ads
ލ. ގަމުގެ ބޮޑު މަގު: ގަމުން މެމްބަރު ޖިހާނަށް ގޯތި މައްސަލަ ވަނީ ބޮޑުވެފައި--
ކުށްވެރިވަނީ ޖީހާން ހެއްޔެވެ؟ ގަމު ކައުންސިލް ހެއްޔެވެ؟
ކޮވިޑް 19 އާއި ގުޅިގެން އެންމެން ފުރަ ބަންދުގައި ތިބިއިރު ކޮންމެ ދުވަހަކުވެސް އާ މައުޟޫއެއް ހުޅުވަން ފުރުސަތު ލިބެއެވެ. ބައެއް ދުވަސްދުވަހު އެއަށްވުރެވެސް ގިނައެވެ. ކުރާނެ ކަންތައް ކުރިއާ އަޅާބަލާއިރު މަދުވުމުން ސޯޝަލް މީޑިއާއަށް މިއިން ކޮންމެ ސުރުހީއެއްގެ ފޯރި ގަދައެވެ. މި ދެތިން ދުވަހަށް ބަލާނަމަ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދާއި އޭނާއަށް ލ. ގަމުން ލިބުނު 2000 އަކަފޫޓްގެ ގޯތީގެ ވާހަކަ ޝައުގުވެރިއެވެ.

މިދިޔަ 2019 ވަނަ އަހަރުގެ އޮގަސްޓްމަހު ލ. ގަމުން 400 ގޯއްޗަށް ހުޅުވާލުމުން 2000 އާ ގާތްކުރާ އަދަދަކަށް މީހުން ކުރިމަތިލިއެވެ. ގަމަކީ ރާއްޖޭގައި އޮތް އެންމެ ބިން ބޮޑު ރަށަށްވާތީވެސް ކަން ނޭނގެއެވެ. ބޭނުން ކޮންމެ މީހަކަށް ކުރިމަތިލެވެ އެވެ. މިހާރުވެސް މާލޭގެ މަޝްހޫރު އެތައް ބައެއްގެ ގޯތި ގަމުގައި އެބަހުއްޓެވެ. ރައީސް މައުމޫން ދައުރުގައި "އެކި ގޮތްގޮތަށް" ދީފައި ހުރި ގޯއްޗޭ ކިޔާ އަޑު އިވެއެވެ.

އާއްމުކޮށް ހުޅުވާލައިގެން ގޯއްޗަށް އިއުލާން ކޮށްފިނަމަ ޖީހާނަށްވެސް އެ ހައްގު އޮންނަން ޖެހޭނެ އެވެ. ޖީހާންގެ އަމިއްލަ ބިމެއް ރާއްޖޭގެ އެއްވެސް ތަނެއްގައި އޮތް ކަމަކަށް ނުވެއެވެ. އަނެއްކޮޅުން ފިރިމީހާ އާއި ދެދަރިންގެ ރަޖިސްޓްރީ އޮތީ ގަމުގައެވެ. އެހެންކަމުން ހަމަ އަސްލުވެސް" ޖީހާނަކީ ގަމު މީހެކޭ ބުނެވިދާނެ އެވެ. ނަމަވެސް މައްސަލަ ނުކުންނަނީ މި ހިސާބުންނެވެ. ގަމުގައި ދިރިއުޅެފައިވާ ފަރާތްތަކަށާއި ދިރިއުޅޭ ފަރާތްތަކަށް ލިބޭ 10 ޕޮއިންޓް ޖީހާނަށް ވަނީ ލިބިފައެވެ. މިއީ ޖީހާންވެސް މީޑިއާގައި ދައްކަވާފައިވާ ވާހަކަތަކަށް ބަލާއިރު ތެދެއް ނޫނެވެ. އަދި އެބަޔަށް އޭނާއަށް ޕޮއިންޓް ލިބިލެއްވީ ކީއްވެތޯ ބަލަން ގަމު ކައުންސިލަށް ސިޓީއެއްވެސް ފޮނުވާފައިވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

ދައުލަތުގެ އިސް މަގާމެއްގައި ހުންނަ އެއްވެސް ބޭފުޅަކަށް އުސޫލުތަކުގެ ތެރެއިން ކަމެއް ކުރުމުގެ ފުރުސަތު ނޯންނަނީ ހެއްޔެވެ؟ ޖީހާން ހަމަ ހަގީގަތުގައިވެސް އޭނާ ހުށަހެޅުއްވި ފޯމުގައި ގަމުގައި ދިރިއުޅުއްވި ކަމަށް ޖަހާފައި ނެތީސް މާކްސް ދިން ފަރާތްތަކުން އިއްޒަތްތެރި މެމްބަރު އެރަށުގައި ދިރިއުޅެން ގެންނަން ބޭނުންވާތީ އިތުރަށް މާކްސް ދީގެން ގޯއްޗެއް ލިބޭނެ މަގު ތަނަވަސްކޮށްދިނީ ހެއްޔެވެ؟ މިގޮތަށް މިކަން ހިނގާފައިވާނަމަ އެކަން އެގޮތަށް ކުރި ބަޔަކަށް ފިޔަވަޅު އަޅަން ޖެހެއެވެ. ދޮގު މައުލޫމާތު ދީފައިވާނަމަ ޖީހާނުގެ މައްސަލަވެސް ބަލަން ޖެހެއެވެ. އިވޭ އަޑުތަކަށް ބުރަވާނަމަ މިއިން ކޮންމެވެސް އެއް ފަރާތެއް ގައިމުވެސް ކުށްވެރިވާނެ އެވެ.

ދައުލަތުގެ އިސް މަގާމެއްގައި ހުރުމަކީ އާއްމު އުސޫލުން މީހުންނަށް ލިބެން ހުންނަ ފުރުސަތުތަކުން މަހުރޫމްވާން ޖެހޭނެ ކަމެއް ނޫނެވެ. އެކަމަކު އެކަން ގަބޫލު ކުރަނީ ކިތައް ދިވެހިން ހެއްޔެވެ؟ އެންމެ ފަހުން ހުޅުމާލެއިން ފްލެޓް ދިންއިރުވެސް ދައުލަތުގެ އިސް ބައެއް މީހުންނަށް ފްލެޓް ލިބުނު ކަމުގެ އަޑުތަކާއެކު މައްސަލަ ހޫނުވެގެން ދިޔައެވެ. ދިވެހިންގެ ގަބޫލު ކުރުމަކީ އެ ފެންވަރުގެ ބޭފުޅަކަށް އެއްޗެއް ލިބިއްޖެނަމަ "އަޑި އަޑިން" ކޮންމެވެސް ސަކަރާތެއް ނުޖަހައެއް ނޯންނާނެ އެވެ. އެކަމަކު ކޮންމެ ފަހަރަކު އެގޮތަށް އެކަން ވާކަށް ނުޖެހެއެވެ.

ދިވެހިންނަށް އެ ގަބޫލު ކުރުންތައް އައި ކަމަށް ބެލެވެނީ ކުރިން ކަން ހިނގާފައިވާ ގޮތުންނެވެ. ކުރީގެ ސަރުކާރުން ފްލެޓް ލިބޭނެ ލިސްޓް އިއުލާން ކުރިއިރު ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލުގެ އާއިލާގެ ގާތް ހުރިހާ އެންމެން ކަހަލަ ގޮތަކަށް އެ ލިސްޓްގައި ހުރި ކަމަށް އަޑުތައް ފެތުރުނެވެ. ޚަލީލުވެސް އެކަމަށް އެއްބަސްވެއެވެ. ދެކޮޅު ހެއްދެވީ ނުފޫޒު ފޯރުވިކަމަށެވެ. އެކަމަކު ހަމަ ހަގީގަތުގައިވެސް އަނބިމީހާ އާއި ޚަލީލުގެ އެއްބަނޑުއެއްބަފާ އެހާ ގިނަ ބަޔަކަށް އުސޫލުތަކުގެ ތެރެއިން ސޯސަލް ހައުސިން އެއް ލިބޭނެ ހެއްޔެވެ؟ އަދި އެއީ ފެންވަރު ރަނގަޅު ދިރިއުޅުމެއް އުޅެމުންދާ ބަޔަކަށްވީ އިރު ދިރިއުޅުމުގެ ހާލަތު ހަމަ އެހާ ދަށްވާނެ ހެއްޔެވެ؟ މިއީ ހައްތަހާވެސް ސުވާލެވެ.

އޭގެ ކުރިއަށް ޖެހިލާނަމަ ރެހެންދި ފްލެޓުން ދައުލަތުގެ އެންމެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް ހާއްސަ އުސޫލަކުން ފްލެޓްތައް ދިނެވެ. އޭގެ ފައިދާވެސް ސަރުކާރަށް ކުރިކަމަށް ބުނެވިދާނެ އެވެ. އެކަމަކު ރައްޔިތުން ގަބޫލު ކުރީ އެމީހުންނަށްވެސް ފްލެޓް ލިބެންޏާ ލިބެން ޖެހޭނީ އާއްމު ރައްޔިތުންނަށްވެސް އޮންނަ އުސޫލުތަކުގެ ތެރެއިން ކަމަށެވެ. އެ ވާހަކަ ހަމަ މުޅިން ރަނގަޅެވެ.

ޖީހާނަށް ގޯތި ލިބުނީ ކޮން އުސޫލަކުން ކިހިނެއްކަމެއް ނޭނގެއެވެ. ހައްގުތޯ ނުހައްގުތޯވެސް ކަނޑައެޅުމަކީ އަހަރުމެންގެ ޒިންމާއެއް ނޫނެވެ. އެކަމަކު މިކަމުން އެއްކަމެއް އަހަރެންނަށް ރަނގަޅަށް ފާހަގަވިއެވެ. ގަމު ކައުންސިލުން ގޯތި ލިބުނު މީހުންގެ ވަނަވަރާއި އެމީހުންނަށް މާކްސް ލިބުނު ބައިތައްވެސް އިއުލާން ކުރިއެވެ. އޭގެ ސަބަބުން މީހުންނަށް މިގޮތަށް އެކި ޕްލެޓްފޯމްތަކުގައި ވާހަކަ ދައްކަން ފުރުސަތު ލިބިގެން ދިޔައެވެ. އެއީ ޑިމޮކްރަޓިކް ވެއްޓަކަށް ބަލާއިރު ކޮންމެހެން މުހިއްމު ކަމެކެވެ.

އެކަމަކު އެންމެ ފަހުން ހުޅުމާލެއިން ދިން ކަމަށް އިއުލާންކުރި ފްލެޓްތައް ލިބުނު ފަރާތްތައް އިއުލާން ކުރަން ސަރުކާރުން ދެކޮޅު ހެދިއެވެ. އިއުލާން ކުރީ އެމީހުންގެ ފޯމު ނަންބަރު އެކަންޏެވެ. އެ ނަންބަރު ހަގީގަތުގައި އެނގޭނީ އެ ފޯމުގެ ވެރިފަރާތަށް އެކަންޏެވެ. އެކަމުވެސް އެ ނަންބަރާއެކު ހުޅުވާލީ ޝަކުވާ ހުށަހަޅާށެވެ. އޭނާއަށް ފްލެޓް ހައްގުތޯ ނޫންތޯ ކަމާބެހޭ ފަރާތަށް ޝަކުވާ ހުށަހެޅުމަށެވެ. ކިހާ ބޮޑު ޖޯކެއް ހެއްޔެވެ؟ މިއީ ހަމަ އިއްޔެ މެންދުރު އަހަރުމެންގެ ކުރިމަތީގައި އެއްކަލަ މިއަދު "ދެފުށް ނުފެނިގެން" ޝަކުވާ ކުރައްވާ ބޭފުޅުން ކަން ކުރެއްވި އުސޫލެވެ.

ހަގީގަތުގައިވެސް އަހަރެންނަށް ކަމުދަނީ މީހުންނެއް ނޫނެވެ. އެމީހުން އެކަން ކުރާ ގޮތެވެ. ޑިމޮކްރަޓިކް ވެއްޓެއްގައި ދެފުށް ފެންނަ ގޮތަކަށް އެކަން ކުރެވި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން އޮންނަން ޖެހޭނެ އެވެ. ކުރިން ގޮތަށް ފޯމު ނަންބަރު އިއުލާންކޮށްފައި ނިންމާލިނަމަ އެ ގޯތި ޖީހާނަށް ލިބުނުކަން އެނގޭނެ މީހުން ވަރަށް މަދުވާނެ އެވެ. ރަނގަޅަށްވިއްޔާ މީހަކަށް ރެއަކާލާނީވެސް ގެ އަޅައިގެން އެގޭގައި ޖީހާން ދިރިއުޅެން ފެށީމައެވެ. އޭރު ހުންނާނީ ޖީހާން ވިދާޅުވާ ގޮތަށް "50 އަހަރުވެސް" ވެފައި ކަންނޭނގެއެވެ.


އެޑިޓަރުގެ ނޯޓް: 

މުޙައްމަދު ޝަނޫނަކީ 2001 ވަނަ އަހަރުން ފެށިގެން މީޑިއާ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅެކެވެ. ޕޮލިޓިކަލް ސައިންސް އެންޑް އިންޓަނޭޝަނަލް ރިލޭޝަންސް އިން ޑިގްރީ ހައްދަވާފައިވާއިރު މާސްޓާރސް ފުރިހަމަ ކުރެއްވީ ސޯސަލް ޕޮލިސީގެ ދާއިރާއިންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް