ads
މަގުމަތީގައި ބަޔަކު ހަރަކާތްތެރިވަނީ-- ފޮޓޯ: ސީއެންއެމް
ފެންނަ މަންޒަރުތަކުން ކޮވިޑް-19 ގެ ދެވަަނަ ރާޅެއްގެ ބިރުވެރިކަން ރާއްޖެއަށް ބޮޑު!
މާލެއިން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވުމާއެކު މިދިޔަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުން ފެށިގެން، 43 ދުވަހުގެ ލޮކްޑައުންއެއްގައި އޮތުމަށް ފަހު، ފުރަތަމަ ފިޔަވަހީގެ ލުއި ދީފައި ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހެވެ. އޭރު އެ ދިން ލުއިތަކާއެކު ވެސް ގެއިން ބޭރަށް ނިކުތުމުގެ ކުރިން ފުލުހުންގެ ޕޯޓަލް މެދުވެރިކޮށް ހުއްދަ ހޯދަން ޖެހޭތީ އެއީ މާބޮޑު ލުޔެއް ކަމަށް ގިނަ ދިވެހިން ނުދެކެ އެވެ. އެގޮތަށް ލުއި ނުދިނަސް ވަރިހަމަކަމަށް ބުނެ ފާޑުކިޔުންތައް ވެސް ސޯޝަލް މީޑިއާގައި ސަރުކާރަށް އަމާޒުވި އެވެ.

އެ ލުޔާއެކު ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވެފައި ނުވާތީ ދެވަނަ ފިޔަވަހީގެ ލުއިތައް ވެސް ލިބުނެވެ. މިމަހުގެ 15 ވަނަ ދުވަހު އެ ލުއިތައް ލިބުމާއެކު ދިވެހިންނަށް ހީވީ ބޮޑު އީދެއް އައިހެންނެވެ. ފުލުހުންގެ ހުއްދަ ހޯދުމެއް ނެތި ބޭރުގައި އުޅުމަށް ހުޅުވާލި ފުރުސަތާއެކު ދެ މަސް ދުވަހު، ގޭ ބަންދެއްގައި ތިބި މީހުންނަށް ހިތްހަމަޖެހުމާއި އުފާވެރިކަމެއް ލިބިގެންދިޔަ އެވެ.

އެ ހުޅުވާލުމާއެކު ފެނިގެންދިޔައީ ތަފާތު މަންޒަރެކެވެ. ކޮންމެ ރެއަކު މި ބާއްވަމުން އަންނަ ޕްރެސް ކޮންފަރެންސް ތަކުގައި ޑޮކްޓަރުން ދައްކަމުން އަންނަ ވާހަކަތައް ހަނދާނުގައި ހުރިހެންނެއް ހިޔެއް ނުވެ އެވެ. ބަލީގެ ބިރުވެރިކަން ދިވެހިންގެ ހިތަށް ތަސައްވަރު ވީހެންނެއް ވެސް ހިޔެއް ނުވެ އެވެ. ކޮވިޑްގެ ކަންކަން ފެށުމުގެ ކުރިން ބޭރުގައި އުޅުނު ފަދައިން މީހުން ދަނީ ބޭރުގައި އުޅެމުންނެވެ. ހަމައެކަނި ތަފާތަކީ މާސްކް އަޅައިގެން މީހުން ބޭރުގައި އުޅެމުންދާ ކަމެވެ. 

ބަލީގެ ކުޑަވެސް ބިރުވެރިކަމެއް ނެތް:

އެ ލުޔާއެކު މަގުމަތީގެ ކާރޫބާރޫ ބޮޑުކަން ވެސް ފެނިގެންދެ އެވެ. މީހުން އެއްވެ އުޅުން ވެސް އިންތިހާއަށް އިތުރުވެފައިވާއިރު އިޖުތިމާއީ ގައިދުރުކަމަށް މާބޮޑު ސަމާލުކަމެއް ވެސް ދެވޭ މަންޒަރު ފެނިގެނެއް ނުދެ އެވެ. މާސްކް އަޅައިގެން ބޭރަށް ނިކުތުމަށް ޑޮކްޓަރުން އިރުޝާދު ދޭތީ އެކަން ވެސް ކުރަނީ އަމާ ބުނީތީ ފަރަށްދާ އުސޫލުންނެވެ. މާސްކް އަޅައިގެން ނިކުމެ، މީހުންނާއި ވާހަކަ ދައްކަމުން މާސްކް އަޅުވާލަނީ ދަތްދޮޅީގަ އެވެ. އެކަމަކު އޭރުން މާސްކް އެޅުމުގެ ބޭނުމެއް ވެސް ހަގީގަތުގައި ނެތެވެ.

ނޭޝަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން  ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ މާސްކް އަނގަމަތިން ނަގާނަމަ ޖެހޭނީ އެއްވެސް ވަރަކަށް މާސްކުގެ އެތެރެ ބައިގައި އަތް ނުޖެހޭ ގޮތަކަށް ނަގަން ކަމަށެވެ. 

"އޭގެ ބަދަލުގައި ދަތްދޮޅި ދަށަށް ލީމަ ވާގޮތަކީ ހަގީގަތުގައި މިއީ އެންމެ ބޮޑަށް އެކްސްޕޯޒްވާ އޭރިއާތަކު ތެރެއިން އޭރިއާއެއްގައި އޭގެ ސާފުކޮށް ހުންނަން ޖެހޭ ބައި ޖެހުމުން މާސްކް އެޅުމުގެ ބޭނުން އޮންނަނީ ހަގީގަތުގައި ގެއްލިފައި،" ޑރ. އަފްޒަލް ވިދާޅުވި އެވެ.

ރޭގަނޑު 10:00 އިން ފެށިގެން ފަތިހު ފަހަކާއި ދެމެދު ބޭރަށް ނިކުންނަމަ ދެވަނަ ފިޔަވަހީގެ ދަށުން ވެސް ހުއްދަތަކެއް ހޯދަން ޖެހޭތީ އެވަގުތުތަކުގައި މަގުތައް ގާތްގަނޑަކަށް ހުސްވެ އެވެ. އެކަމަކު އޭގެ ފަހުން ހުރިހާ ވަގުތެއްގައި ވެސް މާލެ ވަރަށް ހަލަބޮލިކޮށް ފެނިގެންދާއިރު އެކަމަކީ ކޮވިޑް-19 ފެތުރެމުންދާ ރަށަކަށް ވަރަށް ނުރައްކާތެރި ކަމެކެވެ.

ލުއިތައް ދެމުން ވެސް ކަމާއި ބެހޭ ފަރާތްތަކުން ވަނީ ޒަރޫރީ ކަމެއްގައި ނޫނީ ބޭރަށް ނުނިކުތުމަށް ވެސް ނަސޭހަތްތެރިވެފަ އެވެ. އެކަމަކު ފެންނަ މަންޒަރުތަކުން މަގުމަތީގައި އުޅެނީ ހަމައެކަނި ޒަރޫރީ ބޭނުންތަކުގައި ނޫންކަން ސާފެވެ. އެއްވެސް ކަމެއް ނެތި ރައްޓެހިންނާއި ބައްދަލުކުރުމާއި ފިނި ބުރަށް ނިކުންނަ މީހުން ވެސް މަދެއް ނޫނެވެ. 

ކޮންމެއަކަސް އެއް އުމުރުފުރާގެ މީހުންނާއި އަނެއް އުމުރުފާރާގެ މީހުން ބައްދަލުވާ މިންވަރު މަދުކުރުމުގެ ގޮތުން ދެވަނަ ފިޔަވަހީގައި ލުއިދީފައި ވަނީ ވެސް އުމުރުފުރާތަކަށް ބަހާލައިގެންނެވެ. އެކަމަކު ދުވަސްވީ މީހުންނަށް ފަތިހު ހާއްސަ ކުރެވުނަސް ޒުވާނުން ވެސް އެގަޑީގައި ބޭރަށް ނިކުންނަނީ އެވެ. ކުޑަކުދިންނަށް ހަވީރު ވަގުތު ހާއްސަ ކުރެވުނުއިރު އެގަޑިތަކުގައި ވެސް ހަމަ އެހެން މީހުން ވެސް ނިކުންނަނީ އެވެ. އަދި ކަސްރަތަށް ނިކުތުމުގެ ހުއްދަ ދިނުމުން އެކަން ވެސް ކުރަމުން އަންނަނީ ގްރޫފް ހަދާލާފަ ގޮހެވެ. އެކަމަކު މި ދުވަސްވަރު އެންމެ ރަނގަޅީ ވަކިވަކިން ގޮސް ކަސްރަތުކުރުން ކަމަށް ޑޮކްޓަރުން ވެސް ދަނީ ތަކުރާރުކޮށް އިރުޝާދު ދެމުންނެވެ،

ކޮމިއުނިޓީ ސްޕްރެޑް އިތުރުވާކަމުގެ ބިރުވެރިކަން އެބަ އޮތް:

އެއް ކޭސް އަނެއް ކޭސްއާ ނުގުޅޭ ގޮތަށް ކޮވިޑް-19 ގެ ކޭސްތައް ފެނުމަކީ ކޮމިއުނިޓީ ސްޕްރެޑެއް އޮތްކަމުގެ އަލާމާތެއް ކަމަށް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވެ އެވެ. އެއް ކޭސް އަނެއް ކޭސްއާ ނުގުޅޭ ކޭސްތަކުގެ ތެރޭގައި އިންޑިޕެންޑެންޓް ކޭސްތަކާއި ކްލާސްޓާތަކުން އުފެދިގެން އަންނަ ކޭސް ހިމެނެ އެވެ. 

އެގޮތުން ޑރ. އަފްޒަލް ވިދާޅުވާ ގޮތުގައި އިންޑިޕެންޑެންޓް ކޭސްތަކާއި އެއްވަރަށް ކޮންމެ ދުވަހަކު ކޭސްތައް ފެންނަ ނިސްބަތް އިތުރުވާނަމަ އެއީ ރާއްޖޭގައި ކޮމިއުނިޓީ ސްޕްރެޑް އިތުރުވާކަމުގެ ހެއްކެކެވެ. 

ޑރ. އަފްޒަލް ވަނީ މިހާރު ރާއްޖޭގައި އިންޑިޕެންޑެންޓް ކޭސްތައް އިތުރުވި ނަމަވެސް ކޮންމެ ދުވަހަކު ފެންނަ ކޭސްތަކުގެ އަދަދު މަދުކަން ފާހަގަ ކުރައްވާފަ އެވެ. އެކަމަކު ކޮންމެ ދުވަހަކު ފެންނަ ކޭސްތަކުގެ އަދަދު އިތުރުވާނަމަ އެއީ ދީފައިވާ ލުއިތަކާއެކު އިތުރުވާ އިތުރުވުމެއްކަމަށް ވެސް ވިދާޅުވި އެވެ. 

އިންޒާރުތަކަށް ބެލުމެއް ނެތި ލުއި ދިނުމުން ދެވަނަ ލޮކްޑައުންއަކަށް! 

ކޮވިޑް-19 އާ ގުޅިގެން ގައުމުތަކުން މިހާރު އިއުލާންކޮށްފައިވާ ލޮކްޑައުންތައް މާ އަވަހަށް އުވާލައިފިނަމަ، އަނެއްކާވެސް ބަލި ފެތުރިގެން ހިނގައިދާނެކަމަށް ވިދާޅުވެ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)ގެ ޑިރެކްޓަ ޖެނެރަލް ޑރ. ޓެޑްރޯސް އާދަނަމޯމް ގެބްރެޔޭސަސް ވަނީ ގައުމުތަކަށް އިންޒާރު ދެއްވާފަ އެވެ. 

ރާއްޖެ ފަދައިން ފްރާންސް އާއި އިޓަލީ އަދި ސްޕެއިންގެ އިތުރުން އީރާނާއި ސައުތު ކޮރެއާ އާއި ނިއުޒިލޭންޑާއި އޮސްޓްރޭލިއާ ފަދަ ގައުމުތަކުން ވަނީ އެގައުމުތަކުގައި އިއުލާންކުރި ލޮކްޑައުނަށް ލުއިތަކެއްދީފަ އެވެ. ނަތީޖާއަކަށްވީ ހަފުތާއެއް ނުވެ ކޭސްތައް އިތުރުވެ އަނެއްކާ ވެސް ހަރުކަށި ފިޔަވަޅުތައް އަޅަން މަޖުބޫރުވުމެވެ. 

އަވަށްޓެރި އިންޑިއާއަށް ބަލާއިރު ވެސް މިއަދުގެ ހާލަތަކީ ހަމަ އެއީ އެވެ. އެގައުމުގައި ވެސް ދިން ލުއިތަކާއެކު މާބޮޑު ސަމާލުކަމެއް ދިން މަންޒަރެއް ފެނިގެން ނުދެ އެވެ. ހާއްސަކޮށް އިޖުތިމާއީ ގައިދުރުކަމަށް ބެލުމެއް ނެތި މީހުން ދިޔައީ އެއްވެ އުޅެމުންނެވެ. ދިން ލުއިތަކާއެކު އެގައުމުގެ ހަ ވަނަ އަށް އެންމެ ބޮޑު ސިޓީ، ޗެންނާއީގައި ބަލި ޖެހޭ މީހުންގެ އަދަދު މިވަނީ ބޮޑު ތަނުން އިތުރުވެފަ އެވެ. އަނެއްކާ ވެސް އެ ސަރަހައްދުގެ ލޮކްޑައުން ހަރުކަށި ކުރަން މިވަނީ މަޖުބޫރުވެފަ އެވެ. 

ފިޔަވަޅުތަކަށް ބޯލަނބާ، ދެވަނަ ރާޅެއް ބީއްސާލުން ދުރެއް ނޫން:

މާލެއިން މީހަކު ޕޮޒިޓިވްވުމާއެކު އެޅި އަވަސް ފިޔަވަޅުތަކާއެކު މާލެ ފަދަ ތޮއްޖެހިފައިވާ ތަނަކުން ބަލި ފެނިއްޖެނަމަ ފެތުރޭނެ ކަމަށް ބެލެވުނު ވަރަށް ބަލި ފެތުރިފައެއް ނުވެ އެވެ. އަދި ފުލް ލޮކްޑައުންގައި ދިވެހިންގެ ފަރާތުން ފެނުނު ކިޔަމަންތެރިކަމުގެ ސަބަބުން ލިބުނު ފުރަތަމަ ލުއިތަކުން ފާސްވެ، ދެވަނަ ލުއިތަކާއި ހިސާބަށް ވެސް އާދެވިއްޖެ އެވެ. އެކަމަކު މިހިސާބުން ހަދާ ގޯހެއްގެ ސަބަބުން ވެސް ކުރި މަސައްކަތް ފެނަށް ހިނގައިދާނެ އެވެ. އަލުން ފެށި ހިސާބުން މަަސައްކަތް ވެސް ފަށަން ޖެހިދާނެ އެވެ. 

އޭގެ ކުރިން ކަމާއި ބެހޭ ފަރާތްތަކުން ދެމުން އަންނަ އިރުޝާދުތަކަށް ބޯލަނބަން ޖެހެ އެވެ. ޒަރޫރީ ބޭނުންތަކަށް ނޫން ގޮތަކަށް ބޭރަށް ނިކުތުން މަދުކުރަން ޖެހެ އެވެ. ސާފުތާހިރު ކަމަށް ސަމާލުވާން ޖެހެ އެވެ. ބޭރަށް ނިކުންނައިރު ވެސް ޑޮކްޓަރުން އިލްތިމާސްކުރާ ގޮތަށް މާސްކް އަޅަން ހަނދާނުގައި ބަހައްޓަން ޖެހެ އެވެ. ފިހާރަތަކުގެ ބޭރުގައި އިޖުތިމާއީ ގައިދުރުކަމާއެކު މަޑުކުރަން ޖެހެ އެވެ. ނޫންނަމަ ކޮވިޑް-19 ގެ ދެވަނަ ރާޅެއް ރާއްޖެއަށް ބީއްސާލަން މާގިނަ ވަގުތެއް ނުނަގާނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް