
ކާޑެޝިއަން/ޖެނާ އާއިލާގެ އެންމެ ހަގު އަންހެން ކުއްޖާ ކަމަށްވާ ކައިލީ ޖެނާ އާއި އޭނާގެ ދެ އަހަރުގެ އަންހެން ދަރިފުޅު ސްޓޯމީ ވޯގް ޗެކޮސްލޮވޭކިއާގެ ކަވާ އަށް ނަގާފައިވާ ފޮޓޯ ގައި ދެ މީހުން ވައްތަރު ކަމުން ގިނަ ބަޔަކު ވަނީ ހައިރާން ވެފަ އެވެ. ގިނަ ބަޔަކު ބުނަމުން ދަނީ ދެ މީހުން ހީވަނީ ހަމަ ޓްވިންސްހެން ނެވެ.
ވޯގް ގެ ޖުލައި/އޮގަސްޓު މަހުގެ އިޝޫގެ ކަވާ އަށް އެންމެ ދެ އަހަރުގެ ސްޓޯމީ އަރާފައިވާއިރު، ސްޓޯމީ އަދި އޭނާގެ މަންމަ ކައިލީ އެ ފޮޓޯ ގަނޑުގައި ތިބީ ދާދި އެއްގޮތަށެވެ. އެގޮތުން، ދެ މީހުންގެ މޫނަށް ޒޫމްކޮށް ނަގާފައިވާ މި ފޮޓޯގައި ކައިލީ ހުރީ ނޫ ކުލައިގެ ލެންސެއް ލޮލަށް ލައްވާފަ އެވެ. އަދި އިސްތަށިގަނޑު ގައި ބްލޮންޑް ކުލަ ޖައްސާފައިވާއިރު އޭނާގެ ދިގު އިސްތަށިގަނޑު އޮތީ ނިއުޅުވާލާފަ އެވެ. އަދި ސްޓޯމީގެ ބޯ މައްޗައް އިސްތަށިގަނޑު އައްސާފައި ހުރި ނަމަވެސް ލޮލުންނާއި އަނގައަށް ހަދައިގެން ތިބި ގޮތުން، ދެ މީހުންގެ ވައްތަރުކަން ރީތި ކޮށް އެނގެން ހުރެ އެވެ.
މި ފޮޓޯ ވޯގް ގެ ފަރާތުން ނަގާފައި ވަނީ ކައިލީއާއި ސްޓޯމީ ކަރަންޓީންގައި ތިބިިއިރު ކައިލީގެ ގޭގަ އެވެ. އެ ފޮޓޯ ނަގާފައި ވަނީ މޮރެލީ ބްރަދާސް ގެ ފަރާތުން ސީދާ ވޯގް އަށް ކަމަށް ބޭރުގެ ހަބަރުތަކުން ވަނީ ރިޕޯޓު ކޮށްފަ އެވެ.
ސްޓޯމީ އަދި ކައިލީ ވޯގް ކަވާގައި
ސްޓޯމީއަކީ ކައިލީގެ ކުރީގެ ލޯބިވެރިޔާ ޓްރަވިސް ސްކޮޓް އަށް ލިބިފައިވާ ކުއްޖެކެވެ. ދެމީހުން ލޯބީގެ ގޮތުން ގުޅިގެން 2017 ވަނަ އަހަރުން ފެށިގެން އުޅުނު ނަމަވެސް މިހާރު އެ ދެ މީހުން ވަނީ ރުޅިވެފަ އެވެ.