CONFIRMED

DEATHS

RECOVERED
🌏13,323,530
INFECTED
🌏7,399,310
RECOVERED
🌏578,628
DEATH
🌏56%
RECOVERY RATE
ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއް: ފޮޓޯ މަޖިލިސް އިދާރާ
ބަދަލު ގެންނަންޖެހޭ ކަންތައްތައް ބައިވަރު!
Share
ކޮވިޑާއިއެކު އަޅުގަނޑުމެންނަށް ޔަގީންވާ އެއްކަމަކީ، ރާއްޖޭގެ އަދި ދުނިޔޭގެ އެހެނިހެން އިގްތިސާދުތަކަށްވެސް ވަރަށް ބޮޑެތި އިންގިލާބީ ބަދަލުތަކެއް އަންނާނެކަމެވެ. މިދަންނަވަނީ ކޮވިޑްގެ ސަބަބުން ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަނެ، އިގްތިސާދުތައް އަލުން ފަށައިގަންނައިރު، ގައިމުވެސް ނައިސް ނުދާނޭ ބަދަލުތަކެއްގެ ވާހަކައެވެ. މުޅި ދުނިޔެއަށް މިއަހަރުގެ ތެރޭގައި ކުރިމަތިވި، މި ނުރައްކާތެރި ހާލަތުން އެތަކެއް ފިލާވަޅުތަކެއް ލިއްބައިދީފިއެވެ. އަދި މިހާރުވެސް އެދަނީ ލިއްބައިދެމުންނެވެ.
Advertisement

ކޮވިޑް ފަދަ ބަލިމަޑުކަމަކާ ގައުމުތަކުން ކުރިމަތިލާއިރު، އެންމެ ބޮޑަށް ފާހަގަވެގެންދަނީ ގައުމުތަކުގެ ސިއްހީ ހިދުމަތްތަކުގެ ހާލަތާއި، އާންމު ސިއްހަތުގެ ނިޒާމުގެ ހަރުދަނާކަން ހުރި މިންވަރެވެ. މީގެ އިތުރުން، ގައުމުތަކުގެ ދައުލަތާއި ސަރުކާރުގެ ހިންގުމުގެ ނިޒާމުގައި ހުރި ހަރުދަނާކަމެވެ. ކާމިޔާބުކަމާއެކު މި ބަލިމަޑުކަމާއި ކުރިމަތިލީ ބައެއް ގައުމުތަކުގެ ތެރޭގައި ހިމެނޭ ނިއުޒީލެންޑް އަދި ޓައިވާން ފަދަ ގައުމުތަކަކީ ސިއްހީ ނިޒާމުގެ ފެންވަރު ރަގަޅު، އަދި އާންމު ސިއްހަތުގެ ކަންތައްތައްވެސް ހަރުދަނާ ގައުމުތަކެވެ. މިއާއި ހިލާފަށް، ދުނިޔޭގެ އެންމެ ބޮޑު ބާރުކަމުގައިވާ، އަދި ތަރައްގީގެ ގޮތުން އެންމެ ބޮޑަށް ތަރައްގީވެފައިވާ އެމެރިކާގެ ހާލަތު މުޅިން ތަފާތެވެ. 

އެމެރިކާގެ ހާލަތުން އެނގިގެން ދިޔަ އެއް ކަމަކީ އެގައުމުގެ ސިއްހީ ނިޒާމާއި އިގްތިސާދުގައި ބޮޑު ބާގަނޑުތަކެއް ހުރި ކަމެވެ. ރަނގަޅު ކުރަންޖެހިފައިވާ ކަންތައްތަކެވެ. ސިއްހީ އިންޝުއަރެންސްގެ ނިޒާމުގައިވާ އުނިކަމެވެ. މީގެ އިތުރުންވެސް، އެފްރިކާއާއި، ލެޓިން އެމެރިކާ އަދި އޭޝިޔާގެ ބައެއް ފަގީރު ގައުމުތަކުންވެސް ފެނިގެން ދިޔައީ އެގައުމުތަކުގެ ސިއްހީ ނިޒާމުގެ ނިކަމެތިކަމުގެ ސަބަބުން، މި ބަލިމަޑުކަމާއި ކުރިމަތިލުމުގައި ދިމާވަމުންދާ ގޮންޖެހުންތަކެވެ.

އަޅުގަނޑުމެން ރާއްޖޭގައިވެސް ސިއްހީ ނިޒާމުގައި ރަނގަޅު ކުރަންޖެހިފައިވާ ވަރަށް ގިނަ ކަންތައްތަކެއް މިވަނީ މި ހާލަތުގެ ސަބަބުން ފާހަގަކުރެވިފައެވެ. ދިވެހި ރައްޔިތުންނެކޭ އެއްފަދައިން، މިގައުމުގައި އުޅޭ ބިދޭސީންގެ އާންމު ސިއްހަތަކީވެސް، މުޅި މުޖުތަމައުގެ ސިއްހީ ދުޅަހެޔޮކަމަށްޓަކައި މުހިއްމުކަމެއްކަން މިދަނީ ހާމަވަމުންނެވެ.

މިހެންކަމުން، ދިވެހިންނަށް ސިއްހީ އިންޝުއަރެންސް ނިޒާމެއް އޮންނަ ފަދައިން، ބިދޭސީންނަށްވެސް އެކަށޭނަ ސިއްހީ އިންޝުއަރެންސް ސްކީމެއް އޮންނަންޖެހެއެވެ. މީގެ އިތުރުން މިހާރު އޮތް އާސަންދަ ނިޒާމުގައި ހުރި ބާގަނޑުތައް ފާހަގަކޮށް ރަނގަޅުކުރަންޖެހެއެވެ. ދައުލަތުގެ ބަޖެޓުން ކުރެވޭ ހޭދައަކަށްވެފައި، އަދި މި ސްކީމް ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށް ގެންދިއުމަށްޓަކައި، އާސަންދައިގެ ތެރެއިން އިސްރާފް ނައްތާލައި އަދި ނާޖާއިޒު ފައިދާއެއް ނުނެގޭ ގޮތަށް ހަރުދަނާ ކުރަންޖެހެއެވެ.

ސިއްހީ ނިޒާމުގެ ހަރުދަނާކަމުގެ އިތުރުން، ދައުލަތާއި ސަރުކާރުގެ ހިންގުމުގެ ހަރުދަނާކަމަކީވެސް މިފަދަ ކާރިސާތަކާ ކުރިމަތިލާއިރު ވަރަށް މުހިއްމުކަމެކެވެ. ސިޔާސީ ނިޒާމާއި، ހިންގުމުގެ ނިޒާމުގެ ނިކަމެތި ގައުމުތަކުން މިފަދަ ބަލިމަޑުކަމާއި ނުރައްކާތެރި ހާލަތްތަކާއި ކުރިމަތިލާ ގޮތުން، ރައްޔިތުންނަށް ލިބޭ ނިކަމެތިކަން ބޮޑުވެގެންދެއެވެ. ރައްޔިތުންނަށްޓަކައި ކަންކަން ނިންމަންތިބޭ ވެރިންގެ އިހްލާސްތެރިކަމާއި، އަދި ސަރުކާރުގެ ނިޒާމުގައި ހުންނަ ހަރުދަނާކަމަކުން ކުރިއަށް އޮތްތަނުގައިވެސް މިފަދަ ކަންކަމުގައި އެޅޭ ފިޔަވަޅުތައް ރަނގަޅުވާނެއެވެ.

ރާއްޖޭގެ ހާލަތަށް ބަލާއިރު، ފާހަގަކުރެވޭ އެއް ކަމަކީ، ގައުމުގެ އިގްތިސާދަށް ނުކަތާވަރަށް ދައުލަތް ހންގުމުގެ ނިޒާމު ގާއިމްވެފައި އޮތްކަމެވެ. ގާނޫނު ހަދާ މަޖިލީހުގެ ގޮތުގައި އޮތް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދާއި، ލިބޭ މުސާރައަކީ ކުރިއަށް އޮތް ތަނުގައިވެސް ގައުމުގެ އިގްތިސާދަށް ކަތާވަރަށްވުރެ ބޮޑު އަދަދުތަކެކެވެ. ހަގީގަތުގައި ރައްޔިތުންގެ މަޖިލީހަށް މީހުން ކުރިމަތި ލާންޖެހޭނީ ރައްޔިތުންނާއި މުޖުތަމައުއަށް ހިދުމަތްކޮށްދިނުމުގެ ނިޔަތުގައެވެ. އެއްވެސް ހާލެއްގައި ތިމާގެ އަމިއްލަ މުއްސަނދިކަން އިތުރުކުރާކަށް ނޫނެވެ. ހަމަމިއާ އެކު، މުޅި ގައުމުގެ ރައްޔިތުންގެ ހައްގުގައި ހެދޭ ގާނޫނުތައް އެކުލަވާލައި ފާސްކުރާ މަޖިލީހުގެ މެމްބަރުކަމަށް ކުރިމަތިލާއިރު، ތިމާއަކީ އެކަމަށް ތައުލީމީ ގޮތުންނާއި އަހުލާގީ ގޮތުން ގާބިލް މީހެއްތޯ، އަމިއްލަ ނަފްސާއި ސުވާލުކޮށްލަންޖެހެއެވެ. ކޮންމެއަކަސް، ކުރިއަށް އޮތް ތަނުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަތައް ކުޑަވާންޖެހެއެވެ. އަދި މަޖިލީހުގެ މެމްބަރުކަމަށް ކުރިމަތިލެވޭ ޝަރުތުތައް ހަރުދަނާކޮށް، އިހުލާސްތެރިކަން އިސްކުރަންޖެހެއެވެ.

ރައްޔިތުންގެ މަޖްލިސް މެމްބަރުންނެކޭ އެއްފަދައިން، ސަރުކާރު ހިންގުމުގެ އެންމެ އިސްވެރިންގެ ގޮތުގައި އައްޔަންކުރެވޭ މިނިސްޓަރުންގެ ކިބައިގާ ހުންނަންޖެހޭ ޝަރުތުތަކާއި، ރައީސުލްޖުމްހޫރިއްޔާ އަދި ނައިބުގެ ކިބައިގާ ހުންނަންޖެހޭ ޝަރުތުތައްވެސް ހަރުދަނާ ވާންޖެހެއެވެ. 

ވަކި ސިޔާސީ ޕާޓީއެއްގެ އިސް މީހަކަށް ވެގެން، ވަކި މީހެއްގެ އަތްބަކަށްވެގެން، ވަކި މީހެއްގެ ދަރިއަކަށްވެގެން، ނުވަތަ ޅިޔަނަކަށްވެގެން މިނިސްޓަރުކަން ލިބޭ އުސޫލު ދޫކޮށްލާ، އިލްމީ އަދި ތަޖުރިބާއާއި ޙިލްމަށް ބަލައިގެން މެނުވީ މިފަދަ ޝަރަފުވެރި ބޮޑެތި މަގާމުތަކަށް މީހުން އައްޔަންކުރެވިގެންނުވާނެއެވެ. ސަބަބަކީ މިއިން ކޮންމެ ބޭފުޅަކީ ރައްޔިތުންގެ ހައްގުގައި ބޮޑެތި ނިންމުންތަކެއް ނިންމަންޖެހޭ ބޭފުޅުންނެވެ. އަނެއްކާވެސް ދަންނަވަންޖެހެނީ، ތިމާއަކީ އެފަދަ ގާބިލްކަމެއް ހުރި މީހެއްތޯ ތިމާ އަމިއްލައަށްވެސް ތިމާގެ ނަފްސާއި ސުވާލުކޮށްލަންޖެހެއެވެ.

މިނިވަން މުއައްސަސާތަކުގެ ނަމުގައި އުފެއްދިފައިހުރި ތަފާތު އެކިއެކި މުއައްސާތަކަކީ، އެތަންތަނުގެ މަގްސަދުތައް ހާސިލްކުރަމުންދާ ތަންތަންތޯ ބަލައި ރިވިއު ކުރަންޖެހެއެވެ. އަދި ގާނޫނުން ލާޒިމްކޮށްގެން އައްޔަންކުރެވިފައިވާ ގިނަގުނަ މަގާމްތަކާއި އެމަގާމްތަކުގެ މުސާރަތައް ރިވިއު ކުރަންޖެހެއެވެ. މީގެ އިތުރުން ސިޔާސީ މަގާމްތަކުގެ ގޮތުގައި އައްޔަންކުރެވޭ މަގާމްތަކަކީވެސް، ވަކި އުސޫލެއްގެ މަތިން، އަދި ތައުލީމާއި ގާބިލްކަމަށް ބެލިގެން އައްޔަންކުރެވޭ މަގާމްތަކަކަށް ވެގެން މެނުވީ ދައުލަތުގެ ހަރުދަނާކަމެއް ނުގެނެވޭނެއެވެ. އާދެ، މިހުރިހާ ފަރާތްތަކަށްވެސް މުސާރައާއި އިނާޔަތްތައް ދެވިގެންދަނީ ހަމަ ރައްޔިތުން ދައްކާ ޓެކުހުން، ރައްޔިތުންގެ ފައިސާއިންނެވެ. ދައުލަތުގެ ބަޖެޓުންނެވެ.

ސަރުކާރާއި ދައުލަތުގެ ވެރިން ނިންމާ ކޮންމެ ނިންމުމަކުން، އަޅާ ކޮންމެ ފިޔަވަޅަކުން އެތައް ރައްޔިތުންނަކަށް، އަދި މުޅި ގައުމަށް އޭގެ އަސަރު ކުރެއެވެ. ބައެއް ފަހަރު އެޅޭ ފިޔަވަޅެއްގެ އަސަރު އެތައް ޒަމާންތަކަކަށް، ކުރިއަށް އޮތް ޖީލްތަކާއި ހަމައަށްވެސް ދެމިގެންދާނެއެވެ. މިހެންކަމުން، މިކަމުގައި ފަރުވާ ކުޑަ ކުރެވޭކަށް ނެތެވެ. މިހެންކަމުން، ގައުމަށާއި ރައްޔިތުންނަށް އިހުލާސްތެރި، އަދި ތައުލީމީ ގާބިލް ބަޔަކު މިފަދަ މަގާމްތަކަށް އައިސްގެން މެނުވީ، ދައުލަތުގެ ހިންގުން ހަރުދަނާއެއް ނުވާނެއެވެ.

ދިވެހި ރައްޔިތުންނަށް ޖުމްލަކޮށް ވޭތުވެދިޔަ އަހަރުތަކުން ދަސްވި ފިލާވަޅަކީ، ސިޔާސީ ފިކުރާއި، އަދި ވަކި މީހެއްގެ ފަހަތުން، ނުވަތަ ވަކި މީހަކަށް ކުރެވޭ ތާއީދަކުން، ކަންކަން ވަރިހަމަކޮށްލައިގެން ތިބެވެން ނެތްކަމެވެ. ވޭތުވެދިޔަ 12 އަހަރުގެ ތެރޭގައި ފެނިގެން މިދިޔައީ، ހަމަ ކޮންމެ ސަރުކާރެއް އޮތް ކަމުގައިވިޔަސް، ސިޔާސީ ފަރާތްތަކުން ސިޔާސީ މަގްސަދު ހާސިލްކުރަމުން ދިޔަ ތަނެވެ. 

ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ނާޖާއިޒު ފައިދާ، ރައީސުން ނަގަމުން ދިޔަ ތަނެވެ. ގައުމުގެ ހިންގުން ހަރުދަނާ ވުމުގެ ބަދަލުގައި، ދުވަހެއް ދުވަހަކަށް ދޯދިޔާވަމުން، ރައްޔިތުން ނިކަމެތިވަމުން ދާތަނެވެ.

މުއްސަނދިންނާއި ފަގީރުންގެ ފަރަގު ބޮޑުވަމުން ދިޔަ ތަނެވެ. ގައުމުގެ ރަށްތަކާއި، ފަޅުތަކާއި، ބޮޑެތި ޕްރޮޖެކްޓްތައް ވަކި އުސޫލެއް ނެތި ވަކި ބަޔަކަށް ބަހަމުންދާ ތަނެވެ. ގައުމުގެ ދަރަނި އަހަރުން އަހަރަށް ބޮޑުވަމުންދާތަނެވެ. ސަރުކާރާއި ދައުލަތުގެ ހިންގުމުގެ ހަރަދުތައް ބޮޑުވަމުން، ޓެކްސްތައް އިތުރުވަމުން ދިޔަ ތަނެވެ. މިކަންކަން ބަދަލުވެގެން މެނުވީ ގައުމަށް އިތުރަށް ދެން ކުރިއަކަށް ނުދެވޭނެއެވެ.

އެޑިޓަރުގެ ނޯޓް:

ޝަހުލް ހުސައިން އަކީ ސީއެންއެމް ނޫހަށް ޔަމުންދާ ލިޔުންތެރިއެކެވެ. މައިގަނޑުގޮތެއްގައި ލިޔަމުންދަނީ އިޖުތިމާއީ އިގުތިސާދީ ދާއިރާގެ މައްސަލަތަކާ ބެހޭ ގޮތުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް