ދިވެހިރާއްޖޭގެ ހައިކޯޓުން މި ގޮތަށް ހުކުމްކޮށްފައިވަނީ ބުރާސްފަތި ދުވަހު، އެ ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. މި މައްސަލަ ބެއްލެވީ ފަނޑިޔާރު މުހައްމަދު ނިޔާޒު، މުހައްމަދު ފައިސަލް އަދި އަބްދުއްރަޢޫފު އިބްރާހިމެވެ.
2017 ވަނަ އަހަރު، ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމަށް ފޮޓޯއެއް ފޮނުވި ކަމަށް ބުނެ ވަޒީފާއިން ވަކިކޮށްފައިވަނީ މެދު ނުކެނޑި ފަންސަވީސް އަހަރަށްވުރެ ގިނަ ދުވަހު ޝަރުއީ ދާއިރާގައި މަސައްކަތް ކޮށްފައިވާ މުވައްޒަފެކެވެ. އޭނާ ވަޒީފާއިން ވަކިކުރުމުން، އޭނާ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއަށް ހުށަހެޅުމުން އެ ޓްރައިބިއުނަލްއިން ނިންމާފައިވަނީ އޭނާގެ ވަޒީފާއިން ވަކިކޮށްފައިވަނީ ރަނގަޅަށް ކަމަށެވެ. އެހެންނަމަވެސް އޭނާގެ ފަރާތުން އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ބުރާސްފަތި ދުވަހު ނިންމާފައިވަނީ ޓްރައިބިއުނަލްގެ ނިންމުން ބާތިލުކޮށް، އޭނާ ކުރިން ހުރި ވަޒީފާ އަލުން އަނބުރާ ދިނުމަށާއި، ވަޒީފާއިން ވަކިކޮށްފައިވާ ދުވަސްތަކަށް މުސާރަވެސް ދިނުމަށެވެ.
މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ކުރިއަށް ގެންގޮސްފައިވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ. މީގެ ކުރިންވެސް ކޯޓުތަކުން ގަވާއިދާ ޚިލާފަށް މުވައްޒަފުން ވަކިކޮށްގެން، އަލުން އެ ފަރާތްތަކަށް ވަޒީފާދޭން ކޯޓުން ހުކުމްކޮށްފައި އެބަހުއްޓެވެ.