
މި ސްޓަޑީއަކީ ހާލަތު ދެނެގަތުމާއި، ފަރުވާގެ ނިޒާމު ބައްޓަންކުރަންވީގޮތް ކަނޑައެޅުމަށް މައުލޫމާތު އެއްކުރުމަށް ކުރިއަށްގެންދާ ދިރާސާއެއްކަމަށް ސްޓޭޓް މިނިސްޓަރ އަދި ނެޝަނަލް ޑްރަގް އެޖެންސީގެ ބޯޑުގެ ޗެއަރ ލުބްނާ ޒާހިރު ވިދާޅުވިއެވެ.
ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލުބްނާ ދައުލަތުގެ މީޑިއާ މެދުވެރިކުރައްވައި ވިދާޅުވިގޮތުގައި، ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާގޮތާއި ބޭނުންކުރާ ބާވަތްތައް މިހާރު ބޮޑަށް ބަދަލުވެފައިވެއެވެ. ގިނަބަޔަކު މިހާރު ބޭނުންކުރަނީ ކެނަބިސްގެ އިތުރުން ސިންތެޓިކް ނުވަތަ ކެމިކަލް ޑްރަގްތަކެވެ. ލުބްނާ ފާހަގަކުރެއްވިގޮތުގައި މަސްތުވާތަކެތި ބޭނުންކުރާ ގިނަ މީހުން މަސްތުވާތަކެތީގެ 3 ބާވަތަށްވުރެ ގިނަ ބާވަތްތަކަށް އެއްފަހަރާ ޕޮޒިޓިވްވާކަން ފާހަގަކުރެވެއެވެ. ބައެއް މީހުން 7، 8، 9 ބާވަތަށްވެސް ޕޮޒިޓިވްވާކަން އެނގިފައިވެއެވެ.
މި ޕައިލެޓް ސްޓަޑީގައި ގާތްގަނޑަކަށް 1000 މީހުންގެ މައުލޫމާތު އެއްކުރުމަށް ހަމަޖެހިފައިވާއިރު، ފުރަތަމަ ފަށާއިރު 150 މީހުންގެ ސާމްޕަލް ކަލެކްޓްކޮށް ސްޓަޑީކުރާނެކަމަށް ލުބްނާ ބުންޏެވެ. މިކަމުގައި ޑޮކްޓަރުންނާއި ނަރުހުންނާއި ކައުންސިލަރުން ބައިވެރިވާނެއެވެ. މިހާރު އެންޑީއޭގެ ފެސިލިޓީތަކުގައި ޓެސްޓިން ކެޕޭސިޓީ ވަރުގަދަކޮށްފައިވާކަމަށާއި، ޔޫރިން ޓެސްޓިން ޕެނަލްގައި 14 ބާވަތަކަށް އެއްފަހަރާ ޓެސްޓުކުރެވޭކަމަށްވެސް ލުބްނާ ވިދާޅުވިއެވެ.