ads
މާވާރުލު އެއާޕޯޓް-- ފޮޓޯ: ޓްރެވަލް ޓްރޭޑް މޯލްޑިވްސް
ކޮވިޑް-19 ގެ ކަންކަމުން ސަލާމަތްވާއިރަށް މާވަރުލު އެއާޕޯޓް ހުޅުވާނަން: މިނިސްޓަރު
ގދ. ގައި ތަރައްގީކުރި،، މާވަރުލު އެއާޕޯޓުގައި ޓެސްޓް ފްލައިޓް ޖައްސައި، އެއާޕޯޓް ހުޅުވަން ތައްޔާރުވެފައިވަނިކޮށް ކޮވިޑް-19 ފެތެރެން ފަށައި އެ މަސައްކަތް މިހާރު ހުއްޓިފައި އޮތްއިރު މި ބަލިމަޑުކަމުން އަރައިގަނެވުނުހާ އަވަހަކަށް އެތަން ހުޅުވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އެގޮތަށް ވިދާޅުވެފައި ވަނީ އޮންލައިންކޮށް މިރޭ ބެއްވި ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގައި މެމްބަރަކު ކުރެއްވި ސުވާލެއްގެ ޖަވާބުގަ އެވެ. 

އެގޮތުން މިނިސްޓަރު ވިދާޅުވީ، މާވަރުލު އެއާޕޯޓުގެ މަސައްކަތް ނިންމައި އެތަން ހުޅުވުމުގެ ފޮނި އުއްމީދުގައި ތިއްބައި ކޮވިޑް-19 ގެ ކަންކަމާއި ހުރެ އެތަން ނުހުޅުވި ލަސްވާތީ ވަރަށް ބޮޑަށް ހިތާމަކުރައްވާ ކަމަށެވެ. 

"އަޅުގަނޑުގެ ވުޒާރާގެ ދަށުން ހިންގާ ކަންތައްތަކެއް މިއީ. އެކަމަކު ހާލަތަކީ އިންސާނުންނަށް ބަދަލުކުރެވޭނެ އެއްޗެއް ނޫން މިހެންދިމާވާ ކަންތައްތަކަކީ. އަޅުގަނޑުމެން ދާންޖެހެނީ މަޑުމަޑުން މިއާ އެއްގޮތަށް. ﷲ ގެ އިރާދަފުޅުން މިކަންތައްތަކުން ސަލާމަތްވާއިރަށް ވީހާވެސް އަވަހަކަށް މި ލިބޭ ފުރުސަތުގައި އަޅުގަނޑުމެން އެއާޕޯޓް ހުޅުވުމުގެ މަސައްކަތް ކުރިއަށް ގެންދާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

މާވަރުލު އެއާޕޯޓްގެ ރަންވޭ އާއި އޭޕްރަން އަދި ޓެކްސީވޭ އެޅުމުގެ މަސައްކަތް 57 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކުރީ 2018 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ.

މާވަރުލުގައި ހަދާފައި ވަނީ 150 މީޓަރުގެ ފުޅާ އަދި 1200 މީޓަރުގެ ރަންވޭއެއް ހިމެނޭ އެއާޕޯޓެކެވެ. 

މާވަރުލުގައި އެއާޕޯޓެއް ތަރައްގީ ކުރުމަށް 2011 ވަނަ އަހަރުގެ ޖުލައި މަހުގެ 10 ވަނަ ދުވަހު މޫވިން އިންޓަނޭޝަނަލް ނަމަކަށް ކިޔާ ކުންފުންޏަކާއި ހަވާލުކުރެވުނެވެ. ނަމަވެސް އެތަނުގެ މަސައްކަތްތައް އެކަށީގެންވާ ގޮތެއްގައި ކޮށްފައިނުވާތީ ސަރުކާރުން އެތަން ނަގައި އެމްޓީސީސީއާ ހަވާލުކުރި އެވެ.

މާވަރުލު އެއާޕޯޓާއެކު ގދ. އަތޮޅުގައި ދެ އެއާޕޯޓަކުން ހިދުމަތް ލިބޭނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް