ނޭޝަނަލް އެމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އިތުރު 46 މީހަކު ރާއްޖެއިން ފަރުވާދީ ވައިރަހުން ރަނގަޅު ކުރެވިފައިވާ ކަމަށެވެ.
އެގޮތުން، ޖުމްލަ 763 މީހުން މިހާރު ވަނީ ރާއްޖެއިން ބަލިން ރަނގަޅު ކުރެވިފަ އެވެ.
ރާއްޖެއިން ކޮވިޑް-19 ޖެހިގެން އަށް ވަނަ މީހަކު މިއަދު ވަނީ މަރުވެފަ އެވެ. މަރުވެފައި ވަނީ އުމުރުން 38 އަހަރުގެ ބިދޭސީ ފިރިހެނެކެވެ.
މަބްރޫކް ވިދާޅުވި ގޮތުގައި، މަރުވި މީހާ އައިޖީއެމްއެޗަށް ގެންދިޔައީ ފަތިހު ކަމަށާއި، މަރުވީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.
ރާއްޖެއިން ކޮވިޑް-19 އަށް އިތުރު 18 މީހަކު މިއަދު ޕޮޒިޓިވްވެފައިވާއިރު، ބަލި ޖެހުނު މީހުން އަދަދު މިހާރު މިވަނީ 1901 އަށް އަރާފަ އެވެ.