ކޮވިޑާއި ގުޅިގެން މެދު ކަނޑާލާފައިވާ ސްޕެއިންގެ ފުޓްބޯޅަ އަލުން ފަށާނީ މި މަހުގެ ދިހަވަނަ ދުވަހުއެވެ. ދިހަވަނަ ދުވަހު، ދެވަނަ ޑިވިޝަންގެ މެޗެއްގެ ފަހު ހާފުން ފުޓްބޯޅަ ސްޕެއިންގައި އަލުން ފެށުމަށް މިހާރު ނިންމާފައިވާއިރު، ސްޕެނިޝް ލަލީގާގެ ކުޅުން ފެށޭނީ މި މަހުގެ އެގާރަ ވަނަ ދުވަހުއެވެ.
ރަޔޯ ވޮލެކާނޯއާއި އަލްބަކާޓޭގެ މެޗުގެ ދެވަނަ ހާފުން ސްޕެއިންގެ ފުޓްބޯޅަ އަލުން ފަށާއިރު މި މެޗަކީ ހުސްވި އަހަރުގެ ޑިސެމްބަރު މަހު ކުޅެން އޮތް މެޗެކެވެ. އޭރު މެޗުގައި ދިމާވި ހަމަ ނުޖެހުންތަކަކާއި ގުޅިގެން މެޗުގެ ފުރަތަމަ ހާފަށް ފަހު މެޗު އޮތީ މެދު ކަނޑާލާފައެވެ. މެޗު މެދު ކަނޑާލިއިރު ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހެއެވެ. މި މެޗުގެ ދެވަނަ ހާފު މިދިޔަ ފެބްރުއަރީ މަހު ކުޅެން މަސައްކަތް ކުރި ނަމަވެސް އޭރު ދިމާވި ސަބަބުތަކަކާއި ހުރެ ނުކުޅެވި އޮތީއެވެ.