ޕްރެނާ ބުނީ މިދަނޑިވަޅުގައި މަސައްކަތަށް ނިކުންނަން އޭނާ ތައްޔާރު ނޫން ކަމަށާއި އެގޮތުން އެކަމުގައި ބައިވަރު ސަބަބުތައް އެބަ ހުރި ކަމަށެވެ.
އެގޮތުން ލޮކްޑައުންއަށް ދީފައިވާ ލުއިތަކާއެކު ބޭރަށް ނިކުތުމުގެ ފުރުސަތު ދިން ނަމަވެސް ކޮވިޑް-19 ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް އޭނާ ބުންޏެވެ. އަދި ބުނީ ކުރިއަށް އޮތް މޫސުމަކީ ރޯގާ ފަސޭހައިން ޖެހޭނެ ދުވަސްކޮޅެއް ކަމަށާއި އެގޮތުން ކޮވިޑުގެ އަލާމާތްތަކަކީ ވެސް ޑެންގޫ އާއި މެލޭރިއާ ފަދަ ބަލިތަކުގެ އަލާމާތް ކަމުން ރޯގާ ޖެހުނަސް ބިރު ހީވާނެ ކަމަށެވެ.
އޭނާ އިތުރަށް ބުނީ ޝޫޓިންތައް ކުރިއަށް ގެންދަން ޖެހޭނީ މާސްކް ނާޅައި ކަމަށާއި އެކަމަކު އެއީ ރައްކާތެރިކަމެއް ވެސް ނޫން ކަމަށެވެ.
ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ބައެއްގެ މަގްބޫލުކަން އެ ޝޯ މެދުވެރިކޮށް ޕްރެނާ ހޯދާފައިވާއިރު އޭނާ އާއި ޝޯގައި އަނުރާގުގެ ރޯލުން ފެނިގެންދާ ޕާތު ސަމްތާނުގެ ޖޯޑު ގިނަ ބަޔަކަށް ކަމުދެޔެ އެވެ.
ކޮވިޑް-19 އާ ގުޅިގެން މުޅި ފިލްމީ ދާއިރާ ހުއްޓުމަކަށް އައިސްފައިވާއިރު ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު މަސައްކަތް ފެށުމަށް ފިލްމު އުފެއްދުންތެރިން ދަނީ މަަސައްކަތް ކުރަމުންނެވެ.
އާމްދަނީ ލިބޭނެ ގޮތްތައް ހުސްވެ ޓީވީ ތަރިން ވަރަށް ނިކަމެތި ހާލުގައި އުޅެމުން އަންނައިރު މިހާރު ޓީވީ ތަކުން ވެސް ދައްކަނީ ކުރިން ދައްކާފައި ހުރި ޝޯތަކެވެ.