
މިވަގުތު އިންޑިއާގެ ދިއްލީގައި ހުރި ޝިވާނީ ބުނީ މިދިޔަ ހަފުތާއިން ފެށިގެން ވަރަށް ގަދަޔަށް ހުން އަންނަމުންދާ ކަމަށެވެ. އެގޮތުން ދޭތެރެއަކުން ހުން ތިރިވާ ކަމަށް ވެސް ބުނެ އެވެ.
ޝިވާނީ ބުނީ ގައިގާ ރިއްސުމާއި ނޭވާލާން އުނދަގޫވުމުގެ އިތުރުން ކަރުތެރެ އާއި ބޮލުގައި ވެސް ރިއްސާ ކަމަށެވެ. އެގޮތުން އެ ހުރިހާ އަލާމާތްތަކަކާއެކު އެހެން މީހުންނެކޭ އެއްގޮތަށް އޭނާ ވެސް ބިރުގަންނެފައިވާ ކަމަށް ވެސް ބުންޏެވެ.
ޝިވާނީ ވަނީ އޭނާ ބޭނުންވަނީ ކޮވިޑަށް ޓެސްޓް ކުރަން ކަމަށާއި އެގޮތުން ބައެއް ޑޮކްޓަރުންނަށް ވެސް ގުޅާފައިވާ ކަމަށާއި އެކަމަކު އެމީހުންގެ އަތުގައި ވެސް ކޮވިޑް ޓެސްޓް ކިޓް ނެތް ކަމަށް ބުނާ ކަމަށެވެ. އަދި ދިއްލީގެ ބައެއް ހޮސްޕިޓަލުތަކަށް ވެސް ގުޅި ނަމަވެސް އެމީހުން ވެސް ވަނީ އެކަން ކުރެވެން ނެތް ކަމަށް ބުނެފައި ކަމަށެވެ.
ޝިވާނީ އިތުރަށް ބުނީ އޭނާގެ ގައިގައި ހޮސްޕިޓަލަކަށް ދާނެހާ ވެސް ހިތްވަރު ނެތް ކަމަށެވެ. އަދި ބުނީ އިންޑިއާގެ ކޮވިޑް-19 ހެލްޕްލައިނަށް ވެސް ގުޅާފައިވާ ކަމަށާއި އެމީހުން ވެސް ވަނީ ކުރިއަށް އޮތް ހަފުތާއަށް ފުލް ކަމަށް ބުނެފައި ކަމަށެވެ.
އޭނާ ވަނީ އެކަމުގައި ސަރުކާރަށް ވެސް ފާޑުކިޔާފަ އެވެ. އެގޮތުން ވަސީލަތްތައް ހުރި ކަމަށް ސަރުކާރުން ބުނި ނަމަވެސް އަމަލުން އެކަން ފެނިގެން ނުދާ ކަމަށް ބުންޏެވެ.
ދިއްލީގެ ހޮސްޕިޓަލަކުން ކޮވިޑަށް ޓެސްޓް ނުކުރެވިގެން ޝިވާނީ އުޅެމުން އަންނައިރު މިމަހުގެ ތެރޭގައި ވަނީ ދިއްލީގެ ފަސް ހޮސްޕިޓަލަކުން ފަރުވާ ނުދެވި ފޮނުވާލި ބައެއް މީހުން އެ ބަލީގައި މަރުވެފަ އެވެ.
ކޮވިޑް-19 އާ ގުޅިގެން އިންޑިއާގެ ވެރިރަށް ދިއްލީގައި ހާލަތު ދަނީ ދުވަހެއް ދުވަހަކަށް ގޯސްވަމުން ކަމަށް މީހުން ތުހުމަތުކުރަމުންދާތާ ދުވަސްތަކެއް ވެއްޖެ އެވެ. އެގޮތުން ހޮސްޕިޓަލުތަކުގައި މީހުން އެޑްމިޓްނުކުރެވޭ ހާލަތަށް އެގައުމުގެ ހާލަތުގޮސްފައިވާ ކަމަށް މީހުން ބުނެ އެވެ.