ޓެސްޓް ފްލައިޓް ޖައްސައި، އެއާޕޯޓް ހުޅުވަން ތައްޔާރުވެފައިވަނިކޮށް ކޮވިޑް-19 ފެތެރެން ފަށައި އެ މަސައްކަތް މިހާރު އޮތީ ހުއްޓިފަ އެވެ. އެކަމަކު މީގެ ދުވަސްކޮޅެއް ކުރިން މިނިސްޓަރު އައިޝަތު ނަހުލާ ވަނީ ބަލިމަޑުކަމުން އަރައިގަނެވުނުހާ އަވަހަކަށް އެތަން ހުޅުވާނެ ކަމަށް ވިދާޅުވެފަ އެވެ.
މާވަރުލު އެއާޕޯޓުގެ މަސައްކަތް ނިންމައި އެތަން ހުޅުވުމުގެ ފޮނި އުއްމީދުގައި ތިއްބައި ކޮވިޑް-19 ގެ ކަންކަމާއި ހުރެ އެތަން ނުހުޅުވި ލަސްވާތީ ވަރަށް ބޮޑަށް ހިތާމަކުރައްވާ ކަމަށް ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގައި މިނިސްޓަރު ވިދާޅުވި އެވެ.
މިއަދު އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މިހާރު ޓެސްޓް ފްލައިޓް ޖައްސާ ނިމިފައިވާ މާވަރުލު އެއަރޕޯޓުގެ ހިދުމަތް އަންނަ ޖުލައި މަހުގެ ފުރަތަމަ ދުވަހު ފެށިގެންދާނެ ކަމަށެވެ. އެކަމަކު އެކަމާއި ގުޅިގެން އިތުރު އެއްޗެއް މިނިސްޓްރީން ފާހަގައެއް ނުކުރެ އެވެ.
ކޮވިޑާއި ގުޅިގެން މީގެ ކުރިން އޮތީ ރާއްޖޭގެ އެތެރޭ އުދުހުންތައް ވެސް ހުއްޓިފަ އެވެ. އެކަމަކު މިހާރު ވަނީ ޑޮމެސްޓިކް އެއާޕޯޓުތަކުގެ ހިދުމަތް އަލުން ފަށާފަ އެވެ.
މާވަރުލު އެއާޕޯޓްގެ ރަންވޭ އާއި އޭޕްރަން އަދި ޓެކްސީވޭ އެޅުމުގެ މަސައްކަތް 57 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކުރީ 2018 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ.
މާވަރުލުގައި ހަދާފައި ވަނީ 150 މީޓަރުގެ ފުޅާ އަދި 1200 މީޓަރުގެ ރަންވޭއެއް ހިމެނޭ އެއާޕޯޓެކެވެ.
މާވަރުލުގައި އެއާޕޯޓެއް ތަރައްގީ ކުރުމަށް 2011 ވަނަ އަހަރުގެ ޖުލައި މަހުގެ 10 ވަނަ ދުވަހު މޫވިން އިންޓަނޭޝަނަލް ނަމަކަށް ކިޔާ ކުންފުންޏަކާއި ހަވާލުކުރެވުނެވެ. ނަމަވެސް އެތަނުގެ މަސައްކަތްތައް އެކަށީގެންވާ ގޮތެއްގައި ކޮށްފައިނުވާތީ ސަރުކާރުން އެތަން ނަގައި އެމްޓީސީސީއާ ހަވާލުކުރި އެވެ.
މާވަރުލު އެއާޕޯޓާއެކު ގދ. އަތޮޅުގައި ދެ އެއާޕޯޓަކުން ހިދުމަތް ލިބޭނެ އެވެ.