ads
ރައީސް ނަޝީދު ޖޭއެސްސީގެ ހުވައި ކުރެއްވުމަށް ފަހު އިގުރާރުގައި ސޮއިކުރައްވަނީ
ރައީސް ނަޝީދާ އެކު ޖޭއެސްސީއަށް އަހަރެއް!
ރައީސް ނަޝީދަކީ އަބަދުވެސް އިންސާފު ހޯއްދަވައި ދެއްވުމަށް ވަކާލާތު ކުރެއްވި އަދި މިހާރުވެސް ވަކާލާތު ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ދިވެހި ރައްޔިތުންނަށް އިންސާފުވެރި ފަނޑިޔާރުގެއެއް ހޯއްދައިދެއްވުމަކީ އެ މަނިކުފާނު އަބަދުވެސް ވެވަޑައިގަންނަވަމުން ގެންދަވާ ވައުދެކެވެ.

ފަނޑިޔާރުގެ އިސްލާޙު ކުރުމުގެ ޤާނޫނީ ޒިންމާ މަތިކޮށްފައިވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަނަށެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ ހުވައި ރައީސް ނަޝީދު ކުރެއްވީ ހުސްވި އަހަރުގެ މެއި މަހުގެ 29 ވަނަ ދުވަހުގެ ރޭ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ކުރިފުޅުމަތީގައި ރައީސް ނަޝީދަށް ޖޭއެސްސީގެ ހުވައި ލައިދެއްވީ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު ޢަބްދުﷲ ދީދީއެވެ. މިދިޔަ އަހަރުގެ މެއި 29 ވަނަ ދުވަހު ޖޭއެސްސީގެ މެންބަރުކަމަށް އައްޔަން ކުރެވި، ހުވައި ކުރެއްވި ނަމަވެސް، ޖޭއެސްސީގެ ބައްދަލުވުމެއްގައި ރައީސް ނަޝީދު އެންމެ ފުރަތަމަ ބައިވެރިވެވަޑައިގެންނެވީ މީގެ އެއް އަހަރު ކުރިން، 12 ޖޫން 2019 ގައެވެ.

ޖޭއެސްސީގައި ރައީސް ނަޝީދު އިންނަވާތާ މާދަމައަށް އެއް އަހަރު ވާއިރު މި ބަލާލަނީ މި ދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ޖޭއެސްސީން ކުރި މަސައްކަތްތަކާ ގުޅޭ ގޮތުންނެވެ. މި ރިޕޯޓްގައި ބަލާލާފައިވާނީ ޖޭއެސްސީން ކުރި މަސައްކަތުގެ ތެރެއިން މީޑިއާއާ އެ ކޮމިޝަނުގެ ފަރާތުން ހިއްސާކޮށްފައިވާ މައުލޫމާތު ތަކަށެވެ.

ޖޭއެސްސީގެ މެންބަރެއްގެ ހައިސިއްޔަތުން އެންމެ ފުރަތަމަ ޖޭއެސްސީގެ ބައްދަލުވުމެއްގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގެންނެވީ 12 ޖޫން 2019 ގައެވެ. ރައީސް ނަޝީދު ބައިވެރިވެވަޑައިގެންނެވި ޖޭއެސްސީގެ އެންމެ ފުރަތަމަ ބައްދަލުވުމުގައި، ފަނޑިޔާރަކު މަގާމުން ވަކިކުރުމަށާއި، އަދި އިތުރު ދެ ފަނޑިޔާރަކު ސަސްޕެންޑް ކުރުމަށް ނިންމެވިއެވެ. މަގާމުން ވަކިކުރަން ނިންމާފައިވަނީ ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އިބްރާހީމް ރަޝީދުއެވެ. މިއާއެކު ދެ ފަނޑިޔާރަކު ސަސްޕެންޑް ކުރުމަށްވެސް އެ ދުވަހުގެ ބައްދަލުވުމުގައި ވަނީ ނިންމަވާފައެވެ. ސަސްޕެންޑްކުރަން ނިންމެވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ ދީދީ އާއި ފެމިލީ ކޯޓުގެ އިސް ގާޒީ އަލްއުސްތާޒު ޙަސަން ސަޢީދުއެވެ.

ރައީސް ނަޝީދު ބައިވެރިވެވަޑައިގެންނެވި ޖޭއެސްސީގެ ދެވަނަ ބައްދަލުވުމުގައި އެ ކޮމިޝަނުގެ ގަވާއިދަށް އިސްލާހެއް ގެންނެވިއެވެ. އެއީ ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް އަވަހަށް ނިންމުމުގެ ބޭނުގައިކަމަށް ކޮމިޝަނުން އޭރު ބުނެފައިވެ އެވެ. މި ދެންނެވި އިސްލާހު ގެނެސްފައިވަނީ 17 ޖޫން 2019 ގައެވެ.

ރައީސް ނަޝީދު އިންނަވައިގެން ޖޭއެސްސީން އެންމެ ފުރަތަމަ، އަދި އެންމެ އަވަހަށް ބަލަން ފެށި މައްސަލައަކީ، ރައީސް ނަޝީދު 13 އަހަރަށް ޖަލަށްލާން ހުކުމްކުރި، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޢަބްދުﷲ ދީދީގެ މައްސަލައެވެ. ވަރަށް އަވަހަށް އަބްދުﷲ ދީދީގެ މައްސަލަ ބަލައި އޭނާ މަގާމުން ވަކިކުރިއެވެ. ނަމަވެސް ޖޭއެސްސީގެ ގާނޫނުގައި ބުނާ މަރުހަލާތައް ކޮމިޝަނުން ފުރިހަމަ ކުރި އެވެ.

ރައީސް ނަޝީދު ޖޭއެސްސީގެ ބައްދަލުވުންތަކުގައި ބައިވެރިވާން ފެށި ދުވަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މައްސަލަ ބައްލަވަން ފެށި ނަމަވެސް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރެއްގެ މައްސަލަ އެންމެ ފުރަތަމަވެސް ބަލަން ފެށީ ރައީސް ނަޝީދު ޖޭއެސްސީއާ ގުޅިވަޑައިގެންނެވިތާ ގާތްގަނޑަކަށް ދެ ހަފުތާ ފަހުން، ޖޫން 24 2019 ގައެވެ. ހައިކޯޓުގެ އިސްފަނޑިޔާރުކަމުގެ މަގާމުގައި ހުންނެވި، ރައީސް ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް ކުރެއްވި ބެންޗުގައި އިންނެވި ޝުޖާޢު އުސްމާނުގެ މައްސަލަ މި ދެންނެވި ތާރީހުގައި ބަލަން ފެށުމުގެ އިތުރުން، ހަމަ އެ ދުވަހު، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ހައްޔަރުކޮށް ޖަލަށްލި އއ. މާމިގިލީ ކޯޓުގެ ގާޒީ ނިހާންގެ ސަސްޕެންޝަންވެސް އުވައިލިއެވެ.

ކޯޓުތަކުގައި ހިނގަމުންދާ މައްސަލަތައް އާދަޔާ ހިލާފަށް ގިނަ ދުވަސްވަމުންދާ ކަމުގެ ޝަކުވާ ޖޭއެސްސީއަށް ލިބެމުންދާތީ، އެ މައްސަލަތައް ލަސްވާ ސަބަބު ދެނެގަތުމަށް ޖޭއެސްސީން ނިންމީވެސް ރައީސް ނަޝީދުގެ ބައިވެރިވެވަޑައިގަތުމާ އެކުއެވެ. އެއީ 26 ޖޫން 2019 ގައެވެ. ކުރީގެ އުއްތަމަ ފަނޑިޔާރާއި، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަރީފުގެ މައްސަލައް ޖޭއެސްސީން ބަލަން ފެށީ ހުސްވި އަހަރުގެ ޖުލައި މަހުއެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒްގެ މައްޗަށް ކުރިން އެ ކޮމިޝަނުން އަޅާފައިވާ ފިޔަވަޅެއް ބާތިލުކުރަން ވެސް ޖޭއެސްސީން ނިންމީ ހުސްވި އަހަރުގެ ޖުލައި މަހުއެވެ.

ވަގަށް ނަގާ މަރާލާފައިވާ ނޫސްވެރިޔާ ރިލްވާނުގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެވޭ ހައިކޯޓުގެ ފަނޑިޔާރު ހަސަން އަލީގެ މައްސަލަ ބަލަން ޖޭއެސްސީން ފެށީ ހުސްވި އަހަރުގެ ޖުލައި މަހު ފަހުކޮޅުއެވެ. (އޭނާ ސަސްޕެންޑްކޮށްފައި ހުރި ނަމަވެސް އަދިވެސް ހުރީ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުގައެވެ). ރައީސް ޔާމީންގެ މައްޗަށް ސާބިތުވި މަނީލޯންޑްރިންގެ މައްސަލަ އެންމެ ފުރަތަމަ ބަލަމުން ގެންދިޔަ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ ހައިލަމްގެ މައްސަލަ ޖޭއެސްސީން ބަލަން ފެށީވެސް ހުސްވި އަހަރުގެ ޖުލައި މަހުއެވެ. (ހައިލަމް ފަހުންވަނީ ގާޒީ ކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައެވެ).

މެޖިސްޓްރޭޓުންނަށް ފޯން އެލަވަންސް ދޭން މަޖިލީހަށް ހުށަހަޅަން ޖޭއެސްސީން ނިންމީވެސް ރައީސް ނަޝީދުގެ ބައިވެރިވެވަޑައިގަތުމާއި އެކުއެވެ. އެއީ ހުސްވި އަހަރުގެ އޮގަސްޓް މަހުއެވެ. ރާއްޖޭގެ ޖުޑިޝަރީ ހަރުދަނާ ކުރުމަށް ޖަޕާނު ސަރުކާރާއި އެކު މަޝްވަރާތަކެއް ކުރެވުނީވެސް ހުސްވި އަހަރުގެ އޮގަސްޓް މަހު ރައީސް ނަޝީދުގެ ބައިވެރިވެވަޑައިގަތުމާއި އެކުއެވެ. 

ކޯޓުތަކުގެ ގާނޫނަށް އެމްޑީޕީން ގެނައި އިސްލާހާއި އެކު ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމުގެ މަސައްކަތްވެސް ފެށީ ހުސްވި އަހަރުގެ އޮގަސްޓް މަހުއެވެ. އަދި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ދީދީ މަގާމުން ވަކިކުރަން ޖޭއެސްސީން ނިންމައި މަޖިލީހަށް ހުށަހެޅީ ހުސްވި އަހަރުގެ އޮގަސްޓް މަހުގެ ފަހުކޮޅުއެވެ.

ޖޭއެސްސީއަށް އާ ސެކެއްޓްރީ ޖެނެރަލެއް އައްޔަން ކުރެއްވީ ހުސްވި އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. އަދި މަރާލާފައިވާ ނޫސްވެރިޔާ ރިލްވާނުގެ މަރުގެ މައްސަލައިގައި ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ ހައިކޯޓުގެ ފަނޑީޔާރު ހަސަން އަލީގެ އިތުރު މައްސަލެއެއް ޖޭއެސްސީން ބަލަން ފެށީވެސް ހުސްވި އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. އަދި އެ މައްސަލައިގާ ހަސަން އަލީ ސަސްޕެންޑް ކުރަން ޖޭއެސްސީން ނިންމީ ހުސްވި އަހަރުގެ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ.

އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލައިގައި ފަނޑިޔާރުން ހިމެނޭ ކަމަށާއި، އެކަމުގެ ތަހުގީގު ފެށުމަށް ކޮމިޝަނުން ނިންމީ ހުސްވި އަހަރުގެ އޮކްޓޫބަރު މަހުއެވެ. އަދި ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާޢު އުސްމާނުގެ އާ މައްސަލައެއް ތަހުގީގު ކުރަން ޖޭއެސްސީން ނިންމީ ހުސްވި އަހަރުގެ އޮކްޓޫބަރު މަހުގެ ފަހުކޮޅުއެވެ. އޭރުވެސް ޝުޖާޢުގެ އިތުރު މައްސަލައެއް އެ ކޮމިޝަނުން އައީ ތަހުގީގުކުރަމުންނެވެ.

ކްރިމިނަލް ކޯޓުގެ ވައިބާ ގްރޫޕެއްގައި އެ ކޯޓުގެ އިސްފަނޑިޔާރު ހައިލަމް ހިއްސާ ކުރެއްވި ފޮޓޯއެއްގެ މައްސަލަ ޖޭއެސްސީން ބަލަން ފެށީ ހުސްވި އަހަރުގެ ނޮވެމްބަރު މަހުއެވެ. އަދި އެ ކަމާއި ގުޅިގެން ނޮވެމްބަރު މަހުގެ ފަސް ވަނަ ދުވަހު ހައިލަމް ސަސްޕެންޑް ކުރަން ޖޭއެސްސީން ނިންމީ، ރައީސް ޔާމީންގެ ޝަރީޢަތް ހައިލަމް ކުރިއަށް ގެންދަވަނިކޮށެވެ. ސުޕްރީމް ކޯޓުގެ ސްޓްރެޓީޖިކް އޮޑިޓެއް ކުރަން ޖޭއެސްސީން ނިންމީވެސް ހުސްވި އަހަރުގެ ނޮވެމްބަރު މަހުއެވެ.

ސުޕްރީމް ކޯޓަށް އައްޔަން ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ފޮނުއްވި ބައެއް ނަންތައް، ސުޕްރީމް ކޯޓަށް އައްޔަން ކުރަން ނުފެންނަ ކަމަށް ޖޭއެސްސީން ނިންމީ ހުސްވި އަހަރުގެ ޑިސެމްބަރު މަހުއެވެ.

your image

ބޮޑެތި ތުހުމަތުތަކެއް ކުރެވޭ ހައިކޯޓުގެ ފަނޑިޔާރު ޙަސަން އަލީ، ޝުޖާޢު އުސްމާނު އަދި ޖުވެނައިލް ކޯޓުގެ ގާޒީ އަބްދުލް ބާރީ ޔޫސުފް

ހައިކޯޓުގެ އިސްފަނޑިޔާރުގެ އިތުރު މައްސަލައެއް ބަލަމުންދާ ކަމަށް ޖޭއެސްސީން އަނެއްކާވެސް ޖެނުއަރީ މަހު ހާމަ ކުރި އެވެ. އެއީ ޖޭއެސްސީން ޝުޖާޢާ ގުޅޭ ގޮތުން ބަލަމުންދާ ތިން ވަނަ މައްސަލައެވެ. ކުޑަ ކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް އަވަސް ކުރުމަށް ބާރު އަޅައި، އެ ފަދަ މައްސަލަތައް "ބްލޮކް ޓްރަޔަލް" ނިޒާމެއްގެ ދަށުން ބަލަން ފަށަން ކޯޓުތަކަށް ޖޭއެސްސީން ލަފާ ދިނީ ވެސް ޖެނުއަރީ މަހުއެވެ.

ކޯޓުތަކުގައި މައްސަލަތައް ލަސްވާ ސަބަބު ދެނެގަތުމަށް އަނެއްކާވެސް ޖޭއެސްސީން މަސައްކަތް ފެށީ މިއަހަރުގެ ފެބްރުއަރީ މަހުއެވެ. މީގެ އިތުރުން އަންހެން ފަނޑިޔާރުން ވިހެއުމުން ހަ މަސް ދުވަހުގެ ޗުއްޓީއަކާއި ފިރިހެން ފަނޑިޔާރުންނަށް ދަރިން ލިބުމުން އެއް މަސް ދުވަހުގެ ޗުއްޓީ ދޭންވެސް ޖޭއެސްސީން ނިންމީ މި އަހަރުގެ ފެބްރުއަރީ މަހު ރައީސް ނަޝީދުގެ ބައިވެރިވެވަޑައިގަތުމާއި އެކުއެވެ. އިންޑިޔާގެ ނޭޝަނަލް ޖުޑީޝަލް އެކަޑަމީއާއި ޖުޑީޝަލް ސަވިސް ކޮމިޝަނާއި ދެމެދު އެއްބަސްވުންތަކެއް ގާއިމު ކުރެވުނީވެސް ފެބްރުއަރީ މަހުއެވެ. އަދި ރައީސް ނަޝީދުގެ ވެރިކަން ނިމުމަކަށް އައުމުގެ ހާލަތު މެދުވެރިވި، މަޝްހޫރު ޢަބްދުﷲ ގާޒީގެ މައްސަލައެއް ޖޭއެސްސީން ބަލަން ފެށީވެސް ފެބްރުއަރީ މަހުއެވެ.

ހުޅުމާލޭ ކޯޓު އުވާލުމުގެ މަސައްކަތް ޖޭއެސްސީން ފެށީ މި އަހަރުގެ މާރިޗު މަހުއެވެ. އަދި ކޮވިޑާ ގުޅިގެން އޮންލައިންކޮށް ބައްދަލުވުންތައް ކުރިއަށް ގެންދިޔުމާއި ކޮމިޝަނުގެ މަސައްކަތް ކުރުން ފެށުނީވެސް މާރިޗު މަހުއެވެ. އޭނގެ ފަހުން ޖޭއެސްސީގެ ބައްދަލުވުންތައް ކުރިއަށްދަނީ އޮން ލައިންކޮށެވެ. އޮންލައިން ބައްދަލުވުންތަކުގައި ބައެއް ފަނޑިޔާރުންނާއި ދެކޮޅަށް ފިޔަވަޅު އަޅާފައިވެއެވެ. އެހެންނަމަވެސް މިއަދު ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ، ޖޭއެސްސީގެ ދުވެލި އިންތިހާއަށް ދަށްކަމެވެ. އެމްޑީޕީން އެ ބުނާ ފިނިހަކަ ދުވެއްޔަކީ ޖޭއެސްސީގެ ސްޕީޑަށް ވެއްޖެ ނަމަ އެމްޑީޕީން ވަކާލާތު ކުރަމުން އަންނަ ބާރު ސްޕީޑުގައި ކޯޓްތައް އިސްލާހު ކުރުމުގެ މަސައްކަތް ނިންމާލެވޭނެތޯ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް