
މިނިސްޓަރު މިހެން ވިދާޅުވީ ފުޑް އެންޑް އެގްރިކަލްޗާ އޯގަނިޒޭޝަން (އެފްއޯއޭ) އިން އިންތިޒާމްކޮށްގެން ބާއްވާ 44 ވަނަ ސެޝަން އޮފް އެފްއޭއޯ ކޮންފަރެންސްގެ ތެރެއިން ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރު ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ދެމެހެއްޓެނިވި ދަނޑުވެރިކަމެއް ކުރެވޭނެ ގޮތަށް ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން އަންހެނުން އިސްވެ ފަށާ ވިޔަފާރިތަކަށް އެހީވުމަށް ހާއްސަ ފަންޑެއް ގާއިމުކުރުމަށް ސަރުކާރުން ވަނީ ނިންމާފައިކަމަށެވެ. އަދި ދަނޑުވެރިކަން ކުރުމަށް ބޭނުންވާ ބިމާއި އެކިއެކި ވަސީލަތްތައް އަންހެނުންނަށް ލިބޭނެ އިންތިޒާމްވެސް ހަމަޖައްސާނެކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، މިނިސްޓަރު ވަނީ ދަނޑުވެރިންނަށް އަތްފޯރާފަށުގައި ފައިނޭންސް ލިބުމުގެ ފުރުސަތުތައް ދަނީ އިތުރުވަމުންކަން ފާހަގަކުރައްވާފައެވެ. އެގޮތުން އެގްރިކަލްޗަ އެންޑް އެނިމަލް ވެލްފެއަ މިނިސްޓްރީއާއި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އާ ގުޅިގެން "ދަނޑުވެރިނަފާ" ލޯނު ތައާރަފްކޮށް ދަނޑުވެރިންނަށް ދޫކުރަމުންދާކަން ފާހަގަކުރެއްވިއެވެ. އަދި ދަނޑުވެރިކަމުގެ ދާއިރާގައި ޒުވާނުންނަށް އިތުރު ފުރުސަތުތައް ހޯދައިދިނުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.