މެސީ ހުރީ ފިޓްކޮށް، ކުޅެވޭ ހާލަތުގައި ކަމަށް ބާސާއިން ބުނިއިރު، ހުސްވި ހަފުތާގެ ޕްރެކްޓިހުގައި މެސީ ބައިވެރިނުވާ ކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނެއެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ސީޒަންގެ ކުރީކޮޅު ލިބުނު ބައެއް އަނިޔާތަކުން މެސީ އަދި އެއްކޮށް ރިކަވާއެއް ނުވެއެވެ. އެހެންނަމަވެސް ބާސާއިން ބުނީ، މެސީ ހުރީ ފިޓްކޮށް ކަމަށާއި ހޮނިހިރު ދުވަހު މަޔޯކާއާ ދެކޮޅަށް މެސީ ކުޅޭނެ ކަމަށެވެ. އަނިޔާގެ ސަބަބުން ސީޒަންގެ ކުރީކޮޅުގެ ބައެއް މެޗުތައްވެސް މެސީއަށް ގެއްލުނެވެ.
މެދު ކަނޑާލާފައިވާ ފުޓްބޯޅަ އަލުން ފަށަން ތައްޔާރުވާއިރު، ލަލީގާގައި ކޮންމެ ޓީމެއް ބާކީ އެގާރަ މެޗު ކުޅެން އެބައޮތެވެ. މެދު ކަނޑާލިއިރު، ބާސާ އޮތީ ލީގުގެ އެއްވަނައިގައެވެ. އަދި ދެވަނައިގަ އޮތީ ރިއަލް މެޑްރިޑެވެ.