ads
އިތުރު ބަންގްލަދޭޝް ބަޔަކު އެމީހުންގެ ގައުމަށް ފުރަން އެއާޕޯޓްގައި--
އިތުރު 200 ބަންގްލަދޭޝް މީހަކު ގައުމަށް ފޮނުވާލައިފި
ރާއްޖޭގައި މަަސައްކަތް ކުރަމުން އައި އިތުރު 200 ބަންގްލަދޭޝް މީހަކު ގައުމަށް ފޮނުވާލައިފި އެވެ.

އެމީހުން މިއަދު އަނބުރާ ބަންގްލަދޭޝްއަށް ފޮނުވާލައިފައި ވަނީ، ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލައިޓެއްގަ އެވެ. މޯލްޑިވިއަން އިން މިއަދު ކުރި ޓްވީޓެއްގައި ބުނީ، ބަންގްލަދޭޝްގެ އިތުރު 200 މީހަކު ގައުމަށް ފޮނުވާލާފައިވާ ކަމަށެވެ. 

މިދިޔަ މަހުގެ ފަހުކޮޅު ވެސް ދެ ފަހަރެއްގެ މަތިން ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދިޔަ ބަންގްލަދޭޝް މީހުން ވަނީ އަނބުރާ ގައުމަށް ފޮނުވާލާފަ އެވެ. އެގޮތުން މިދިޔަ މަހުގެ 26 ގައި ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދިޔަ 200 ބަންގްލަދޭޝް މީހަކު ގައުމަށް ފޮނުވާލިއިރު 22 ވަނަ ދުވަހު ވަނީ ރާއްޖޭގައި ދިރިއުޅެމުންދިޔަ 352 ބަންގްލަދޭޝް ރައްޔިތަކު އެ ގައުމަށް ފޮނުވާލާފަ އެވެ. 

ރާއްޖޭގައި އުޅެމުންދާ ބަންގްލަދޭޝް ރައްޔިތުން ފޮނުވާލުމުގެ މަސައްކަތަކީ ކޮވިޑް-19 އާ ގުޅިގެން ފޮރިން މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީ އަދި ވެސް ކަމާގުޅުން ހުރި މުއައްސަސާތަކުގެ އެހީތެރިކަމާއެކު ކުރަމުންދާ މަސައްކަތެއް ކަމަށް މޯލްޑިވިއަނުން ބުނެ އެވެ. 

މިދިޔަ މަހުގެ ތެރޭގައި ނޭޝަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ގަވައިދާ ހިލާފަށް އުޅޭ 1،500 އެއްހާ ބިދޭސީން އަނބުރާ ގައުމަށް ފޮނުމުގެ އިންތިޒާމް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި 5،000 އެއްހާ މީހުން ފޮނުވާލެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

މިހާތަނަށް ރާއްޖޭގައި ގަވައިދާ ހިލާފަށް ދިރިއުޅެމުންދާ 1،000 ބަންގްލަދޭޝް ރައްޔިތުން އަނބުރާ އެ ގައުމަށް ފޮނުވާލެވިފައިވާއިރު، އެކަމަށް ބަންގްލަދޭޝް ސަރުކާރުގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރެމުންދާ ގޮތަށް ބަލާއިރު އެންމެ ބޮޑަށް ފެނިގެންދަނީ ތޮއްޖެހިގެން މީހުން އުޅެމުން އަންނަ ތަންތަނުގައި ހަލުވިކަމާއެކު ފެތުރެމުންދާ މަންޒަރެވެ. އެފަދަ ތަންތަނުގައި އުޅޭ އެތައް ބަޔަކު، މިހާރު މާލެއިން ބޭރުގައި ހަދާފައިވާ ފެސިލިޓީތަކަށް ވެސް ބަދަލުކޮށްފައިވާއިރު ރާއްޖެއިން ކޮވިޑް-19 އަށް އެންމެ ގިނަ އަދަކަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ވެސް ހިމެނެނީ ބަންގްލަދޭޝްގެ ރައްޔިތުންނެވެ. އެގޮތުން މިހާތަނަށް 1015 ބަންގަލަދޭޝް މީހަކަށް އެ ބަލި ޖެހިފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް