ޖޯންސް ހޮޕްކިންސް ޔުނިވާސިޓީން ނެރިފައިވާ އެންމެ ފަހުގެ ކޮވިޑް-19 ތަފާސްހިސާބު ތަކުން ދައްކާ ގޮތުގައި، އިނގިރޭސި ވިލާތަށް ވުރެ ގިނަ އަދަދެއްގެ ބަޔަކު މަރުވި ކަމަށް ރިޕޯޓުކޮށް މިހާރު ދުނިޔޭގެ އެންމެ ގިނަ އަދަދެއްގެ ބަޔަކު މަރުވެފައިވާ ދެ ވަނަ ގައުމެއްގެ ގޮތުގައި އޮތީ ބްރެޒިލް އެވެ.
ބްރެޒިލް އަކީ މި ވަގުތު ކޮވިޑް-19 ގެ އަސަރު އެންމެ ބޮޑަށް ކުރަމުންދާ އެއް ގައުމު ކަމުގައިވީ ނަމަވެސް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނަނީ އެ ގައުމުގެ ސިއްހީ ނިޒާމުން ކޮވިޑް-19 އިން ކުރިމަތި ކުރަމުންދާ ޕްރެޝަރުތަކާއި ދެކޮޅަށް ތެދުވާން ފައްޓާފައިވާ ކަމަށެވެ.
ޑަބްލިއުއެޗްއޯ އިން އިތުރަށް ބުނި ގޮތުގައި، ބްރެޒިލް ގެ ހާލަތު އަދިވެސް އޮތީ ކަންބޮޑު ވާން ޖެހޭ ވަރުގެ ހާލަތެއްގައެވެ. އެގޮތުން، ޑަބްލިއުއެޗްއޯގެ އެމަޖަންސީ މާހިރު ކަމަށްވާ ޑރ. މައިކް ރާޔަން ވިދާޅުވީ، އެ ގައުމުގެ ސިއްހީ ނިޒާމުން ކޮވިޑް-19 އާއި ދެކޮޅަށް މަސައްކަތް ކުރަމުން ދިޔަ ކަމުގައިވީ ނަމަވެސް އިތުރު ހިތްވަރެއް ކުރުމަށް އެ ގައުމަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހިފައިވާ ކަމަށެވެ.
ފާއިތުވެ ދިޔަ ހަފްތާ ތަކުގައި އެ ގައުމުން ދުވާލެއްގެ މައްޗަށް 1000 އަށް ވުރެ ގިނަ މީހުންގެ މަރު ރިޕޯޓު ކުރަމުން ގޮސްފައިވާއިރު، އިއްޔެ އެ ގައުމުން 24 ގަޑިއިރުގެ ތެރޭގައި ރިޕޯޓު ކޮށްފައި ވަނީ 909 މީހުންގެ މަރެވެ. މިއާއިއެކު އެ ގައުމުގައި ވައިރަހުގެ ސަބަބުން މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 41,828 އަށް އަރާފަ އެވެ.
އޭގެ އިތުރުން، އެ ގައުމުގެ މިނިސްޓްރީ އޮފް ހެލްތުން ވަނީ ފާއިތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 ވައިރަހުގެ 25,982 އާ ކޭސް ރިޕޯޓު ކޮށްފަ އެވެ. ބްރެޒިލްގައި ވައިރަހަށް ޖުމްލަ ޕޮޒިޓިވްވީ މީހުންގެ އަދަދު މިހާރު 8.2 ލައްކަ އަށް ވުރެ އިތުރުވެފައިވާއިރު، އެ ގައުމަކީ ދެ ވަނަ އަށް އެންމެ ގިނަ އަދަދެއްގެ ބަޔަކު ވައިރަހަށް ޕޮޒިޓިވްވެފައިވާ ގައުމެވެ.