ކޮންމެ އަހަރަކުވެސް އޯކަ މީޑިއާ ގްރޫޕުން ރާއްޖޭގައި ބާއްވަމުން އަންނަ ޓީޓީއެމް ފެއާ ފުރަތަމަ ބާއްވަން ހަމަޖެހިފައި އޮތީ މިއަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. އެހެން ނަމަވެސް ކޮވިޑް-19 ގެ ސަބަބުން ފެއާ އެ ގްރޫޕުން ފަސްކުރި އެވެ.
މިހާރު ޓީޓީއެމް ފެއާ ބޭއްވުމަށް އެ ގްރޫޕުން ނިންމާފައި ވަނީ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހުން 26 ވަނަ ދުވަހަށެވެ. އެގޮތުން ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ޓީޓީއެމް ޓްރެވެލް ސަމިޓެވެ. އަދި ޓީޓީއެމް މޯލްޑިވްސް އޮންނާނީ ނޮވެމްބަރ 25 އަދި 26 ވަނަ ދުވަހުއެވެ.
ގިނަ ރިސޯޓްތަކާއި ހޮޓެލްތަކުގެ ޖެނެރަލް މެނޭޖަރުން ބައިވެރިވާ އެ ފެއާގައި މި އަހަރުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ޓުއާ އޮޕަރޭޓަރުންނާއި 100 އަށްވުރެ ގިނަ ފަތުރުވެރިންނަށް ހިދުމަތްދޭ ތަންތަނުން ބައިވެރިވާނެ ކަމަށް ފެއާ އިންތިޒާމްކުރާ ގްރޫޕުން ބުނެއެވެ.
2017 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މިފެއާ އަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ބައިނަލްއަގުވާމީ ޓްރެވަލް ޓްރޭޑު ޝޯއެވެ.