށް ރާއްޖެއިން 1829 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރޭގައި 1003 ބަންގްލަދޭޝް މީހުން ހިމެނެ އެވެ. އެގޮތުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ ތޮއްޖެހިގެން ދިރިއޫޅޭ ތަންތަނުގައި އުޅޭ ބިދޭސީންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް