ކޮވިޑަށް ފަރުވާ ދެވެމުންދަނިކޮށް ގާޑިއޯލާގެ މަންމަ މަރުވީ ހުސްވި އޭޕްރީލް މަހުގެ ފުރަތަމަ ހަފުތާ ތެރޭގައެވެ. ބާސެލޯނާގެ ހޮސްޕިޓަލެއްގައި ފަރުވާ ދެވެމުން ދަނިކޮށް ގާޑިއޯލާގެ މަންމަ މަރުވި އިރު އުމުރުން އަށްޑިހަ ދެ އަހަރެވެ. އާސެނަލްއާ ދެކޮޅަށް މިރޭ ނުކުންނައިރު، ގާޑިއޯލާ އެންމެ ފުރަތަމަވެސް ބުނީ މިއީ ހިތާމަވެރި ވަގުތެއް ކަމަށެވެ.
އާސެނަލްއާ ދެކޮޅަށް ޕެޕް ގާޑިއޯލާގެ މެންޗެސްޓަރ ސިޓީ ކުޅޭ މެޗު ފަށާނީ މިރޭ ދަންވަރު ރާއްޖޭ ގަޑިން އެކެއް ޖަހާއިރުއެވެ. މިއީ މެދު ކެނޑުމަށް ފަހު ޕްރިމިއަރ ލީގު ފަށާފައި ކުޅޭވޭނެ ދެވަނަ މެޗެވެ. ފުރަތަމަ މެޗުގައި މިރޭ ދިހައެއް ޖަހާއިރު ވާދަކުރާނީ އެސްޓަންވިލާއާއި ޝެފިލްޑް ޔުނައިޓެޑެވެ. ޕްރިމިއަރ ލީގުގެ ފުރަތަމަ ދެ މެޗު މިރޭ ކުޅެވުމަށް ފަހު ހުކުރު ދުވަހުގެ ރޭ ކުޅެން ތާވަލު ކުރެވިފައިވާ މެޗުތަކުގެ ތެރޭގައި މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓެންހަމްގެ މެޗު ހިމެނެއެވެ.