ބޭރުގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި ފްލޮއިޑްގެ އާއިލާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެކުއްޖާގެ ކިޔެވުމުގެ ހަރަދަށް ދެ މިލިއަން ޑޮލަރުގެ އެހީއެއް ކަންޔޭ ވަނީ ދީފަ އެވެ.
އޭގެ އިތުރުން ވެސް މަރާލާފައިވާ ކަޅު ނަސްލުގެ ދެ މީހެއްގެ އާއިލާއަށް އޭނާ ވަނީ ދެ މިލިއަން ޑޮލަރުގެ އެެހީތެރިކަން ފޯރުކޮށްދީފައި ކަމަށް ބުނެ އެވެ.
އެ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދޭން ކަންޔޭ ނިންމިއިރު އެމެރިކާގައި ގިނަ އަދަދެއްގެ ބަޔަކު އަންނަނީ ނަސްލީ ތަފާތު ކުރުމާ ދެކޮޅަށް މުޒާހަރާކުރަމުންނެވެ. އެމީހުން އެއް އަޑަކުން ގޮވަމުން އަންނަނީ ނަސްލީ ތަފާތުކުރުން ނައްތާލުމަށެވެ.
ފުލުހުންނާއި ކުރިމަތިލައި އެމީހުން އަންނަނީ އެއްބައެއްގެ ގޮތުގައި އެކަމުގައި މަސައްކަތް ކުރަމުންނެވެ. އަދި ގިނަ އަދަދެއްގެ ތަރިން ވެސް އަންނަނީ ފްލޮއިޑް މަރާލުމާއެކު އެކަމުގެ ހިތާމައިގައި ބައިވެރިވަމުންނެވެ.
ފްލޮއިޑް މަރުވީ ހައްޔަރުކުރަން އުޅުމުގެ ތެރޭގައި އޭނާގެ ކަރަށް ކަކުލުން އަރައި ފިއްތައިގެން ގާތްގަނޑަކަށް ނުވަ ވަރަކަށް މިނެޓް ހުރުމުގެ ސަބަބުން ނޭވާ ނުލެވިގެންނެވެ.
މަޝްހޫރު ތަރި، ކަންޔޭއަކީ ޕޯބްސްގެ ބިލިއަނަރުންގެ ލިސްޓުގައި ހިމެނޭ ތަރިއެކެވެ. އޭނާގެ މިލްކިއްޔާތުގައި 3.3 ބިލިއަން ޑޮލަރު އެބަހުރި ކަމަށް އޭނާ ބުނެ އެވެ.