ads
މީހަކު ކަސްރަތުކުރަނީ- ފޮޓޯ: ވަން
ދިން ލުއިތަކާއެކު ލޮކްޑައުންގައި ޖެހި ސަރުބީތައް ފިލުވަން ކަސްރަތަށް!
ކޮވިޑް-19 އާ ގުޅިގެން މާލެ ސިޓީ ލޮކްޑައުންގެ ހާލަތަކަށް ގެނައުމުން ފާއިތުވި ދެމަހުގައި ގިނަ ބަޔަކު ތިބީ ގޭގައި އެއްވެސް ކަސްރަތެއް ނުކޮށެވެ. ކައިކައިގެން ނިދުމުގެ އިތުރުން ގިނަ ބަޔަކު ހަމަ އެއްވެސް ހެލިފެލިވުމެއް ނެތި ތިބީ އެވެ. މިކަމުގެ ސަބަބުން މިހާރު ގިނަ ބަޔަކު ވަނީ ކަންނެތްވެފަ އެވެ. އަދި ގިނަ ބައެއްގެ ހަށިގަނޑަށް ވެސް ވަނީ ބަދަލުތަކެއް އައިސްފަ އެވެ.
Advertisement

ދެ މަސްދުވަހުގެ ލޮކްޑައުންއެއްގައި ގޭގައި ތިބުމަށްފަހު ލޮކްޑައުންއަށް ދެވުނު ލުއިތަކާއި އެކު އިއްޔެ ގިނަ ބަޔަކު ވަނީ ކަމެއް ނެތި ގޭގައި ކައިކައިގެން ތިބުމުން ޖެހި ސަރުބީތައް ފިލުވައި އަލުން ފިޓުވުމަށް ކަސްރަތަށް ނިކުމެފަ އެވެ. 

ފަތިހު 5:00 ފެށިގެން ހެނދުނު 8:00 އަށް ދުވަސްވީ މީހުން، ބޭރަށް ނިކުމެ ކަސްރަތުކުރާ ވަގުތުގެ ގޮތުގައި ހާއްސަ ކުރެވުނުއިރު އިރުއޮއްސި 18:00 އިން ފެށިގެން ރޭގަނޑު 9:00 އަކީ އެހެން އުމުރުފުރާ މީހުން ކަސްރަތަށް ނިކުތުމަށް ހާއްސަ ކުރެވިފައިވާ ވަގުތެވެ.

ލޮކްޑައުން އަށް ފުރަތަމަ ދިން ލުއިތަކުގެ ތެރޭގައި ކަސްރަތަށް ނިކުތުމަށް ހުއްދަ ދީފައިވަނީ ދޮށީ އުމުރުގެ މީހުންނަށް އެކަންޏެވެ. އެ ހުއްދަ ހަަމައެކަނި ދޮށީއުމުރުގެ މީހުންނަށް ދީފައި އޮތުމުން ވަރަށް ބޮޑަށް ޒުވާނުން ވަނީ  އެ ފުރުސަތު ހޯދަން އަޑު އުފުލާފަ އެވެ.

ގިނަ ދުވަސްތަކެއް ވަންދެން ގޭގައި ތިބެން ޖެހުމުގެ ސަބަބުން ގިނަ ބަޔަކަށް ވަނީ ނަފްސާނީ ގޮތުންނާއި އަދި އެހެނިހެން ގޮތް ގޮތުންވެސް ވަރަށް ބޮޑަށް ގެއްލުން ލިބިފައެވެ. އެހެންވެ ގިނަ ބަޔަކު ބޭނުންވީ ޖިމަށް ނުދެވުނަސް ބޭރަށް ނުކިމެ ދުވަލައި ކަސްރަތުކޮށް ބޯހަމަޖައްސާލާނެ ފުރުސަތެކެވެ.

ކަސްރަތު ކުރުމުގެ ސަބަބުން މީހާގެ ހަށިގަނޑުގެ މަސްތައް ވަރުގަދަވެ އެވެ. ހަށިގަނޑުގެ ލޭދައުރުވުން ފުރިހަމަވެ އެވެ. އަދި ހަށިގަނޑުގައި ޖަހާފައި ހުންނަ ބޭކާރު ސަރުބީތައް ވިރުވައިދެ އެވެ. ސިއްހީ މާހިރުންގެ ހޯދުންތަކުން ދައްކާގޮތުގައި ކަސްރަތުގެ ގޮތުގައި ދުވާލަކު މަދުވެގެން 1 ގަޑިއިރު ހިނގާމީހާގެ ހަޖަމުކުރުމުގެ ނިޒާމުގައި މައްސަލަޖެހުން ވަރަށް ބޮޑުތަނުން ކުޑަވެގެން ދެއެވެ. އަދި ކަސްރަތު ނުކުރާނަމަ ހަށިގަނޑު ފަލަވެ ނުރައްކާތެރި ބަލިތަކަށް ހުށައެޅިގެންދެ އެވެ. އޭގެ ތެރޭގައި ހިތުގެ ބަލި ފަދަ ނުރައްކާތރި ބަލިތައް ހިމެނެ އެވެ.

ކާނާ ބޭނުން ކުރުމުގައި ސިއްތަށް ފައިދާހުރި ބާވަތްތައް ބޭނުންކުރުމަށް ހާއްސަ އިސްކަމެއް ދޭން ވާނެ އެވެ. އަދި އެތަކެތި ހަަޖަމް ކުރުމަށް ހެލިފެލިވެ އުޅުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. އެހެންވެ ސިއްހީ މާހިރުން އިރުޝާދު ދީފައި ވަނީ ކޮންމެ ދުވަހަކުވެސް މަދުވެގެން 30 މިިނެޓު ކަސްރަތު ކުރުމަށެވެ. 

ދުޅަހެޔޮ ސިއްހަތެއްގައި މިހާލަތުގައި ވެސް ތިބުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ބޭރަށް ނިކުމެ ކަސްރަތު ކުރުމަށް ފުރުސަތު ދިނަސް ސަމާލުވާން ޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. ބޭރަށް ނިކުންނައިރު މާސްކް އަޅަން އިރުޝާދު ދިނަސް ކަސްރަތުގައި އުޅޭއިރު މާސްކް އެޅުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށް ޑޮކްޓަރުން ބުނެ އެވެ. އެހެންކަމުން ކަސްރަތުގައި އުޅޭއިރު ވީހާވެސް މީހުންނާއި ދުރުގައި އުޅުމާއި ޑޮކްޓަރުންދޭ އިރުޝާދުތަކަށް ބޯލެނބުން މުހިއްމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް