ދުނިޔޭގެ އެންމެ މުއްސަނދި އެތްލީޓުގެ މަގާމުވެސް ހޯދާފައިވާ ފެޑެރާއަށް އަނިޔާވީ މި އަހަރުގެ ޖެނުއަރީ މަހު އޮސްޓްރޭލިއަން އޯޕަންގެ ސެމީ ފައިނަލްގައި ނޮވަކް ޖޮކިވިޗް އަތުން ބަލިވި މެޗުގައެވެ. އޭގެ ފަހުން ފެޑެރާ އަންނަނީ ލިބުނު އަނިޔާއަށް ފަރުވާ ހޯދަމުންނެވެ. އަދި ކޮވިޑާ ގުޅިގެން މެދު ކަނޑާލާފައިވާ ޓެނިސް އަލުން ފެށޭ އިރު ކުރިން ބެލެވުނީ ފެޑެރާ ފިޓްވެގެން އަލުން ކުޅެވޭނެ ކަމަށެވެ. އެހެންނަމަވެސް އޮގަސްޓް މަހަށް ޝެޑިއުލްކޮށްފައިވާ ޔޫއެސް އޯޕަން އަދި ސެޕްޓެމްބަރު މަހަށް މިހާރު ޝެޑިއުލްކޮށްފައިވާ ފްރެންޗް އޯޕަންގައި ފެޑެރާއަށް ނުކުޅެވޭނެ ކަން މިހާރުވަނީ ގާތްގަނޑަކަށް ޔަގީންވެފައެވެ.
އުމުރުން ތިރީސް އަށް އަހަރުގެ ފެޑެރާއަށް، ފޯބްސްއިން ހޮވާ ދުނިޔޭގެ އެންމެ މުއްސަނދި އެތްލީޓުގެ މަގާމު މި އަހަރުވަނީ ލިބިފައެވެ. ފެޑެރާ ވެގެން ގޮސްފައިވަނީ މި މަގާމު ހޯދި އެންމެ ފުރަތަމަ ޓެނިސް ކުޅުންތެރިޔާއަށެވެ.