ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން މުހައްމަދު އިބްރާހިމް ވިދާޅުވީ ހުޅުދުއްފާރު ކައުންސިލްގެ ރައީސްކަމުން އިސްތިއުފާ ދެއްވީ ކައުންސިލްގެ ތިން އަހަރުގެ މުއްދަތާއެކު ދައުރު ހަމަވުމުން ކަމަށެވެ.
އެގޮތުން ކައުންސިލްގެ ދައުރު ހަމަވުމާއެކު ރައްޔިތުންގެ ބަހެއް ނެތި ހިދުމަތުގައި ދެމި ހުރުމަށް ބޭނުން ނުވާ ކަމަށާއި މިއަދުން ފެށިގެން މަގާމުން އިސްތިއުފާދީފައިވާ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރަށަށް ހިދުމަތް ކުރުމަށް ކުރިއަށް އޮތް ކައުންސިލްގެ ރައީސް ކަމަށް ކުރިމަތިލާފައިވާނެ ކަމަށެވެ.
ހުޅުދުއްފާރު ކައުންސިލްގެ ރައީސް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން އުނގޫފާރު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ކުރެއްވި ޕޯސްޓެއްގައި ވަނީ މުހައްމަދު އިބްރާހީމްއަކީ ސުލްހަވެރި ސިޔާސީ އެއްވުމެއްގައި ބައިވެރިވުމާ ގުޅިގެން އެތައް ޒަމާނެއް ވަންދެން ވަޒީފާ އަދާކުރަމުން އައި ތަނުން ނުހައްގުން ކަނޑާލި މީހެއް ކަމަށް ވިދާޅުވެފަ އެވެ.
އަދި ވޭތުވެދިޔަ ސަރުކާރުން ކައުންސިލްތަކުގެ ހުރިހާ ބާރެއް ނިގުޅައިގަތް ނަމަވެސް މުހައްމަދު އިބްރާހީމާއި ހުޅުދުއްފާރު ކައުންސިލުން ކުރި ބުރަ މަސައްކަތް އެލްޖީއޭއިން ނެރޭ ކައުންސިލްތަކުގެ ޕާފޯމަންސް ރިޕޯޓުންވެސް އެކަން ފެނަން އޮންނާނެ ކަމަށް ވިދާޅުވި އެވެ.
އެގޮތުން އެމްޑީޕީ ކޯލިޝަންގެ ވެރިކަމެއް ފެށުނުފަހުން ހިދުމަތްކުރަން ލިބުނު ދޮޅު އަހަރެއް ތެރޭގައި އެރަށުގެ ތަރައްގީއާއި ކުރިއެރުމަށް މަސައްކަތް ކޮށްފައިވާއިރު ރަށުގެ ސްކޫލާއި ތައުލީމު ކުރިއެރުވުމަށް އިސްކަން ދީފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
އޭގެ އިތުރުން ވައްޑޭ ވިދާޅުވީ މިއަދުން ފެށިގެން ހުޅުދުއްފާރަށް އެ ހުއްޓެނީ ވަރަށް ވަރަށް ހިދުމަތްތެރި އިހްލާސްތެރި ހިންގުންތެރިއެއްގެ ހިދުމަތެއް ކަމަށެވެ. އަދި ވޭތުވެދިޔަ ތަނުގައި ދުވަހަކުވެސް ގުޅައިގެން އަމިއްލަ ކަމެއްގެ ވާހަކަ ދައްކާފައި ނުވާ ކަމަށާއި އަބަދުވެސް ދައްކާފައި ހުރީ އެރަށުގެ ތަރައްގީއާއި ރައްޔިތުންނާގުޅޭ ކަންކަމުގެ ވާހަކަ ކަމަށް ވިދާޅުވި އެވެ.