ads
ސިވިލް ސާވަންޓުން: ޕެންޝަނުގައި ބައިވެރިވުން މުހިންމު-- ފޮޓޯ: ސީއެސްސީ
ޕެންޝަން ފަންޑް: މި ވާނުވާ އަހަރުމެންނަށް އެނގޭ ހެއްޔެވެ؟
ކޮވިޑް-19 ގެ ބިރުވެރިކަން މުޅި ދުނިޔެ ވަށާލައިފިއެވެ. ބައްޔަށް ދެ މަސްވީއިރު ރާއްޖެއަށްވެސް ބަލި އަތުވެއްޖެއެވެ. ތިން މަސްވީއިރު ރާއްޖޭގެ މީހުންވެސް ޕޮޒިޓިވްވާން ފަށައިފިއެވެ. ދުވަސްކޮޅެއް ފަހުން މީހުން މަރުވާން ވެސް ފަށައިފިއެވެ. ދެން އައީ ކުރަން އެންމެ އުނދަގޫ އެހެން ނަމަވެސް ކުރަން މަޖުބޫރު ކަންތަކެވެ.

މުޅި ގައުމު ހުއްޓުމަކަށް ގެނައީ އެވެ. ބޯޑަރު ބަންދުކުރީ އެވެ. މަގުތަކާއި ރަށްތައްވެސް ބަންދުކުރީ އެވެ. އެންމެން ފުރަ ބަންދުވީ އެވެ. އެއާއެކު އަމިއްލަ މަސައްކަތުން ދިރިއުޅެމުން އައި އެތައް ބައެއްގެ އާމްދަނީ ހުއްޓުނެވެ. އަމިއްލަ އޮފީސްތަކާއި ކުންފުނިތަކުގެ އާމްދަނީ ދަށްވުމުން މުވައްޒަފުން ވަކި ކުރަން ފެށިއެވެ. ތެދު ތެދަށް ބުނާ ނަމަ ދިވެހިންގެ ތެރެއިން މަދުނޫން އަދަދެއްގެ ބަޔަކު ހާލުގައި ޖެހުނީ އެވެ. މިއީ މަންޒަރު އޮތްގޮތެވެ. ދެން އޮތީ އޭގެ ސަބަބުން އިވެން ފެށި އަޑުތަކެވެ. އެންމެ ބާރުވި އެއް އަޑަކީ މިއޮތްހާ ދުވަހު ޕެންޝަން ފަންޑަށް ކެނޑި ފައިސާ ލިބެން ޖެހޭ ވަގުތު އައިސްފައިވާ ކަމަށާއި އޭގެ ހައްގުވެރިންނަށް ރައްދު ކޮށްދިނުމަށެވެ.

އެބުނީ ތެދެކެވެ. ހަނދާން ވެއްޖެއެވެ. ޕެންޝަން ފަންޑުގައި އަހަރެންގެވެސް 150،000 ހާހަށްވުރެ ގިނަ ފައިސާ ހުރިކަމަށް ޕެންޝަން އޮފީހުގެ އެޕްލިކޭޝަނުން ދައްކައެވެ. ޕެންޝަން އޮފީހުން ދާދި ފަހުން ހާމަކުރި މައުލޫމާތަށް ބަލާއިރު އަހަރެން ހިމެނޭނީ އެންމެ ގިނައިން ޕެންޝަން ފައިސާ ފަންޑުގައި ހުރި އެންމެ 20 އިންސައްތަ މީހުންގެ ތެރޭގައެވެ. މާނައަކީ އަހަރެންނަށްވެސް ޕެންޝަން ފަންޑުން ފައިސާ ނަގަން ފުރުސަތު ލިބިއްޖެނަމަ ބޮޑު އެއްޗެއް ލިބުމުގެ ފުރުސަތު އޮތުމެވެ. އަހަރެއްހާ ދުވަހު ދެފައި ދަމާލައިގެން އޮވެވިދާނެ ކަން ނޭނގެއެވެ. އެކަމަކު މިދެއްކެނީ ރަނގަޅު ވާހަކައެއް ހެއްޔެވެ؟ އަދި ހުރީ އެންމެ ދަރިއެކެވެ. މިހެން އެކަން ކޮށްފިނަމަ އަހަރެން ގައިބާރު ދެރަވާ ދުވަހު އެދަރިއަށް ހާދަ ބުރަ ބޮޑުވާނެ އެވެ.

ޕެންޝަން ފަންޑުގެ ފައިސާ އާ ގުޅޭ ގޮތުން މީހުން ލިޔެފައި ހުންނަ ކޮމެންޓްތަކާއި ސްޓޭޓަސްތައް ވަރަށް ގިނައިން ފެނެއެވެ. 90 އިންސައްތަ މީހުން ބުނަނީ އެ ފައިސާއަކީ ހައްގުވެރިންނަށް މި ވަގުތު ލިބެން ޖެހޭ ފައިސާ ކަމަށާއި މިހާލަތުގައި އެ ނުލިބޭނަމަ އޭގެ އެއްވެސް ބޭނުމެއް ނެތް ކަމަށެވެ. އެންމެ ގިނައިން އައިސްފައިވާ ބަހަކީ "ހައްގުވެރިން" މިބަހެވެ. މި ފައިސާ ނެގުމާ ދެކޮޅަށް ވާހަކަ ދައްކާ ކޮންމެ މީހަކު ނުވަތަ ކޮމެންޓެއް ކޮށްލާ މީހަކު ހީވަނީ ހަމަ "ކާލަފާނެ" ހެންނެވެ. އެހާވެސް ރުޅިވެރި ބަސްތައް އަމާޒުވެއެވެ. ދެން އިވުނީ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ވަރަށް ރުޅި އައި ޖުމްލައެކެވެ.

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އެރުއްވި ނޫސްކޮންފަރެންސްގައި ތަކުރާރުކޮށް ޕެންޝަން ފަންޑާ ގުޅޭ ގޮތުން ސުވާލު ކުރުމުން  މިނިސްޓަރު އަމީރު ދެއްވި ޖަވާބެވެ. "އެ ފަންޑުގައި ނަގުދު ފައިސާ އެއް ނުހުންނާނެ އެވެ. ފައިސާ ހުންނާނީ އިންވެސްޓްކޮށްފައެވެ." އެއާއެކު ދެން ބުނަމުން ދިޔައީ މި ސަރުކާރުން ލާރި ގަނޑު ކާލީ ކަމަށެވެ. އެއަށް ތާއީދުކޮށް ވާހަކަ ދެއްކި މީހުން އަދި މާ މޮޅެވެ.

ޕެންޝަންގެ މި މައުލޫއަށް މީހުން ދައްކާ ވާހަކަ އިވިފައި އަޅުގަނޑަށް އުނދަގޫވަނީ މި ސަބަބާ ހުރެއެވެ. މާސްޓާސް ހެދިއިރު ސޯސަލް ޕްރޮޓަކްޝަން ކިޔާ މާއްދާއެއް ކިޔެވީމެވެ. އޭގައި އެސައިންޓްމަންޓް ހަދަން މައުލޫއެއް ހިޔާރު ކުރަން ޖެހުމުން އަޅުގަނޑު ނެގީ ރާއްޖޭގައި މި ހިނގާ ޕެންޝަން ސްކީމެވެ. ޕެންޝަނާ ގުޅޭ ގޮތުން އަޅުގަނޑުވެސް ލޯ ހުޅުވުނީ އެކަމަށް ކުރި ދިރާސާގެ ތެރެއިންނެވެ. ހަގީގަތުގައި ރާއްޖޭގައި ޕެންޝަން މި ބެހެނީ ދެ ބަޔަކަށެވެ. އެކަމަކު މިކަމަށް ތްރީ ޕިލާ އޭ ވެސް ކިޔައެވެ. އެއީ އުމުރުން ދުވަސްވީ މީހުންނަށް ދޭ އަސާސީ ޕެންޝަނާއި ރިޓަޔަމަންޓް ޕެންޝަން އެވެ. ދެން އަންނަނީ ވޮލަންޓްރީކޮށް ޕެންޝަނަށް ކޮންޓްރިބިއުޓް ކުރެވުމެވެ. މައިގަނޑު މިދެބައިގެ ތަފާތަކީ ކޮބައި ހެއްޔެވެ؟ 

އަސާސީ ޕެންޝަނަކީ އޭރަކު ސަރުކާރުން ދޭ އަސާސީ ޕެންޝަން ލިބޭ ކެޓަގަރީ އެވެ. އެމީހާއަކީ އޭނާގެ ޕެންޝަން ސޭވިން ގައި އެއްވެސް އެއްޗެއް ހުރި މީހެއް ނޫނެވެ. މި މީހުންނާ ތަފާތުކޮށް ޕެންޝަނަށް ފައިސާ ކޮންޓްރިބިއުޓް ކުރާ މީހުންގެ ފައިސާގެ އަދަދު ދުވަހެއް ދުވަހަކަށް ދާނީ މަތިވަމުންނެވެ. އަދި ސަރުކާރުން އެ ބުނާ އިންވެސްޓްކޮށްފައި ހުންނާނީވެސް ޖަމާކުރި މީހުންގެ ފައިސާ އެވެ. 

ޕެންޝަން އޮފީހުން ބުނާ ގޮތުގައި މިދިޔަ މުއްދަތުގައި ރިޓަޔަމަންޓް ސްކީމަށް އިންވެސްޓްކޮށްގެން ތިން ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މި ފައިސާ ވެސް ބެހިގެންދާނީ ރިޓަޔަމަންޓް ޕެންޝަނަށް ފައިސާ ޖަމާ ކުރާ މީހުންގެ މެދުގަ އެވެ. އެމީހެއްގެ އެކައުންޓްގައި ފައިސާ ހުރި ނިސްބަތަކުން ނެވެ. ބޭސިކް އަސާސީ ޕެންޝަން ލިބޭ މީހުންނަކަށް ފައިސާ އިތުރުވަމަކުން ނުދެއެވެ. މި ތަފާތު އަޅުގަނޑުމެންނަށް އަދި އިހްސާސްވާ ދުވަހެއް އަންނާނެއެވެ. ތަފާތު ތަންތަނުން މި ގަނެފައި ހުންނަ ހިއްސާގެ ފައިދާއަށްވާ ގޮތަށެވެ. އަދި ޕެންޝަން ފަންޑަށް އެންމެ 11 އަހަރެވެ. އަޅުގަނޑުމެންގެ އާއްމު ބަހުރުވައިންނަމަ ތަސައްރަފުވެސް ނުފުދެއެވެ.

ޕެންޝަން ފަންޑަށް ވަޒީފާ އަދާ ކުރާ ކޮންމެ ދިވެހި މުވައްޒަފެއް އަސާސީ މުސާރައިގެ 7 އިންސައްތަ ދޭން ޖެހެއެވެ. ހަމަ އެގޮތަށް ވަޒީފާދޭ ފަރާތުންވެސް އެ އަދަދަށް ޖަމާކުރަން ޖެހެއެވެ. ޕެންޝަން ފައިސާ ލިބެން ފަށަނީ 65 އަހަރުވުމުންނެވެ. ބަހާލަނީ 14 އަހަރަށެވެ. އެއީ އެވްރެޖްކޮށް މީހަކު ދުނިޔޭގައި ހުންނަ ކަމަށް ދުނިޔޭގެ ކަމާބެހޭ ދިރާސާތަކުގެ ހިސާބުތަކުން ދައްކާ ވަރެވެ. އެކަމަކު 90 އަހަރު ވަންދެން ދުނިޔޭގައި އުޅޭ އެތައް ބަޔަކުވެސް ތިބެއެވެ. އޭގެ މާނައަކީވެސް 79 އަހަރަށްފަހު އޭނާއަށް ދޭން ޖެހޭ ހުރިހާ ފައިސާއެއް އެ ދެނީ ހަމަ ދައުލަތުގެ ބަޖެޓުންނެވެ. ޕެންޝަން ފައިސާގައި ވަރަށް ގިނަ ފައިސާ ހުރި ނަމަ 55 އަހަރުވުމުންވެސް އެ ފައިސާ ހޯދަން އެދެވެއެވެ. އޭރުން އޭނާއަށް 24 އަހަރަށް އެފައިސާ ބަހާލަން ފުރުސަތު ލިބެއެވެ.

ރާއްޖޭގެ ގިނަ ބަޔަކު އަދިވެސް ޕެންޝަނަށް ފައިސާ ކޮންޓްރިބިއުޓް ކުރަނީ ހިތުން ރުހުމަކުން ނޫނެވެ. މަޖުބޫރުވުމުން އެނޫން ގޮތެއް ނެތިގެންނެވެ. ޕެންޝަން ފަންޑެއްގެ މުހިއްމުކަމާއި ގައިބާރު ދެރަވާ ދުވަހު ތިމަންނަ ހުންނާނެ ގޮތާއި ދަރިން ތިބޭނެ ހިސާބު ކުލަކޮށް ސިފައެއް ނުކުރެވެ އެވެ. މުސާރަ އާއެކު އޮފީހުން އެ ފައިސާ ނުކަނޑާ މުވައްޒަފު އަމިއްލައަށް އެ ފައިސާ ޕެންޝަން އޮފީހަށް ދައްކަން ފުރުސަތު ދީފިނަމަ މިހާރު އެ ފައިސާ ދައްކާ މީހުންގެ ތެރެއިންވެސް ދެ ބައި ކުޅަ އެއްބައި މީހުން ޕެންޝަން ފައިސާއެއް ނުދައްކާނެ އެވެ. މިއީ ހަގީގަތެވެ. އެންމެން އަޅުގަނޑު ދެކެ ރުޅިއަޔަސް ކުރާނެ ކަމެއް ނެތެވެ.

މިހާރުވެސް އަމިއްލަ އޮފީސްތަކުގައި މަސައްކަތް ކުރާ އެތައް ފަރާތެއް ބޭސިކް މުސާރަ ކުޑަކޮށް އެލަވަންސުން އެބައި ފޫބައްދަން އެދެ އެވެ. ޕެންޝަނަށް ފައިސާ ދައްކާ ވަރު ކުޑަ ކުރުމުގެ ބޭނުމުގަ އެވެ. މިއީ ގިނަ އަމިއްލަ އޮފީސްތަކުންވެސް ތަރުހީބުދޭ ކަމެކެވެ. ކީއްވެ ހެއްޔެވެ؟ އެތަނުންވެސް ހަތެއް އިންސައްތަ ލާން ޖެހޭއިރު އެމީހުންވެސް ދައްކަން ޖެހޭ ވަރު އެންމެ ރުފިޔާ އެއްވެސް ކުޑަވެއްޖިއްޔާ އެމީހުން އުފާވާނެ ނޫން ހެއްޔެވެ؟ ހަމަ އެގޮތަށް އަމިއްލަ ކުދި ވިޔަފާރިތަކުގައި މަސައްކަތް ކުރާ އެތައް ބަޔަކު ޕެންޝަނަށް ރަޖިސްޓްރީވެސް ނުކުރެއެވެ. މުވައްޒަފުވެސް ވިޔަފާރިންވެސް ބޭނުން ނުވަނީ އެވެ. އަތުން ފައިސާއެއް ދާން ނޭދެވެނީ އެވެ.

ޕެންޝަންގެ ތަފާސް ހިސާބުތަކަށް ބަލާއިރު 19 އިންސައްތަ މީހުންގެ އެކައުންޓްގައި 10 ހާސް ރުފިޔާއަށްވުރެ ހުރި އަދަދު މަދެވެ. މީގެން ދެ މާނައެއް ނެގިދާނެ އެވެ. އެއްމާނައަކީ ޕެންޝަނަށް ކޮންޓްރިބިއުޓްކުރާ މިންވަރު ކުޑަވުމުން ފައިސާ ހުރިލެއް މަދީ އެވެ. ނޫނީ ދާއިމީ ވަޒީފާއެއްގައި ގިނަ ދުވަހު ނޫޅެނީ އެވެ. އަނެއް ކަމަކީ މަސައްކަތަށް އަލަށް ނުކުންނަ އާބާދީ މިދިޔަ ދުވަސްތަކުގައި ވަރަށް ބޮޑަށް އިތުރުވެފައިވާތީ މިދިޔަ މަދު އަހަރުތަކުގައި އެހިސާބަށް އަދި ނުދެވެނީ އެވެ. ކޮންމެ ނަޒަރަކުން ބެލިއަސް އެމީހުންގެ ތެރެއިން ގިނަ ބަޔަކަށް އަދި 65 އަހަރާ ހަމައަށްދާން ލައްކަ ދުވަސް އެބައޮތެވެ.

ދެން އޮތީ ޕެންޝަން ފައިސާ މިވަގުތަށް ލިބެން ޖެހޭނެ ކަމަށް ބުނާ މީހުން ދައްކާ އެއް ވާހަކައެވެ. އެއީ އަތްނުލެވޭ އެއްޗެކޭ ތި މީހުން ތި  ބުނަނީ ކީއްވެ ހެއްޔެވެ؟ ފްލެޓް ގަންނަންވެސް އެ ފައިސާ ލިބެއެވެ. ހައްޖަށްދާންވެސް އެ ފައިސާ ނެގެއެވެ. ދެން ވަކި މިކަމަށް ދިނުމާ ތަފާތަކީ ކޮބައިހެއްޔެވެ؟ ހިތާމައަކީ ހަގީގަތުގައި މިކަން ހިނގާ ގޮތްވެސް ގިނަ ބަޔަކަށް ނޭނގުމެވެ. ހަދާ ނިމި އާއްމުކޮށް ވިއްކަން ހުޅުވާލައިގެން ވިއްކާ އިމާރާތެއް ގަތުމަށް ބޭނުންވާ ޑައުންޕޭމަންޓް ދެއްކުމަށް ބޭންކުން ލޯނު ހޯދުމަށް ބޭނުންވާ ގެރެންޓީ ޕެންޝަން އޮފީސް މެދުވެރިކޮށް ލިބޭނެ ގޮތަށް ޕެންޝަން ގާނޫނަށް އިސްލާހު ގެނައީ 2016 އޭޕްރީލް ގައެވެ. 

ބައެއް މީހުންނަށް ހީވެ އެވެ. ޕެންޝަން ފަންޑުގައި ހުންނަ ފައިސާ ނަގާފައި ޑައުންޕޭމަންޓް ދައްކަން ދެނީ އެވެ. ނޫނެކެވެ. އެއީ ރަނގަޅު ވާހަކައެއް ނޫނެވެ. ޕެންޝަން ފަންޑުން ކޮށް ދޭ ކަމަކީ ޔަގީންކަމެއް ދެނީ އެވެ. މީނާގެ ޕެންޝަން ފަންޑުގައި މިހާ ފައިސާ އެބަހުއްޓެވެ. ޑައުންޕޭމަންޓް ދައްކާދެނީ ބޭންކުންނެވެ. ޑައުންޕޭމަންޓަށް ފަހު އެ ފްލެޓަށް ފައިސާ ނުދެއްކިއްޖެ ހާލަތެއްގައި ދެން ވަނީ ކިހިނެތް ހެއްޔެވެ؟ އެ ހާލަތުގައިވެސް ޕެންޝަން ފަންޑުގައި ހުރި ފައިސާއިން އޭގެ ޒިންމާ އުފުލާކަށް ނުޖެހެ އެވެ. އަތުލާނީ އޭނާ އެގަތް ފްލެޓެވެ. މި ވާހަކަތައް ވަރަށް ރީތިކޮށް ޕެންޝަން ގާނޫނުގައި ލިޔެވިފައި އެބަހުއްޓެވެ. އެހެންކަމުން ޕެންޝަން ފަންޑުގެ ފައިސާއަށް މިއިން އެއްވެސް އަސަރެއް ނުކުރެއެވެ.

ދެން އޮތީ ރައީސް އިބްރާހީމް މުޙައްމަދު ސާލިހުގެ ރިޔާސީ ވައުދެވެ. ޕެންޝަން ފައިސާ ބޭނުންކޮށްގެން ހައްޖަށް ދެވޭނެ މަގު ތަނަވަސް ކޮށްދެއްވާނެ ކަމެވެ. އެ ވައުދުގެ ދަށުން އެ ބަދަލު ޕެންޝަންގެ ޤާނޫނަށް ގެނައީ 2019 ފެބުރުއަރީގަ އެވެ. އެއާއެކު އެ ފަންޑް ހިމާޔަތްކޮށް ރައްކާތެރި ކުރުމަށް ވަރުގަދަ ގަވާއިދުތަކެއްވެސް ހެދިއެވެ. ކޮންމެހެން ބޭނުންޖެހި ވަކި ޝަރުތުތަކެއް ހަމަވާ ބަޔަކަށް ނޫނީ ނުދެވޭނެ ގޮތަށް ބައްޓަން ކުރިއެވެ. ފުރަތަމަ 50 އިންސައްތައަށް އިސްލާހު ގެނައި ގާނޫން 80 އިންސައްތައަށް މަތިކުރިއެވެ. މި ބަދަލުގެ ތެރެއިން މިހާތަނަށް ހައްޖަށް ދިޔުމުގެ ފުރުސަތު ލިބުނީ 13 ފަރާތަކަށެވެ. ޕެންޝަން ފަންޑުން ޖުމްލަ ހަރަދު ކުރީ ހަތަރު ލައްކައެއްހާ ރުފިޔާ އެވެ. ހައްޖަންދާން ބޭނުންވާ މީހާގެ ޕެންޝަން އެކައުންޓްގައި 336،000 ހުރި މީހަކަށް ވާން ޖެހެއެވެ.  ކުރިން ހައްޖެއް ވެފައިވާ މީހަކަށް ވެގެން ނުވެއެވެ. މި ހުރިހާ ޝަރުތުތަކެއް ހަމަވެގެން ވަރަށް މަދު މީހަކަށް ނޫނީ އެ ފުރުސަތެއް ނުލިބެއެވެ. އެހެންކަމާއެކު މިއީވެސް "ފީސަބީލިއްލާހި" ކޮށް ހުޅުވާލާފައި އޮތް ފުރުސަތެއް ނޫނެވެ.

މިއީ ރާއްޖޭގައި ޕެންޝަން ނިޒާމު ހިނގަމުން އަންނަ ގޮތެވެ. އެނގޭ މީހުން ތިބޭނެ އެވެ. މި ލިޔުން މި އަމާޒު ކުރަނީ އިތުރަށް މިކަން އެނގެން ބޭނުންވާ މީހުންނަށެވެ. އަޅުގަނޑަށް އެނގެ އެވެ. މިދުވަސްވަރު ޕެންޝަން ފަންޑޭ ކިޔައިގެން ވާހަކަ ދައްކަންޏާ ލޭ ހޫނުވާ އެތައް ބަޔަކު ތިބޭނެ އެވެ. އިތުރަށް މި ވާހަކަ އަޑު އަހަން ބޭނުންނުވާ ބަޔަކުވެސް ތިބޭނެ އެވެ. 

އެ މީހުން ބުނާނެއެވެ. "ސަރުކާރުން ކަލެއަށް މުސާރަ ދޭތީ ކަލެއަށް އަހަރުމެން އުޅޭ ހާލު އިހްސާސެއް ނުވާނެއެވެ. ތި ގޮތަށް ތި ވާހަކަތައް ލިޔެ ނަގަނީ އެހެންވެ އެވެ." އެ ފަދަ މީހުންނަށް އަޅުގަނޑުވެސް ބުނަމެވެ. ރަނގަޅެވެ ސަރުކާރުން އަޅުގަނޑަށް އަދި މުސާރަ ދެ އެވެ. އަމިއްލަ މަސައްކަތްކޮށްގެން ހޯދިފައި ހުރި ފައިސާކޮޅާއެކު އަދި ދައްޗެއް ނުވެ އުޅެވެއެވެ. އެކަމަކު ނާށިގަނޑު ހިފައިގެން ސަލާން ޖަހަން ނުކުންނަން ޖެހޭ ދުވަހެއް އަޔަސް ޕެންޝަން ފަންޑުގައި ހުރި ފައިސާ ހޯދަން ވަކާލާތު ކުރާ މީހުންގެ ކެޓަގަރީއަކަށް ނުވަންނާނަމެވެ. 

ލާރި ބޭނުން ނުވާތީކީ ނޫނެވެ. ދަތި ނުވާނެތީކީވެސް ނޫނެވެ. އޭގަ އަތްލީމަ ވާނެ ގޮތް ލޯ ކުރިމައްޗަށް ދުވާލަކު ތިން ހަތަރު ފަހަރު ފެންނާތީ އެވެ. މައާފު ކުރައްޗެވެ. މިއީ އަޅުގަނޑުގެ ހިޔާލެވެ. މިހާރުވެސް ވަރަށް ދިގުވެއްޖެއެވެ. އެކަމަކު އަދި ދައްކަން އޮތް އެންމެ މުހިއްމު ވާހަކަ އޮތީ އެވެ. ޕެންޝަން ފައިސާ ނަގައިފިނަމަ ދެން ވެގެންދާނެ ގޮތެވެ. އެ ފައިސާ ނަގައިގެން އަހަރުމެން ކުރަން މިއުޅޭ ކަންތައް ކުރެވިދާނެތޯ ކުރެވޭ ސުވާލެވެ. ދެވަނަ ބަޔަކަށް ދާނީ ދޯ އެވެ. ކޮމެންޓް ކުރައްވާ ބޭފުޅުން އަދި މި އާޓިކަލް އެއްކޮށް ނުނިމޭކަން ސިކުނޑީގައި ބައިންދަވައްޗެވެ.

އެޑިޓަރުގެ ނޯޓް: 

މުޙައްމަދު ޝަނޫނަކީ 2001 ވަނަ އަހަރުން ފެށިގެން މީޑިއާ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅެކެވެ. ޝަނޫން ޕޮލިޓިކަލް ސައިންސް އެންޑް އިންޓަނޭޝަނަލް ރިލޭޝަންސް އިން ޑިގްރީ ހައްދަވާފައިވާއިރު މާސްޓާސް ފުރިހަމަ ކުރެއްވީ ސޯސަލް ޕޮލިސީގެ ދާއިރާއިންނެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް