ads
ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާއު އުސްމާނު
ބޮޑެތި ތުހުމަތުތަކެއް ކުރެވޭ ޝުޖާޢު އުސްމާނުގެ ބޮޑު ހުކުމެއް!
ބޮޑެތި ތުހުމަތުތަކެއް ކުރެވޭ ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާޢު އުސްމާނު ރިޔާސަތު ބެލެހެއްޓެވި ބެންޗަކުން، ދައުވާ ލިބޭ ފަރާތުގެ ޣައިރު ހާޒިރުގައި ތިން މިލިއަނަށްވުރެ ގިނަ ޑޮލަރު ގ. ޗާންދަނީމާގެ އިސްމާއިލް ޝުޖާއަށް ދިނުމަށް ހުކުމްކޮށްފިއެވެ. މި ހުކުމް ހައިކޯޓުން ކޮށްފައިވަނީ ހޯމަ ދުވަހު، އާއްމުކޮށް ހުޅުވާނުލައި އަދި ދައުވާ ލިބޭ ފަރާތުގެ ޣައިރު ހާޒިރުގައެވެ.

ދިވެހިރާއްޖޭގެ ހައިކޯޓަށް ހުސްވި އަހަރުގެ ޑިސެމްބަރު މަހު ފަހުކޮޅު ހުށަހެޅުނު މި މައްސަލައިގެ ހުކުމް ކުރުމުގެ މަޖިލީސް ހައިކޯޓުން ބާއްވާފައިވަނީ އާއްމުކޮށް ހުޅުވާނުލައެވެ. ބައެއް ޝަރީއަތްތައް މި ފަހުން ހައިކޯޓުން ސޯޝަލް މީޑީއާގައި ލައިވް ސްޓްރީމް ކުރަމުން ދިޔަނަމަވެސް މި މައްސަލަ ލައިވް ސްޓްރީމެއް ނުކުރެއެވެ. މި މައްސަލަ ހައިކޯޓުގައި ރަޖިސްޓްރީކޮށްފައިވަނީ 19 ޑިސެމްބަރު 2019 ގައެވެ. އެހެންކަމުން މައްސަލައިގެ ހުކުމާއި ހަމައަށް މިއައީ ހަ މަސް ދުވަސް ނުވަނީހެވެ. 

މައްސަލަ އަޑު އަހަން ބޭނުން މީހުންނަށް އެ ފުރުސަތު ނެތް އިރު، ހައިކޯޓުގެ ހުކުމުގައިވާ ގޮތުން މި މައްސަލާގައި ހުކުމްކޮށްފައިވަނީ ދައުވާ ލިބޭ މއ. ވަހާރި ހުސެއިން ހިލްމީ އާއި ކާސްޓްއަވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓޭޑްގެ ޣައިރު ހާޒިރުގައި، މައްސަލަ ބެއްލެވި ހައިކޯޓުގެ ފަނޑިޔާރުންގެ އަގުލަބިއްޔަތުންނެވެ. މި މައްސަލަ ބެއްލެވި ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި ހިމެނެނީ، ޖުޑީޝަލް ސަރވިސް ކޮމިޝަނުން މިހާރުވެސް ތިން މައްސަލައެއް ބަލަމުންދާ ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާއު އުސްމާނާ، ރައީސް ޔާމީނުގެ ވެރިކަމުގައި ޖޭއެސްސީއަށް ރައީސްގެ މެންބަރެއްގެ ގޮތުގައި އައްޔަންކޮށް، އަދި ފަހުން ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކޮށްފައިވާ ޕީއޭގެ ކުރީގެ ސެކެއްޓްރީ ޖެނެރަލް މުހައްމަދު ފައިސަލްގެ އިތުރުން ފަނޑިޔާރު ހާތިފް ހިލްމީ އެވެ. މީގެ ތެރެއިން މި ހުކުމް ކުރައްވާފައިވަނީ ޝުޖާއު އުސްމާނާއި، މުހައްމަދު ފައިސަލްގެ އަގުލަބިއްޔަތުންނެވެ.

ބޮޑެތި ތުހުމަތުތަކެއް ކުރެވޭ، އަދި ޖޭއެސްސީން އެ މައްސަލަތައް ބަލަމުން ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާޢު އުސްމާނު ރިޔާސަތު ބައްލަވާ ބެންޗެއްގެ އަޣްލަބިއްޔަތުން މި ހުކުމް މިއައީ، ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ފުރިހަމަކޮށް ކުރެވިފައިވާ ކަމަށާއި ޝަރުއީ ދާއިރާ އާއި ކޯޓުތަކާ ގުޅޭ ގޯސް ވާހަކަތައް މިހާރު ރައްޔިތުން ނުދައްކާ ކަމަށް މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުގެ ކުޑަ އިރުކޮޅެއް ކުރިންނެވެ.

ހައި ކޯޓުން ކުރި ހުކުމުގައިވަނީ 15 ޖޫން 2020 ވަނަ ދުވަހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި ތިން މިލިއަން ހަތް ލައްކަ ސައްބީސްހާސް ނުވަސަތޭކަތ ހަތްދިހަ ހަތް ޑޮލަރު އިސްމާއިލް ޝުޖާއަށް ދެއްކުމަށެވެ.

ހުސްވި އަހަރުގެ ޑިސެމްބަރު މަހު ފަހުކޮޅު ހައިކޯޓަށް ހުށަހެޅުނު މި މައްސަލަ، ވަރަށް އަވަސްކޮށް ނިންމައި، ދައުވާ ލިބޭ ފަރާތުގެ ޣައިރު ހާޒިރުގައި ހުކުމްކޮށްފައިވާއިރު، 2016، 2017 އަދި 2018 ވަނަ އަހަރު ހައިކޯޓަށް ހުށަހެޅިފައިވާ އެތައް މައްސަލައެއް އެ ކޯޓުގައި އަދިވެސް ނުނިމި އެބަހުއްޓެވެ. އޭނގެ ތެރޭގައި ކުޑަ ކުދިންނާ މެދު ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކާއި، މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކުގެ އިތުރުން މަރުގެ މައްސަލަތައް ވެސް ހިމެނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް