ads
ޑރ. ނަޒްލާ މުސްތަފާ
ކްލޯޒް ކޮންޓެކްޓުން ނޫން އެންމެން ދެން ދޫކޮށްލާނީ އެންޓިބޮޑީ ޓެސްޓު ހެދުމަށްފަހު
ކްލޯޒް ކޮންޓެކްޓްވާ މީހުން ފިޔަވައި ދެން އެންމެން ކަރަންޓީނުން ދޫކޮށްލާނީ ހަމައެކަނި އެންޓިބޮޑީ ޓެސްޓު ހެދުމަށް ފަހު ކަމަށް ޑރ. ނަޒްލާ މުސްތަފާ ވިދާޅު ވެއްޖެ އެވެ.

ނޭޝަނަލް އެމަޖަންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ، އެއް ރަށުން އަނެއް ރަށަށް ދަތުރު ކޮށްފައިވާ މީހެއް ނަމަވެސް ނުވަތަ ރާއްޖެއިން ބޭރުން އަނބުރާ ރާއްޖެއަށް އައިސްފައިވާ ކަމުގައި ވިޔަސް ދެން ކަރަންޓީނުގައި 24 ދުވަހުގެ މުއްދަތެއް ހޭދަކުރުމަށް ފަހު ޖެހޭނީ އެންޓިބޮޑީ ޓެސްޓް ހަދަން ކަމަށެވެ.

"މިހާރު މި ބަލަނީ ކްލޯޒް ކޮންޓެކްޓެއްވިއްޔާ ޕީސީއާރު ހަދާ ގޮތަށް. އެކަމަކު، ރާއްޖެއިން ބޭރުން އަންނަ މީހުންނާއި ރަށްރަށުން މާލެ އަށް މާލެއިން ރަށަށް ދާ މީހުން، މީގެ ފަހުން 24 ދުވަހު ކަރަންޓީންކުރުމަށް ފަހު އެންޓިބޮޑީ ޓެސްޓެއް ހަދާ ގޮތަށް،" - ޑރ. ނަޒްލާ މުސްތަފާ

ޑރ. ނަޒްލާ އިތުރަށް ވިދާޅުވި ގޮތުގައި، އެންޓިބޮޑީ ފުރަތަމަ ފެންނާނީ ހަށިގަނޑަށް ވަނުމަށް ފަހު ފަސް ދުވަސް ފަހުން ކަމަށާއި، އާންމުކޮށް އެންޓިބޮޑީ ޕޮޒިޓިވްކަމަށް ދައްކާނީވެސް ނުވަ ދުވަހާއި 11 ދުވަހާއި ދޭތެރޭގަ އެވެ. އަދި އެންޓިބޮޑީއަކީ އެހާ ސެންސިޓިވް އެއްޗެއް ނޫން ކަމުން ބައްޔަށް ޑައިގްނޯސް ކުރުމަށް އާންމުކޮށް އެންޓިބޮޑީ ބޭނުން ނުކުރާނެ ކަމަށް ވެސް ޑރ. ނަޒްލާ ވަނީ ވިދާޅުވެފަ އެވެ.

"އެއްކޮށް އަލާމާތްތައް ރަނގަޅުވުމަށް ފަހު މަދުވެގެން ތިން ދުވަސް ފަހުން ޓެސްޓް ނުހަދާ ދޫކޮށްލެވޭނެ އޭ. އެގޮތަށް ދޫކޮށްލެވޭނީ އާދައިގެ ރޯގާއެއް ހުންނަ މީހުން. ހޮސްޕިޓަލުގައި އެޑްމިޓްކުރެވޭ މީހުން މަދުވެގެން 21 ދުވަސް ހަމަކުރަން ޖެހޭނެ. އަދި 21 ދުވަސް ހަމަކޮށް ބަލިން ރަނގަޅުވީމަ. އަދި މީގެ ފަހުން ޕީސީއާރު ޓެސްޓެއް ނުހަދާނެ. އެކަމަކު ދިފާއީ ނިޒާމު ބަލި މީޙުންގެ ޕީސީއާރު ޓެސްޓް ހަދާނެ،" - ޑރ. ނަޒްލާ މުސްތަފާ

ޑރ. ނަޒްލާ ވިދާޅުވީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ މިންގަނޑު ތަކަށް ބެލުމަށް ފަހު ރާއްޖޭގައި އަމަލުކުރަމުން އައިސްފައިވާ ގޮތަށްވެސް ބަދަލު ތަކެއް ގެނެސްފައިވާ ކަމަށެވެ. އަދި ޑަބްލިއުއެޗްއޯގެ ގަވާއިދުގައިވެސް މިހާރު އޮންނަނީ 14 ދުވަސް ކަރަންޓީން ވުމަށް ފަހު ދޫކޮށްލެވޭނެކަން ކަމަށް ފާހަގަކުރެއްވި އެވެ. އަދި އެއްކޮށް ރޯގާ ރަނގަޅުވެ އަލާމާތްތައް ފެނުން ހުއްޓުމުން ތިން ދުވަސް ކޮށްފައި ޓެސްޓު ނުހަދާ ދޫކޮށްލެވޭނެ ކަމަށް ޑރ. ނަޒްލާ ވަނީ ވިދާޅުވެފަ އެވެ.

އެގޮތުން މީގެ ފަހުން ޕީސީއާރު ޓެސްޓު ހަދާނީ ބަލި ޖެހިފައިވާ މީހަކާއި ކްލޯޒް ކޮންޓެކްޓު ވެފައިވާ މީހުން ނުވަތަ ކްރިޓިކަލް ކޮންޑިޝަނުގައި ތިބޭ މީހުންގެ އެކަނި ކަމަށް ވެސް ޑރ. ނަޒްލާ ވަނީ ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް