ކޮވިޑުން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކާއެކު ވަނީ ޖިމްތަކާއި ފިޓްނަސް ސެންޓަރުތައް ބަންދުކޮށްފަ އެވެ. އެކަމަކު ލޮކްޑައުންއަށް ދޭ ލުއިތަކުގެ ތިން ވަނަ ފިޔަވައްސަކީ އާންމުކޮށް މީހުން އެެއްވެ އުޅޭ ހަރަކާތްތަކަށް ފުރުސަތު ހުޅުވާލާ ފިޔަވައްސެއް ކަމުން ޖުލައި އެކެއްގައި ދޭ އެ ލުއިތަކާއެކު ޖިމްތަކާއި ފިޓްނަސް ސެންޓަރުތައް ވެސް ހުޅުވާލާނެ އެވެ.
އެޗްޕީއޭ އިން މިއަދު އާންމުކުރި އުސޫލުގައިވާ ގޮތުން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެތަންތަނުން އެއް ވަގުތެއްގައި ހިދުމަތް ހޯދާ މީހުން މަދުކުރުމަށްޓަކައި ފިޔަވަޅުތަކެއް އަޅަން ޖެހެ އެވެ. އެގޮތުން އެއްވަގުތެއްގައި އަންނަ މީހުންގެ އަދަދު ކަނޑައަޅާ ޝެޑިއުލް ހެދުމާއި އެގޮތުން ކުރިން އެޕޮއިންޓް ހޯދައިގެން ޖިމް އަދި ފިޓްނަސް ސެންޓަރު ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖައްސަން ޖެހެ އެވެ.
އަދި އެގޮތަށް އެޕޮއިންޓްމަންޓް ދިނުމުގައި ކޮވިޑުގެ އެއްވެސް އަލާމާތެއް ހުރިތޯ ސުވާލުކުރުމާއި މީހުން ހަރަކާތްތެރިވާއިރު މަދުވެގެން ތިން ފޫޓުގެ ގައިދުރުމިނެއް ވެސް ކަށަވަރުވެފައި ހުންނަން ޖެހެ އެވެ. އަދި އެޕޮއިންޓްމަންޓް ލިބިފައިވާ ގަޑީގެ ގިނަވެގެން ފަސް މިނެޓް ކުރިން ޖިމަށް ދާން ޖެހޭނެ ކަމަށް އެ އުސޫލުގައި ބުނެ އެވެ.
ސެޝަންތައް ފަށާގަޑިއާއި ނިމޭގަޑިތަކުގައި މީހުން ބައްދަލުނުވާ ގޮތަށް އަދި އެއްތަނަކަށް ގިނަ ނުވާ ގޮތަށް ގަޑިތަކުގެ އިންތިޒާމް ހަމަޖެއްސުމާއި ގައިދުރުކަން ކަށަވަރު ކުރުމަށްޓަކައި ޖިމަށް ވަންނައިރު އަދި ނުކުންނައިރު ދެ މީހުންގެ ދެމެދުގައި މަދުވެގެން ތިން ފޫޓުގެ ދުރުމިން ހުންނަގޮތަށް ކިޔުއެއްގައި ތިބެގެން ވަދެ ނުކުމެވޭނެގޮތް ހަމަޖެއްސުން ވެސް ހިމެނެ އެވެ.
އޭގެ އިތުރުން ތަނުގައި ބޭނުންކުރާ އާލާތްތައް ސާފުކުރިކަން ކަށަވަރު ކުރުމަށްޓަކައި އެކަމަށް މުވައްޒަފަކު ހުރުމާއި އެ ބަލިން ރައްކާތެރިވުމަށް އަމަލުކުރަންވީ ގޮތް ތަނުގެ އެތެރެއަށް ވަންނައިރު ފެންނާނެ ގޮތަށް ބަހައްޓަން ވެސް ޖެހެ އެވެ.
އަދި ފައިސާގެ މުޢާމަލާތްތައް ކުރުމުގައި ކޭޝްލެސް ޕޭމަންޓް ހެދުމާއި ތަނުގައި ސައިބޯނި ލައިގެން އަތްދޮވެވޭނެ ނުވަތަ ސެނިޓައިޒާ އިން އަތް ސާފުކުރެވޭނެ އިންތިޒާމު ވެސް ހަމަޖައްސަން ޖެހެ އެވެ.
އެޗްޕީއޭގެ އުސޫލުގައި އިތުރަށް ބުނީ މަދުވެގެން ތިން ފޫޓަށް ވުރެ ގައިދުރުމިން ނުބެހެއްޓޭނަމަ ގްރޫޕް ކްލާސްތައް ބާއްވައިގެން ނުވާނެ ކަމަށެވެ.
އެ އުސޫލުގައި ވަނީ ޖިމްތަކާއި ފިޓްނަސް ސެންޓަރުތައް ސާފުކުރުމާއި ޑިސްއިންފެކްޓްކުރުމުގައި އަމަލުކުރާނެ ގޮތް ވެސް ހިމަނާފަ އެވެ.
އެޗްޕީއޭ އިން ބުނީ މި ދުވަސްވަރު ޖިމްތަކުގެ ސްޓީމް ރޫމް ފަދަ ތަންތަން ބޭނުންކުރުން އެދެވިގެން ނުވާ ކަމަށެވެ. އަދި ކާބޯތަކެތި ވިއްކާ ތަންތަން މިވަގުތު ޖިމުގައި ނުބެހެއްޓުމަށާއި ފެނުގެ ހިދުމަތްދޭނަމަ، ހަމައެކަނި އެމީހަކު ގެންދާ ފެން ފުޅި ރީފިލް ކުރެވޭނެ ގޮތަށް މެޝިނެއް ބެހެއްޓުމުގައި މައްސަލައެއް ނެތް ވެސް އުސޫލުގައިވެ އެވެ. އަދި ފެންބުއިމަށް ވަކިން ބޭނުންކޮށް އެއްލާލެވޭ ޑިސްޕޯސްބަލް ތަށި ބޭނުންކުރުމަށް ވެސް އިރުޝާދުދެ އެވެ.