
ސަރުކާރުގެ ފަރާތުން މި ބިލް މަޖިލީހަށް ހުށަހެޅުއްވީ، ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހުއެވެ. އިނގުރައިދޫ ދާއިރާގެ މެންބަރު ފަލާހު ހުށަހަޅުއްވާފައިވާ ބިލުގައި، ރައްޔިތުންނާ ގުޅޭ މުހިންމު ކަންކަމުގައި ވޯޓަކަށް ދިޔުމަށް މަޖިލީހުގެ އަގުލަބިއްޔަތުން ގަރާރެއް ފާސްކުރަން ޖެހެ އެވެ. އޭގެ އިތުރުން، ގައުމީ މުހިންމު މައްސަލަތަކުގައި ވޯޓަށް ދިޔުމަށް ރައީސްގެ ގަރާރަކުން ނިންމޭނެ ކަމަށް ވެސް އެ ބިލުގައި ބަޔާންކޮށްފައިވެ އެވެ.
މާދަމާގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާ މި ބިލުގައި ވާގޮތުން މަޖިލީހުން ފާސްކުރާ ގަރާރާއި ރައީސް ސޮއިކޮށް ނެރޭ ގަރާރާ އެކު ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލާއި އަދި، އެ މައްސަލައާ އެއްކޮޅަށް ހުރި ހުއްޖަތުތަކާއި ދެކޮޅަށް ހުރި ހުއްޖަތުތަކުގެ މައްޗަށް އެކުލެވޭ މައުލޫމާތު ކަރުދާހެއް ހިމަނަން ޖެހެ އެވެ. އެ އެކުލަވާލާ ކަރުދާސް ވޯޓު ނެގުމުގެ މަދުވެގެން 21 ދުވަސް ތެރޭގައި އާންމުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖައްސަން އިލެކްޝަންސް ކޮމިޝަނަށް މި ބިލުގައި ވަނީ ލާޒިމުކޮށްފަ އެވެ.
އުމުރުން 18 އަހަރު ފުރިފައިވާ ކޮންމެ މީހަކަށް މި ސިއްރު ވޯޓުގައި ބައިވެރިވެވޭނެ ކަމަށް ބަޔާންކޮށްފައިވާއިރު، އެފަދަ ވޯޓެއް ނަގަން ހުށަހަޅާތާ މަދުވެގެން 45 ދުވަސް އަދި ގިނަވެގެން 90 ދުވަހުގެ ތެރޭގައި އީސީން ވޯޓު ބާއްވަން ޖެހެ އެވެ.
ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓް ނެގުމުގެ ބިލެއް 2014 ވަނަ އަހަރުވެސް މަޖިލީހަށް ހުށަހެޅުނެވެ. އެ ފަހަރު ސަރުކާރުގެ ފަރާތުން އެ ބިލް މަޖިލީހަށް ހުށަހެޅުއްވީ އޭރު ނިލަންދޫ ދާއިރާގެ މެންބަރު އަދި މިހާރުގެ ފޮރިން މިނިސްޓަރ އަބްދުﷲ ޚަލީލްއެވެ. އެކަމަކު އޭރު އެ ބިލްގެ މަސައްކަތް ކޮޅެއްގައި ނުޖެހިދިޔައީއެވެ.