ads
މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު އަދި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ/ ފޮޓޯ:ފޮރިން މިނިސްޓްރީ
މެޑިކަލް އިކުއިޕްމަންޓް ގަތުމަށް ޖަޕާނުން ރާއްޖެއަށް 86.4 މިލިއަން ރުފިޔާގެ އެހީ ދީފި
ޖަޕާނުން ރާއްޖެއަށް 86.4 މިލިއަން ރުފިޔާގެ ހިލޭ އެހީ ދިނުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

މިކަމަށްޓަކައި މިއަދު މެންދުރުފަހު ފޮރިން މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެހީގެ އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކަމަށާއި ޖަޕާނުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.

ފޮރިން މިނިސްޓްރީން ބުނީ އެ އެހީގެ ދަށުން ރާއްޖޭގެ އެކި ރަށްރަށުގެ ސިއްހީ މަރުކަޒުތަކާ ހޮސްޕިޓަލްތަކުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް 10 ބެޑްސައިޑް އެކްސްރޭ މެޝިނާއި 65 ބެޑްސައިޑް މޮނީޓަރާއި، 19 ޕޯޓަބަލް އަލްޓްރާ ސައުންޑް އިމޭޖް ސިސްޓަމްގެ އިތުރުން 200 އޮޓޮމޭޓެޑް އެކްސްޓާނަލް ޑިފިބްރިލޭޓާސް އަދި 160 ސިރިން ޕަމްޕް ހޯދުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ކޮވިޑް-19 އާ ދެކޮޅަށް ރާއްޖެއިން މަސައްކަތްކުރަމުންދާ މިދަނޑިވަޅުގައި ޖަޕާނުން ރާއްޖެއަށް ދިން ދީލަތި އެހީތެރިކަމަށް ފޮރިން މިނިސްޓަރު ޝާހިދު ޝުކުރު އަދާކުރާއްވާފައި ވާކަމަށް މިނިސްޓްރީ އިން ބުނެ އެވެ. 

މިނިސްޓްރީން ބުނީ ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ ވަނީ ކޮވިޑް-19 އާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި ބައިނަލްއަގްވާމީ އެއްބާރުލުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވާލައްވައި، އެ އެއްބާރުލުން ޖަޕާނުން ލިބޭނެކަމަށް ވިދާޅުވެފައި ކަމަށެވެ.

މިދިޔަ މަހުވެސް ޖަޕާނުން ވަނީ ޔުނިސެފް މެދުވެރިކޮށް 5.6 މިލިއަން ރުފިޔާ އަދި މޯލްޑިވްސް ރެޑް ކްރެސެންޓް މެދުވެރިކޮށް 2.9 މިލިއަން ރުފިޔާގެ އެހީވެސް ރާއްޖެއަށް ދީފަ އެވެ. އަދި ޔޫއެންޑީޕީ މެދުވެރިކޮށް، ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ލިބޭ ގެއްލުންތަކުން އަރައިގަތުމަށް، ކުދި ވިޔަފާރިތަކަށް އެހީވުމަށް 21.5 މިލިއަން ރުފިޔާގެ އެހީވެސް އެގައުމުން ވަނީ ރާއްޖެއަށް ދީފަ އެވެ.

އެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިޔާމާ މުހައްމަދު އާއި، ނޭޝަނަލް ޑިޒާސްޓާ މެނެޖްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބައިވެރިވެވަޑައިގެންނެވި ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް