ads
ވާހަކަ: ކަފާސް
ވާހަކަ: ކަފާސް
މެންދުރުން އަނބުރާ ދޭއް ނުޖަހަނީސް ރަށުގެ ދޯނިފަހަރު މަސްބައިގެން ރަށަށް ޖަމާވަމުން ދިޔައެވެ. މަސްވެރިކަން ތިޔާގި ދުވަސްވަރެއް ނަމަ ރަށުގެ ހާލަކީ މިއީއެވެ. ހެނދުނު އެންދަމާ ނިންމައިގެން ދިގުފަރު ބޭރުން މަސްވެރިން މަސްބާނާ މަންޒަރު ރަށުގައި ތިބޭ އަންހެންވެރިންނާއި ކުދިންވެރިން ބަލަމުންދަނީ ހިނިތުންވެ ތިބެގެންނެވެ. ހައްސަގޮދާ ބައިގެން އިހުގައި ދޯނިފަހަރު ބަނދަރު ޖެހުމުން އޮޑިވެރިންގެ ހަދިޔާއަށް އެރުވުނު ފަރިވަޅުތައް މިއަދު މިވަނީ މާޒީއާ އެކުވެފައެވެ. އެހެނަސް، މާމަކުނުދޫގައި އަދިވެސް އެ ސަގާފަތް އޮތީ ދިރި އާލާވެއެވެ. ކުޑަ ތަފާތަކާ އެކުގައެވެ. ހައްސައިގެ ބަދަލުގައި ޓަނުންނެވެ. ޓަނުގެ ރޭޓުން އޮޑިވެރިޔާގެ އިނާޔަތްތައް އިތުރުވާ އުޞޫލުންނެވެ. ފަރިވަޅުގެ ބަދަލުގައި ބަންދުކުރެވުނު ކާނާގެ ބާވަތްތަކެވެ. ދަޅާއި ފުޅި ފަދަ ތައްޔާރީ ކާނާއެވެ.
މެންދުރުން އަނބުރާ ދޭއް ނުޖަހަނީސް ރަށުގެ ދޯނިފަހަރު މަސްބައިގެން ރަށަށް ޖަމާވަމުން ދިޔައެވެ. މަސްވެރިކަން ތިޔާގި ދުވަސްވަރެއް ނަމަ ރަށުގެ ހާލަކީ މިއީއެވެ. ހެނދުނު އެންދަމާ ނިންމައިގެން ދިގުފަރު ބޭރުން މަސްވެރިން މަސްބާނާ މަންޒަރު ރަށުގައި ތިބޭ އަންހެންވެރިންނާއި ކުދިންވެރިން ބަލަމުންދަނީ ހިނިތުންވެ ތިބެގެންނެވެ. ހައްސަގޮދާ ބައިގެން އިހުގައި ދޯނިފަހަރު ބަނދަރު ޖެހުމުން އޮޑިވެރިންގެ ހަދިޔާއަށް އެރުވުނު ފަރިވަޅުތައް މިއަދު މިވަނީ މާޒީއާ އެކުވެފައެވެ. އެހެނަސް، މާމަކުނުދޫގައި އަދިވެސް އެ ސަގާފަތް އޮތީ ދިރި އާލާވެއެވެ. ކުޑަ ތަފާތަކާ އެކުގައެވެ. ހައްސައިގެ ބަދަލުގައި ޓަނުންނެވެ. ޓަނުގެ ރޭޓުން އޮޑިވެރިޔާގެ އިނާޔަތްތައް އިތުރުވާ އުޞޫލުންނެވެ. ފަރިވަޅުގެ ބަދަލުގައި ބަންދުކުރެވުނު ކާނާގެ ބާވަތްތަކެވެ. ދަޅާއި ފުޅި ފަދަ ތައްޔާރީ ކާނާއެވެ.

މަގުމަތި ހަލަބޮލި ވެފައިވަނީ މަސްވެރިންގެ ހޭލަމޭލަވުން ތަކުންނެވެ. ކަރުނަގައި ނޮޅައި ލޮނު ފެނުން ސާފުކޮށްފައިވާ ތާޒާ ގޮދަޔާއި ކުދި ކަންނެލީގެ އިތުރުން، އާދައިގެ މަސްތައް އަތު އެލުވައިލައިގެން މަސްވެރިން ހެވިދިލިފައިވާ މޫނުތައް ދައްކަމުން އެއްގަމާ ވީކޮޅަށް މިސްރާބު ޖަހައިފައި ތިއްބެވެ. މަސްވެރިންގެ ވަށައިގެން އެވެރިންގެ ޅަ ދަރިންތައް ފައިހަމަކުރަމުން ހިނިތުންވުމުގެ މަންޒަރުތައް މޫނުމަތިން ދައްކަމުން މިސްރާބު ހުރީ އެއްގަމަށެވެ. ބައްޕަ މަހުން ލަފާ މަންޒަރު ދެކިލުމަށް ޖަމާވަމުން ދިޔަ ހުރިހާ ކުދިން ވެސް އެއްގަމާ ވީކޮޅަށް މިސްރާބު ޖަހައިފަ ވަނީ އެޗކުދިންގެ މަންމަ ނުވަތަ މާމަގެ ބެލުމުގެ ދަށުން ބައްޕަގެ ފަހަތުގައި ގުރޫޕު ހަދައިލައިގެން ތިބެގެންނެވެ. އުފާވެރިކަމުގެ ސާލެއް މުޅި ދޭހަށް ފަތުރުވާ ފަދައެވެ.

"ކޮބާ ވެރިޔާ! މިއަދު ކިތައް ޓަނުން ދޯނި ބައިގެން އެ އައީ؟" ކާސިމުފުޅުގެ އެންމެ ގާތް އެކުވެރިޔާ އާދަންފުޅު ސުވާލު އަމާޒުކޮށްލީ އެއްގަމާ ވީކޮޅަށް މިސްރާބު ޖަހައިފައިވާ ކާސިމުފުޅަށެވެ.

"އާނ އާދަންބޭ. އިރާދަކުރެއްވީތީ މާތް ރަސްކަލާނގެ ހެޔޮރަޙުމަތުން، މަސައްކަތް މިދަނީ ހަމަ ކުރިއަށް. ދުވަހެއް ދުވަހަކަށް ކުރިއަރަމުން މިދަނީ. އަދު ވެސް ޓަނެއް އިތުރަށް ބައިފި. އެހެންވެ ފަޅުވެރިންނަށް ފަރިވަޅެއް ފޮނުވައިފަ އެއްގަމަށް މި އަރަނީ. އެންކެޔޮޅު ވެއްޖެ މަސްހިފައިގެން ގެއަށް ފޮނުވައިފަ. ހައްވާފުޅަށް އަންގައިފަ އޮންނާނެ ތިގެއަށް ވެސް ގޮދައެއް ފޮނުވަން." އާދަމްފުޅާ އަރާ ހަމަކުރަމުން ކާސިމުފުޅު ވާހަކަ ކުރިއަށް ގެންދިޔައެވެ.

"އަލްޙަމްދުލިﷲ. ބުނެވޭނީ ކާސިމުފުޅުގެ ހީވަގިކަމާއި ކަމަށް ކަމޭހިތާ ހިތުމަކީ ތިޔަ ގޮތުގައި ކުރިއެރުމުގެ އަސްލޭ. ހިނގާބަލަ ގެއަށް ވަދެލަން! ކަތްދަ އެބަހުރި ނިކަން ރަނގަޅަށް ސައި ތައްޔާރުކޮށްފަ. ކާސިމުފުޅު ހޯދަން މިދަނީ ވެސް..."
ދެ މިތުރުން ރަށުގެ މައިމަގުން އެއްގަމާ ވީކޮޅަށް މިސްރާބު ޖެހީ އޮލަވާހަކައެއްގައި ތުންގުޅައިލަގެން ތިބެއެވެ. ހިނދުކޮޅެއް ނުވަނީސް އެވެރީން ތިބީ އާދަންފުޅުމެންގެ ގޭގެ ބޮޑުއަށިމަތީ ދެފައި ވަށްކޮށްގެން ހަވީރުގެ ސަޔަށް އިންސާފުކުރުމައިގެންނެވެ. ދިވެހި ކެއުންތަކުން ފަޅުފިލުވައިލެވިފައިވާ ސުފުރާ މައްޗެކެވެ. ބިންބިފުށުގެ ފެނުކެއްކި ބިހާއި ސާގުފަންޏެވެ. ފެނުކެއްކި އަލައާއި ރަންގު ކައްޓަލައެވެ. ބިންބި ފަތަފޮޅީގެ ދެ ވައްތަރެވެ. ރިހާކުރު ފޮޅިއާއި ފެންފޮޅިއެވެ. ބޯކުރި ބަރަބޮލާއި ފެނުކެއްކި ބަނބުކޭލެވެ. ކާތަކެތީގެ މީރުވަހުން މައިގެތެރެ އެއްވަސް ކުރުވައިފައި ވެއެވެ.

"ހާދަ ރަނގަޅަށް ސައިހަދައިފަ! އަނެއްކާ އަހަރުމަތި ދުވަހެއްބާ. ނޫނީ ވަލީވެރިއަކަށްވީ ކުއްޖާ ލިބާސްލައްވާ ދުވަސް." ކާސިމުފުޅު ހިނިތުންވެ އިނދެ ކަތްދަގެ މޫނަށް ނަޒަރު ހުއްޓައިލިއެވެ.

"ތީ ހަމަ ދެ ނިޔަތެއްގަ ތައްޔާރުކުރި ސަޔެއް. ކާސިންބޭ ތީ އަދާންފުޅުގެ މާ ގާތް މިތުރެއްވިއްޔަ، އެހެންނޫނަސް އެއްތަށިމަތިން އަތްދޮވެލާ ހީ ސަމާސާކޮށްލުމަކީ އަހަރުމެން ދިވެހިންގެ އާދައެއް ނޫންތަ. ދެން އަދަކީ މީ އާދަންފުޅުގެ އަމާ ނިޔައިވިތާ ދިހަ އަހަރު ފުރޭ އަހަރު މަތިދުވަސް. ކަންދިމާވި ގޮތުން އެ ދުވަސް ދިމާވެފައި މި އޮންނަނީ އެމަންޖެ ވިހެއި ދުވަހާ." ފެންބޯ ލޯވަށްޓަށް ފެންއަޅައި ކާސިމުފުޅަށް ދިއްކޮށްލަމުން އާދަންފުޅުގެ މޫނަށް ކަތްދަ ބަލައިލިއެވެ.
ކަތްދަގެ މޫނު މަތިން ހިނިތުންވުމެއް ބަބުޅުވަމުންނެވެ.

"ކޮބައިތަ އެ މަންޖެ! އެ މަންޖެއަށް ވެސް މިހާރު ފަނަރަ ފުރުނީދޯ! އާދަންބެގެ އަމާ ނިޔައިވީ އެ މަންޖެއަށް ފަސް އަހަރުގައިތަ؟ ދެން އެ މަންޖެ އަވަހަށް މީހަކާ ދެވަނީތަ؟" ކާސިމުފުޅު ފެން ކޯވަރެއް ބޮއެލުމަށްފަހު ދެވަނަ ކޯވަރު ބޮއެލުމުގެ ކުރިން އާދަންފުޅަށް ސުވާލު އަމާޒުކޮށްލިއެވެ.

"ދެން އޮތީ ތިކަމެއްނު. ހިތަށް އެބައަރާ އިހަށް އެމަންޖެ ރުހެންޏާ ކިޔަވަން މާލެ ނޫނީ ކަރައަކަށް ފޮނުވަންވީއޭ." އާދަންފުޅު ކެއުން ނިންމާލަމުން ކަތްދަ ދިއްކޮށްލި ފެން ލޯވަށީގައި ހިފައިލިއެވެ.

"އަހަރުމެންގެ އެސޮރު ވެސް މާދަމާ އެބައާދޭ. އުތުރުކަރައިން ވެސް އަސޭއިން ވެސް މިހާރު ނިކަން ފަހިކޮށް އެބަ ކިޔެވޭ، އެ މަންޖެ ވެސް އިހަށް އެސޮރާ އެކު ކިޔަވަން ފޮނުވަން އުޅެންވީނު. ކަތްދަ މިކަމާ ބަހެއް ނުކިޔާ ތިޔަ ހުންނަނީޔޯ." ކާސިމުފުޅު ބަލައިލީ ކަތްދަގެ މޫނަށް އަރައި ފައިބަމުން ދިޔަ ކުލަވަރަށެވެ.

"އަންހެން ކުއްޖަކު އެކަނިމާ އެކަނި ބޭރުކަރަ އަކަށް ދޫކޮށްލާކަށް އަހަރެންނަކަށް ނުރުހެވޭނެ. އެއްގޮތަކަށް ވެސް އަހަރެންގެ ހިތަށް ކިޔަމަނެއް ނުވާނެ." ކަތްދަގެ އަޑުގައި އިތުރު ރިހުމެއް އުތުރި އަރަމުން ދިޔައެވެ.

"ބަލަ ކަތްދާ..! ކަތްދަގެ ތިޔަ ވިސްނުން އަދި ކަމަކު ނުދޭ. ބަލަ މިހާރު މިއީ އެ ޒަމާނެއް ނޫނޭ. މިހާރު ހުރިހާ ކަމެއް މިދަނީ ބަދަލުވަމުން. އަންހެން ފިރިހެން ހަމަހަމަވަމުން. އުނގެނުން ފުޅާވަމުން. ނޭނގޭ މީހާ ދުވަސްކޮޅަކުން ވާނީ އަޗާތަޅާ ހުސް ޅޮހުންނަށް." ކާސިމުފުޅު ހުއްޓާލަމުން އާދަންފުޅުގެ މޫނަށްބަލައިލިއެވެ.

"އާދަންބެ ރުހި ޤަބޫލުކަމަށް ވަންޏާ އެސޮރާއެކު އެމަންޖެ އުތުރުކަރައަށް، އެ މަންޖެ ކިޔަވަން ބޭނުން އެއްޗެއް ކިޔަވަންފޮނުވަން ތައްޔާރުވޭ. އެ ސޮރު ހުންނަ ގޭގަ އެ މަންޖެއަށް ހުރެވޭނެ. އެ ސޮރަށް ފޮނުވާ ކޮންމެ އެއްޗަކަށް އެއްޗެހި ހޯދައިދޭނަން. ބޭނުންވަނީ ހަމައެކަނި ތިޔަ ދެމަފިރިންގެ އާނ ބަސް." ކާސިމުފުޅު މަޑުމަޑުން ބޯޖަހައިލަމުން އާދަންފުޅުގެ މޫނަށް ފުންނަޒަރަކުން ބަލައިލިއެވެ.

"އެސޮރު އެ އަންނަނީ ނިމިގެންނެއް ނޫންތަ؟" އާދަންފުޅުގެ ސުވާލުގެ މިސްރާބު މަޑުމަޑުން ބަދަލުކޮށްލީ ކަތްދަގެ ހާލަތަށް ވިސްނައިލެވުމުންނެވެ.

"އެ ހަދާ ކޯހެއް ނިމުނީޔޯ. ފުރަތަމަ ޑިގުރީއެކޯ އެސޮރު ބުނީ. ދެން އެއާ ޖެހުނު ޑިގުރީއެއް ހަދާ ނިންމާފައޭ ބުނީ ހުއްޓާނީ. އެ ހުރީވާ ފިސާރި ރޯފިލާފަ ހުރި ދަރިއެއް މަށަށް ލިބިފަ. ކަންކަން އަވަހަށް ދެނެގަތުމާ މީހުންގެ ބޯކައިލާނެހެން ވާހަކަދައްކާލަން އެވަރެއް ނެތް. މަ ހަމަ ބުނާނީ އެ ވަރަށް ކިޔެވުނީމަ ކޮންމެ ކުއްޖަކަށް ވެސް އެވަރުގެ ތޫނުކަމެއް ލިބޭނޭ. އާދަންބެގެ އެމަންޖެއަކީ ވެސް މިރަށުން ހޮވާލެވޭ ތޫނުކުއްޖެއް. އެހެންވީމަ އެ ތޫނުކަން ނަގައިލާނެ ކަމެއް ނެތް. ތިޔަ ދެމަފިރިންގެ ތިޔަ ހެޔޮ ކަމުގެ ބަދަލު އަހަރެން ދުނިޔޭގައި ހުއްޓާ ހަދިޔާއަކަށް އެ މަންޖެގެ ކިޔެވުމާ ހަވާލުވަން ދެ މަފިރިން ހިތްހަލާލުބަސް މިއަދު މި އެދެނީ. މިރަށުގެ އުޖާލާކަމަށް ޓަކައި..." ރަށުރާގު އަޅުވައިލަމުން ކާސިމްފުޅުގެ ވާހަކަ އޮލަކުރަމުން ދިޔައީ ދަރިފުޅާމެދު ފަޚްރުވެރިވަމުންނެވެ.

ކާސިމުފުޅު ބޭނުންވީ ވަކިގޮތަކަށް ނިމެންދެން އެ ދެމަރިފިންނަށް ވިސްނައިދޭށެވެ.
"ތީގަ އާދަންބެ ބަހެއް ކިޔާނެ ޖާގައެއް ނެތް. އެ މަންޖެ ބޭނުންވެފަ ކަތްދަ ރުހޭކަމަށްވަންޏާ އާދަންބެގެ އެއްވެސް މައްސަލައެއް ނެތް." އާދަންފުޅު މަޑުމަޑުން ރަށު ރާގުއަޅުވައިލަމުން ކަތްދަގެ މޫނަށް ނަޒަރު ހިންގައިލީ ލަސްލަހުން ވާހަކަދައްކަމުންނެވެ.
ކަތްދަ ފުންވިސްނުމެއްގެ ތެރޭގައި ކަނާއަތު އުޅަބޮށީގައި ވައަތުން ހިފައިގެން އަތްއުރައިލައިގެން، ކަނާއަތުން ދަތްދޮޅީ އަތްވިދެލައިގެން ބަލަހައްޓައިގެން ހުރެވުނީއެވެ. ބަލަނީ ކޮންތަނަކަށް ކަން ނޭނގި ހުރި މަންޒަރު ފެނުމުން އާދަންފުޅު ދެ ފަހަރަކު ގޮވައިލިއެވެ.

"ތިޔަ ކަމުގައި އަހަރެން ވަކި ބުނާނީ ކީކޭ! މީހަކު ހެޔޮހިތުން ކޮށްދޭ ކަންކަމުގައި ޝުކުރުވެރި ހިތަކުން ބަލައިގަތުމީ މައިންބަފައިން އަހަންނަށް އުނގަނައިދިން ކަމަކީ. ފުރުޞަތުގެ ބޭނުން ހިފުމަކީ ދިވެހިން ކުރިއަރައިދިޔުމުގެ އަސްލެއްކަމަށް އެދުރު ދައިތަ ބުނިބަސް މި ހިނދުރީގައި ދެންމެ ބުނިވާހަކައެއް ހެން އަދިވެސް އެބަހުރި. ދެން ދަނޑު ހައްދައިގެން ވެސް ފުދޭވަރެއްގެ ރަނގަޅު އެއްޗެއް އެބަ ލިބޭ. ޖަމާގަ ވެސް މިހާރު އުޅޭނެ އެ މަންޖެއަށް ކިޔަވައިދެވޭނެ ވަރަށް ދޯ އާދަނާ." ކަތްދަ ފުން ނޭވާއެއް ދޫކޮށްލަމުން ކާސިމުފުޅާއި އާދަންފުޅުގެ މޫނަށް ހިނިތުންވަމުން ބަލައިލިއެވެ.

މަޑުމަޑުން ޖެހެމުންދިޔަ ވައިރޯޅިތައް ހަރުވަމުން ޖައްވު ހަލަބޮލިވަމުން ދިޔައެވެ. މީސްތަކުންގެ ފިކުރިއްޔާތާއި ކުޅެވެމުން ދިޔަ އަޑުތައް ކައުނުގެ ތެރޭގައި ގުގުމަމުން މިތުރުންގެ ހިތަށް ދަތިކުރި ރޭތަށް ފަތިހަށް ނިމެމުން ދިޔައެވެ. އެހެންމެ، މިތުރުންގެ ގުޅުންތައް ބީވަމުން ގުޅުންތައް ކަފާސްވަމުން ހީނަރުވަމުން ދިޔައެވެ. އެއްތަށި ކައިއުޅުނު އެތަކެއް ބަޔަކު މޫނާއި މޫނު ދިމާނުކޮށް ދެ ބުރަކަށި ޖައްސައިގެން އެއް މުޖުތަމަޢުއެއްގައި އުޅެން ފެށި ދުވަސްތައް ދިވެހި ދީބުން ފެންނަށް ފެށީ ބަލަބަލައި ތިއްބައެވެ. ދުނިޔެ ދައްކާ ކުލަވަރަށް ހެއްލެމުން ހިމޭންކަން އޮބައި ހަލަބޮލިކަން ކައުނުގައި ގުގުމަމުން ދިޔާއީ އެއްވެސް ކަމަކަށް ފަރުވާލެއްނެތިއެވެ.

ދުވަހަކީ ކާސިމުފުޅުގެ ދޮށީ ދަރިފުޅު، އަޙްމަދު އުނައިނާއި، އާދަންފުޅުގެ ދޮށީ އަންހެންދަރިފުޅު ސައުޖަތު ސަރާ ކިޔެވުމުގެ ބަރުބޮޑު ބުރަ ނިންމާލުމަށް ރަށަށް އަންނަ ދުވަހެވެ. ދެ ޢާއިލާގެ އެންމެން އިސްތިޤްބާލަށް ބަނދަރަށް ޖަމާވެފައި ތިއްބެވެ. އާދަންފުޅާއި ކަތްދައާއި ދެވަން ފުރައަށް އަޅައިފައި ތިބި ދެ ދަރިން ތިބީ ރުކެއްގެ ހިޔަލުގައެވެ. ކަތްދަގެ ކިހިލީގައި ދެ އަހަރަށްދާ ދަރިފުޅަކު އިނެވެ. ކަތްދަގެ ދަނބުކުލައިގެ ލިބާހާއި ކަނޑިކީގެ ވިދުމުން ލޯ ތަރަތަރަ ޖަހައިގެން ދާވަރުވެއެވެ. ބޮލުގައި އޮޅާލައިފައިވާ ރީނދޫ ކުލައިގެ ފޮތިކޮޅުން އިތުރު ފުރިހަމަ ކަމެއް ގެނުވައިދެއެވެ. އާދަންފުޅު ވެސް ނަލަހެދި ޒީނަތްތެރިވެފައިވަނީ ހުކުރު ހެދުމުންނެވެ. ތަރުތީބުކުރެވި ވައަތްފަރާތަށް ފުނާއަޅައިލެވިފައިވާ އިސްތަށިގަނޑުގެ ވިދުން މާދުރަށް ފާހަގަވަމުން ދިޔަ އިރު، މޫނުމަތިން އުޖާލާކަން އެ ވަރަށް ފެންނަމުން ދިޔައެވެ.

ބަނދަރުގައި ހައްދާފައިވާ ރުކެއްގެ ހިޔަލުގައި ކާސިމުފުޅުގެ އަނބި ހައްވާފުޅާއި ކާސިމުފުޅުގެ ބޮޑުދައިތަ ހަސީނާގެ ޢާއިލާގެ ދެ އަންހެނަކު ތުންގުޅުވައިގެން ތިއްބެވެ. އެވެރިންވެސް ތިބީ ޢީދުރޯދައަށް ނަލަހެދޭ އުޞޫލުން ޖަރީވެގެންނެވެ. ކާސިމުފުޅު ދުރުން އިރުން ހުޅަނގަށް މިސްރާބު ޖަހައިފައި ހުއްޓެވެ. މަޑުމަޑު ހިނގުމެއްގައި އުފާވެރި މޫނަކައިގެން ހައްވާފުޅާއި ޢާއިލާ މަޑުކޮށްގެން ތިބި ރުކާ ދިމާއަށެވެ. އޭރު ރަށުގައި ދުއްވާ ސައިމާ ބޯޓް ފަޅުގައި ބަނދަރުކޮށް ނަގިލީގެ ވާ ކާވިޔާގައި ހައްޔަރުކުރަނީއެވެ. ކާސިމުފުޅުގެ އަތުގެ އިޝާރާތަށް ހައްވާފުޅާއެކު ތިބި ގުރޫޕު އެއްގަމު ތޮއްޓާދިމާއަށް މިސްރާބު ޖެހީ އެވަގުތުއެވެ.

ބޯޓު ބަނދަރު ކުރުމާއެކު ކާސިމުފުޅުގެ ދަރިފުޅު އުނައިން ކޮނޑުގައި ދަބަހެއް އެލުވައިގެން، އެއްއަތުން ބޮލުގެ އިސްތަށިގަނޑު ރީތިކުރަމުން އަނެއް އަތުން، ރީތި ފުރިހަމަ އަންހެން ކުއްޖެއްގެ އަތުގައި ހިފައިގެން ބޯޓުން ފޭބިއެވެ. ޕާކިސްތާނު ހެދުމެއްގައި ހުރި ފުރިހަމަ ސާއްބަ އަންހެން ލަތީފެކެވެ. އިސްތަށިގަނޑު ހާމައަށް ދޫކޮށްލެވިފައިވުމުން ޖެހުމުން ދިޔަ ވައިރޯޅިތައް ފަން އިސްތަށިގަނޑާ މައްލަވަ ކުރަމުން ދިޔައެވެ. އަޅައިފައިވާ ކަޅުއައިނުން މޫނުމަތި އިތުރަށް ފުރިހަމަކޮށްދެއެވެ. މަޑުފިޔާތޮށި ކުލައިގެ ލޭސް ދޯޕައްޓާ ވަޔާ ހޫރެމުން ދިޔައިރު ސިފަވަމުން ދިޔައީ ފިލްމީ މަންޒަރެކެވެ. އުނައިނުގެ ބައްޕަ ފެނުމުން ކައިރިވެލަމުން ގައިގައި ބައްދާލިއެވެ. އޭރު އާދަމުފުޅާއި ކަތްދަގެ ޢާއިލާ އައިސް އެމީހުންނާ އަރާ ހަމަވަނީއެވެ.

އުނައިނުގެ ކައިރީ ހުރި އަންހެން ކުއްޖާ ގެނައި އަވަސް ހަރަކާތަކާއެކު ކަތްދަގެ ކޮނޑުގައި އޮޅުލައިގަތެވެ. ކަތްދަ ވެސް އެ ޒުވާނާގެ ގައިގައި ފިރުމަމުން އޮޅުލަމުން ދިޔައެވެ. އެންމެންގެ މޫނުމަތިން ފެންނަމުން ދިޔައީ އުފާވެރިކަމެވެ. ހިތް ހަމަޖެހުމެވެ. އެކަކު އަނެއްކަކު މަޑުމައިތިރި ކަމާއެކު ވާހަކަދައްކަމުން ދިޔައެވެ. އުފަލާ ހިތްހަމަ ޖެހުމާއެކުގައެވެ.
"ބައްޕާ މިއީ ސަރާ!" އުނައިނު ސަރާއަށް އިޝާރާތްކުރަމުން ކާސިމުފުޅަށް ކަޅިހުއްޓައިލިއެވެ.

"ބޭބެ މިއަދު އަހަންނަށް ކޮށްދިން ހެޔޮކަމުގެ ބަދަލު ދޭނެ ގޮތެއް ޚުދުއަހަންނަކަށް ނުވިސްނޭ. ވަރަށް އުފާވެއްޖެ މިފަދަ ފުރުޞަތެއް ދިނީތީ." ސަރާ އިސްވެގަތީ ކާސިމުފުޅަށް ޝުކުރު އަދާކުރުމަށެވެ.

ބަދަލުގައި ކާސިމުފުޅު ސަރާއަށް ފުރަގަސްދިނެވެ. ދެމީހުންގެ ގުޅުން ފެނިފައި ކާސިމުފުޅުގެ މޫނުމަތީގެ ކުލަ ބަދަލުވީއެވެ. ހިތް ނުތަވަސްވީއެވެ.

"މަންމައާ އެކު އަވަހަށް ގެއަށް ދަމާ. އެމީހުން އެމީހުންގެ ގެއަށް ހިނގައިދާނެ." ރުންކުރު ރާގެއްގައި އުނައިނަށް ކާސިމުފުޅު އިޝާރާތްކުރިއެވެ.

ފަސްއެނބުރިލުމެއް ނެތިއެވެ. އުނައިނަށް ބަލައިލެވުނީ ހައްވާފުޅުގެ މޫނަށެވެ. ބަދަލުގައި ހައްވާފުޅު އިސްޖަހައިލިއެވެ. ޖެހިގެން ހުރި އާދަންފުޅުގެ މޫނަށް ބަލައިލުމުން އެ ލޮލުން ފެނުނީ އިތުރު ހާސްކަމެކެވެ. މާޔޫސްކަމާއި މޮޅިވެރިކަމެވެ. މަޑުމަޑުން ތުންފަތް ހަރަކާތްކޮށްލިއެވެ. ނަމަވެސް އެއްޗެކޭ ބުނުމުގެ ބަދަލުގައި އާދަންފުޅު ވެސް އިސްޖަހައިލީއެވެ. ސަރާ ލަދުގަތްވަރުން ކަތްދަގެ އަތުގައި ހިފައިލިއެވެ. ކަތްދަ ސަރާގެ އަތްތިލައަށް ބާރުކޮށްލަމުން ހިތްވަރު ދިނުމުގެ ގޮތުން ދެތުންފަތަށް ބާރުކޮށްލަމުން މަޑުމަޑުން ނިތްއަރުވާލައި ބޯޖަހައިލިއެވެ. ގޮތް ހުސްވެފައިވާ ހާލު އުނައިނު ހިނގައިގަތީ ކާސިމުފުޅު ކުރިއަށް ހިނގައި ގަތުމުންނެވެ. ފަސްއެނބުރި ސަރާއަށް ބަލައިލަމުން ލޮލުން އިޝާރާތްކޮށްލިއެވެ. ހިތްވަރު ދެރަނުކުރަން ބުނާފަދަ އިންނެވެ.


(ނުނިމޭ)
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް