ads
ރައީސް ނަޝީދު---
ރައީސް ނަޝީދު، ދުވާފަރު ދާއިރާގެ މެމްބަރަށް ދެއްވި ބަހުގެ ހަމަލާތަކާއި އެކު އިތުރު ސުވާލުތައް!
ދުވާފަރު ދާއިރާގެ އެމްޑީޕީ މެމްބަރު، އިސްމާއީލް އަހުމަދު މަޖިލީހުގެ މަސައްކަތްތަކާއި ގުޅޭގޮތުން ފާޑު ވިދާޅުވުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވައިފަ އެވެ. އެގޮތުން އެމްޑީޕީގެ "ރައްވެހި ފަތިސް ލަންކާ" ވަޓްސްއެޕް ގުރޫޕަށް ރައީސް ނަޝީދު ފުލުފުލުގައި ދޫކޮށްލެއްވި، ކުރު މެސެޖުތަކަކާ އެކު އެތައް ވާހަކަތަކެއް ވަނީ ފެންމަތިވެފަ އެވެ.

ރައްޔިތުން މަޖިލީހުގެ 41 ވަނަ ޖަލްސާގައި، ގާނޫނު އަސާސީ އަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހެޅި ހުށަހެޅުން އެޖެންޑާ ކުރުން ލަސްވުމާއި ގުޅިގެން މަޖިލީސް ހިނގަނީ އެންމެ އެދެވޭ ގޮތަށް ނޫން ކަމަށް ދޭވަހާ ގޮތަށް އިސްމާއީލް ވާހަކަ ދެއްކެވި އެވެ. އަދި ސިއްހީ ކުއްލި ނުރައްކަލަކީ، ގާނޫނު އަސާސީ އިސްލާހު ނުކުރެވޭނެ ކަމަށް ބުނާ ކުއްލި ނުރައްކަލުގެ ހާލަތު ނޫން ކަމަށް އޭނާ ވިދާޅުވެ އެވެ. 

"އަޅުގަނޑުމެންނަށް ސާފުވާން އެބަޖެހޭ މިހާރު މި މަޖިލީހުގެ އަމާޒު ހުރި ގޮތެއް. ކަންކަން މިގޮތަށް ފަހަތަށް ބުރަވެ، ނުނިމި ގޮސް ރައްޔިތުންނަށް މާ އެދެވޭ ހައްލެއް ހޯދޭ ތަނެއް އަޅުގަނޑުމެންނަކަށް ނުފެނޭ. މިއަދު ކުޑަތަން ވެގެން މި ދަނީ، ޖޫން މަހުގެ ދެ ވަނަ ދުވަހަކީ ކައުންސިލްތަކުގެ މުއްދަތު ހަމަވާ ދުވަސް. އެކަމު އަޅުގަނޑުމެންނަށް ދެ މަސް ދުވަހުގެ ތެރޭގައި މިކަމަށް ގޮތެއް ނުނިމިގެން މި އުޅެނީ. މި ރޭވުންތެރިކަން އިތުރަށް ކުރިއަރާ ދާންޖެހޭކަން އަޅުގަނޑު މި ފުރުސަތުގައި ފާހަގަ ކޮށްލަން،" އިސްމާއިލް ވިދާޅުވި އެވެ.

އެ ވާހަކަތައް ނިމުމާއި އެކު ރައީސް ނަޝީދު ވަނީ އިސްމާއީލް އަށް ނުސީދާކޮށް ބަހުގެ ހަމަލާއެއް ދެއްވާފަ އެވެ. އެގޮތުން  އިސްމާއީލް ފާހަގަ ކުރެއްވި ކަންކަން ފާހަގަ ވުމުން ސުނޫކާ ކުޅޭއިރު އެއަށް ކިޔަނީ ސްނޫކާވުން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. (ސްނޫކާ ވުމަކީ، އިދިކޮޅު ކުޅުންތެރިޔާ ޖަހަންޖެހޭ ބޯޅަ އަށް ސީދާ އަމާޒު ނުވާނެ ހެން، އެހެން ބޯޅައެއްގެ ނިވަލަށް ކިއު ބޯޅަ ލައިގެން ކުޅުންތެރިޔާ އަށް ދަތި ކުރުމެވެ.)

އެމްޑީޕީ އެތެރޭގެ ކޯޅުން ބޮޑުވެ، މެމްބަރުންގެ ހިޔާލުތައް ވެސް ބައިބައިވެފައި އޮތް ވަގުތެއްގައި އިސްމާއީލް ދެއްކެވި ވާހަކަތަކާއި ގުޅިގެން ރައީސް ނަޝީދު ވަޓްސްއެޕް ގުރޫޕަށް ދޫކޮށްލެއްވި މެސެޖުތަކުގެ ތެރެއިން އެއް މެސެޖު ވަރަށް ސާފެވެ. 

"ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއީލް ދެން ވަރަށް ބައްލަވައިގެން އަޅުގަނޑާ ދިމާއަށް ނުކުންނަވާތި" ކަމަށް ވިދާޅުވެ ރައީސް ނަޝީދު ޖައްސަވާފައިވާ މެސެޖުން ދޭހަވާ ކަމަކީ، އެ ދުވަހު މެމްބަރު އިސްމާއީލް މަޖިލީހުގައި ދެއްކެވި ވާހަކަތަކަކީ ރައީސް ނަޝީދާ ދެކޮޅަށް ދެއްކެވި ވާހަކަތަކެއް ކަމަށް އެމަނިކުފާނަށް ގަބޫލުފުޅު ކުރެވުނު ކަމެވެ.

ނަމަވެސް އިސްމާއީލުގެ ވާހަކަތަކުގައި ސީދާ ރައީސް ނަޝީދަށް އިޝާރާތް ކޮށް އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. ސީދާ ވަކި މީހަކަށް އިޝާރާތް ކުރުމުގެ ބަދަލުގައި މަޖިލީހުގެ މަސައްކަތްތަކަށް ފާޑުވިދާޅުވި އިރު އިސްމާއީލް ނިސްބަތް ކުރެއްވީ މަޖިލީހުގެ ހުރިހާ މެމްބަރުންނަށް އިޝާރާތްކޮށް، "އަޅުގަނޑުމެން" އެފަދައިންނެވެ.

ރައީސް ނަޝީދު ދޫކޮށްލެއްވި މެސެޖުތަކުގެ ތެރެއިން ސުވާލު އުފެދެނީ، ވެންޓިލޭޓަރު ގެނައުމުގެ މައްސަލާގައި ސަރުކާރުގެ އިސް ދެ ވެރިއެއްގެ ގާތުގައި "ބުނާށޭ" އެ މަނިކުފާނުގެ އަރިހުގައި އިސްމާއީލް ވިދާޅުވި ކަމަށް ބުނާ ވާހަކަ އެވެ. އޭގެ އިތުރުން ރިޔާސީ އިންތިހާބުގެ ދުވަސްވަރު އެމްޑީޕީއާ ގުޅުނު ހިޔަލީ މުހައްމަދު ރަޝީދާއި ގުޅޭގޮތުން ވެސް އެ މަނިކުފާނު އަރިހުގައި އިސްމާއީލް ވާހަކަތަކެއް ދެއްކި ކަމަށް ބުނެފައި ވެއެވެ.

ކޮވިޑް-19 އާ ގުޅިގެން ވެންޓިލޭޓަރު ރާއްޖެ އަށް ގެނައުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވި، އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން އަންނަނީ ބަލަމުންނެވެ. ނަމަވެސް މިހާތަނަށް އެ ކޮމިޝަނުގެ ތަހުގީގަށް ލިބިފައިވާ މައުލޫމާތުތަކުގެ މައްޗަށް ބަލައި، ރިޕޯޓެއް އެކުލަވާލާފައިވާއިރު އެ ކަމުގައި ކޮރަޕްޝަނުގެ އަމަލެއް ހިންގާފައިވާކަން ފާހަގަ ކުރެވިފައެއް ނުވެއެވެ.

ރައީސް ނަޝީދުގެ މެސެޖުތަކުން، އެ މަނިކުފާނު މެދުވެރިކޮށް ވެންޓިލޭޓަރު ގެނައުމަށް އިސްމާއީލް ނުފޫޒް ފޯރުވަން މަސައްކަތް ކުރި ކަމަށް ތުހުމަތު ކުރެވޭނެ ޖާގަ އޮތް ކަމަމަށް ބެލެވިދާނެ ތަނެއް ނެތް ކަމަށް ވެއެވެ. އޭގެ ބަދަލުގައި ރައީސް ނަޝީދުގެ އެ މެސެޖުން އެހެން މާނައެއް ދޭހަވާން ފަށައި، ސޯޝަލް މީޑިއާގައި ވެސް އެ ސުވާލުތައް އަންނަނީ އަމާޒުވަމުންނެވެ؛ ވެންޓިލޭޓަރު ގެނައުމުގައި ގޯސްކޮށް ކަމެއް ހިނގާކަން ފާހަގަ ވުމުން އެ ވާހަކަ އިސްލާއީލް، ރައީސް ނަޝީދުގެ ސަމާލުކަމަށް ގެންނެވީ ކަމަށް ނުވާނެތޯ އެވެ؟ 

އެފަދަ ކަމެއްގައި ގޯހެއް ހިނގާކަން މަޖިލިސް މެމްބަރަކަށް އެނގިއްޖެ ނަމަ، ފުރަތަމަ ވެސް އެ ވާހަކަ ހިއްސާ ކުރާނީ މަޖިލީހުގެ ރައީސް އާ ކަމަށް ނުވާނެތޯ އެވެ؟ އަދި ހާއްސަކޮށް އެމްޑީޕީގެ މެމްބަރަކު އެ ވާހަކަ ރައީސް ނަޝީދަށް ހިއްސާކޮށް، ގޯހެއް އުޅޭނަމަ އެކަން ހުއްޓުވަން އުޅޭނެ ކަމަށް ބެލެވެ އެވެ. ސަބަބަކީ އެމަނިކުފާނަކީ ސީދާ ކޮރަޕްޝަނާ ދެކޮޅު، އެ ފަދަ ކަންކަން ހާމަކުރައްވަން ކެރިވަޑައިގަންނަވާ ލީޑަރަކަށް ވުމެވެ.

ރައީސް ނަޝީދުގެ ކުރު މެސެޖުތަކުގެ މާނަ އެންމެ ބޮޑަށް އެނގޭނީ އެ މަނިކުފާނަށެވެ. އެކަމަކު އެ ދުވަހު މެމްބަރު އިސްމާއީލް ދެއްކެވި ވާހަކަތަކުގެ ހަގީގީ މަންޒަރު މިއަދު މި އޮތީ ފެންނާށެވެ. ސުޕަ މެޖޯރިޓީ އޮވެ، ވަގުތު ވެސް ލިބުނު ކަމެއްގައި މަޖިލީހުން އެހެން ގޮތްތަކަކަށް އަމަލުކުރަން އުޅެން ހަދައިގެން، ކައުންސިލަރުންގެ ދައުރު ހަމަވެ، ގާނޫނީ ހުސްކަމަކަށް ދާން ގަޑިއިރު ތަކަކަށް ވެފައި ވަނިކޮށް ދަންވަރު ހޭލާ ތިބެ، އެކަމަށް ހައްލެއް ގެންނަން ޖެހުމަކީ މުޅި މަޖިލިސް އަދި ހާއްސަކޮށް ރައީސް ނަޝީދު ވެސް "ސްނޫކާ" ވުމެވެ!

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް