ads
ސްކޫލު ދަރިވަރުންތަކެއް-- ފޮޓޯ: ކޭއޯ
ނިއު ނޯމަލްގައި ސުކޫލުތައް ހުޅުވާނީ ހަފްތާއަކު ހަތަރު ދުވަހު، ދުވާލަކު ހަތަރު ގަޑިއިރަށް
ކޮވިޑް-19ގެ ލޮކްޑައުން އަށް ފަހު އަމަލު ކުރާ "ނިއު ނޯމަލް" އުސޫލުގެ ދަށުން ސްކޫލުތައް ހުޅުވާނީ ހަފްތާއަކު ހަތަރު ދުވަހު، ދުވާލަކަށް ހަތަރު ގަޑިއިރަށް ކަމަށް ކަނޑައަޅައި، އެކަމާއި ގުޅޭ ސާކިއުލާއެއް އެޑިއުކޭޝަން މިނިސްޓްރީން ނެރެފި އެވެ.

އެޑިއުކޭޝަން މިނިސްޓަރު ސޮއި ކުރައްވާ ސްކޫލްތަކަށް ފޮނުވާފައިވާ ސާކިއުލާގައި ބުނާގޮތުން، އާ އުސޫލުތަކުގެ ދަށުން ހަފްތާއަކު ހަތަރު ދުވަހު ކިޔަވައިދޭއިރު ފަސް ވަނަ ދުވަހަކީ ޓީޗަރުން އެކަނި ސްކޫލަށް ނިކުންނަން ޖެހޭ ދުވަހެކެވެ. އެގޮތުން އެ ދުވަހު ޓީޗަރުން ސްކޫލަށް ނިކުމެ، ލެސަން ޕްލޭންތައް ތައްޔާރުކުރަން ޖެހޭނެ އެވެ.

އޭގެ އިތުރުން ލޮކްޑައުން އަށް ލުއި ދޭގޮތަށް، ސުކޫލުތަކުގައި ކިޔަވައިދޭން ފަށާނީ ވެސް ސްޓޭޖްތަކަކަށް ބަހާލައިގެންނެވެ. އެގޮތުން ލޮކްޑައުންގައި ހުރި ރަށްރަށުގެ ސްކޫލުތައް ބަންދުވާނެ އެވެ. އެކަމަކު މޮނީޓަރިންގެ ހާލަތުގައި ހުރި ރަށްރަށުގެ ސްކޫލުތައް ހުޅުވައި ގްރޭޑް 9 އަދި 10ގެ ދަރިވަރުންނަށް ކިޔަވައިދޭން ފަށާނެ އެވެ. އޭގެ އިތުރުން އޭ ލެވެލް ގްރޭޑްތައް ކަމަށްވާ 11 އަދި 12ގެ ދަރިވަރުންނަށް ވެސް ކިޔަވައިދޭން ފަށާނެ އެވެ. ކޮވިޑް-19 ނޫޅޭ ރަށްރަށުގައި ހުރިހާ ގްރޭޑްތަކަކަށް ކިޔަވައިދޭން ފަށާނެ އެވެ.

ސްކޫލް ހުޅުވާފައި ހުންނަ ވަގުތާއި، ހުޅުވާ ދުވަސްތައް މަދު ކުރުމުން ކޮންމެ ދުވަހެއްގައި ވެސް ކިޔަވައިދޭނީ ހަތަރު މާއްދާ ކަމަށް އެޑިއުކޭޝަނުން ބުނެ އެވެ. އޭގެ އިތުރުން ކޮންމެ ދެ ހަފްތާއަކުން އެއްހަފްތާގައި އޮންލައިންކޮށް، ގޫގުލް ކްލާސްރޫމް މެދުވެރިކޮށް ކިޔަވައިދޭނެ ކަމަށް ވެސް ނިއު ނޯމަލްގެ، ސްކޫލުތައް ހުޅުވުމާއި ބެހޭ އުސޫލުގައި ބުނެފައި ވެއެވެ.

ރާއްޖެ އަށް ކޮވިޑްގެ ބިރު ބޮޑުވުމާއި ގުޅިގެން މާޗް މަހުގެ ތެރޭގައި ވަނީ ސްކޫލުތައް ބަންދުކޮށްފަ އެވެ. އޭގެ ފަހުން ކިޔަވައިދެނީ ޓީވީ ޕްރޮގްރާމްތަކުގެ ގޮތުގައި ގެންނަ، ޓެލިކްލާސްތަކުންނެވެ. 

އަލުން ސްކޫލްތައް ހުޅުވާލުމަށް ހެދި އުސޫލުގައި ބުނާގޮތުން ގްރޭޑް 1-6 އާ ދެމެދުގެ ގްރޭޑްތަކުގެ ކުދިންނަށް ސްކޫލުގައި ކިޔަވައިދޭނީ ކޮންމެ ހަފްތާއަކު ވެސް 19 ޕީރިއަޑް ކަމަށެވެ. އަދި ކޮންމެ ހަފްތާއަކު ވެސް ފަސް ޓެލިކްލާސް ސެޝަން އޮންނާނެ އެވެ.

ގްރޭޑް 7 އަދި 8ގެ ކުދިންނަށް ކިޔަވައިދޭނީ ހަފްތާއަކު 18 ޕީރިއަޑް އެވެ. އަދި ގްރޭޑް 9-12 އާ ދެމެދުގެ ކްލާސްތަކަށް ސްކޫލުގައި އޮންނަ ސެޝަންތަކުގެ އިތުރުން ހަފްތާއަކު ދެ ޓެލިކްލާސް ސެޝަން އޮންނާނެ ކަމަށް އެޑިއުކޭޝަނުން ބުނެ އެވެ.

އެޑިއުކޭޝަންގެ އާ އުސޫލުގައި ބުނާގޮތުން ޓެލިކްލާސް ނުވަތަ ގޫގުލް ކްލާސްރޫމް ނުވަތަ އޮންލައިން ކޮށް ނަގައިދޭ ސެޝަންތަކުގައި ދަރިވަރުން ބައިވެރިވުމަކީ މަޖުބޫރު ކަމެކެވެ. އަދި އެ ކްލާސްތަކުގައި ބައިވެރިވާ ދަރިވަރުންގެ ހާޒިރީ ބަލަހައްޓާނެ ކަމަށް ވެސް އެޑިއުކޭޝަނުން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް