އެފްއެސްއެމް އިން ވަނީ ޖޫން 14 ވަނަ ދުވަހުން ފެށިގެން ކާނިވާ ސަރަހައްދުގައި ހުންނަ ޕެޓްރޯލް ޝެޑުން ހިދުމަތް ލިބޭނެ ކަމަށް ބުނެފަ އެވެ.
އެ ޕެޓްރޯލް ޝެޑުން ހިދުމަތް ދޭނީ ރޭގަނޑު 22:00 އަށް ކަމަށް އެފްއެސްއެމް އިން ބުނެއެވެ. އެގޮތުން ހެނދުނު 08:00 އިން ހަވީރު 15:30 އަށް އަދި ހަވީރު 16:30 އިން ރޭގަނޑު 22:00 އަށް ހިދުމަތް ލިބޭނެ ކަމަށް އެކުންފުނިން ބުނެ އެވެ.
މީގެ އިތުރުން، ކޮންމެ ބަންގި ގަޑިއަކަށް 25 މިނަޓަށް ޝެޑު ބަންދުވާނެ ކަމަށްވެސް އެކުންފުނިން ބުނެ އެވެ.
މާލެ ސަރަހައްދު ލޮކްޑައުން ކުރުމުން އެފްއެސްއެމް އިން ހިދުމަތް ދެމުން ގޮސްފައި ވަނީ ތިން ފެޓްރޯލް ޝެޑުން ނެވެ. އެއީ، ސްޓެލްކޯ ސަރަހައްދުގައި ހުންނަ ޕެޓްރޯލް ޝެޑް އަދި އިންޑަސްޓްރިއަލް ވިލެޖުގައި ހުންނަ ޕެޓްރޯލް ޝެޑް ގެ އިތުރުން ހުޅުމާލޭ ގައި ހުންނަ ޕެޓްރޯލް ޝެޑުން ނެވެ.
އޭގެ އިތުރުން މާލެ ސަރަހައްދުގެ ޕެޓްރޯލް ޝެޑް ތަކުން ހިދުމަތް ހޯދަން އަންނަ މީހުންނަށް މިހާރު ބީއެމްއެލް ކާޑު ބޭނުންކޮށްގެން ފައިސާ ދެއްކޭނެ އެވެ.
އެފްއެސްއެމް އިން ވަނީ އެކުންފުނީގެ ހިދުމަތްތައް ހޯދުމަށް އަންނަ އިރު މާސްކް އަޅައިގެން އައުމަށް ވެސް އިލްތިމާސް ކޮށްފަ އެވެ.