ads
ޤައުމީ ކުތުބުހާނާގެ ޑިރެކްޓަރުކަން ކުރެއްވި އުމަރު އަހްމަދު ހުސައިން
ވަޒީފާގެ މާހާއުލުގައި ނަފްސާނީ ދުޅަހެޔޮކަން ގެއްލޭތީ ކުތުބުހާނާގެ ޑިރެކްޓަރު އިސްތިއުފާ
ވަޒީފާގެ މާހާއުލުގައި ނަފްސާނީ ދުޅަހެޔޮކަން ގެއްލޭތީ ގައުމީ ކުތުބުހާނާގެ އިސްވެރިއެއް އިސްތިއުފާދެއްވައިފިއެވެ.
ވަޒީފާގެ މާހާއުލުގައި ނަފްސާނީ ދުޅަހެޔޮކަން ގެއްލޭތީ ގައުމީ ކުތުބުހާނާގެ އިސްވެރިއެއް އިސްތިއުފާދެއްވައިފިއެވެ.

މިގޮތުން މިއަދު އިސްތިއުފާ ދެއްވާފައިވަނީ މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް
ވުޒާރާގެ ބެލެނިވެރިކަމުގެ ދަށުން ހިންގޭ ޑިޕާޓްމެންޓެއް ކަމަށްވާ ޤައުމީ ކުތުބުހާނާގެ ޑިރެކްޓަރު އުމަރު އަހްމަދު ހުސައިން އެވެ.

އޭނާ އިސްތިއުފާގެ ސިޓީ ސޯޝަލް މީޑިއާގައި އާންމު ކުރަމުން ބުނެފައިވަނީ، އޭނާގެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކޮށްފައިވަނީ 'ވިހަ ވަޒީފާގެ މާހައުލުގެ ސަބަބުން' ކަމަށެވެ.

މި މައްސަލައިގައި ހެރިޓޭޖް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު މުހުސިން ސީއެންއެމް އަށް ވިދާޅުވީ، އުމަރު މީގެ ކުރިން އެފަދަ ލިޔުމެއް ހުށަހަޅާފައި ނުވާކަމަށެވެ. އަދި އޭގެ ފަހުން އޭނާ ލިޔެކިޔުން ހުށަހެޅުމުން ނޯޕޭ ލީވެއް ދީފައިވާ ކަމަށާއި، އޭނާ އިސްިއުފާދީފައިވަނީ އެ ޗުއްޓީގައި ހުރެގެން ކަމަށް މުހުސިން ވިދާޅުވި އެވެ. އަދި ވިދާޅުވީ އުމަރު ހުށަހެޅި މައްސަލަ ބަލަމުންދާ ކަން އޭނާއަށް އަންގާފައިވާ ކަމަށެވެ.

އުމަރުގެ ސިޓީގައި ބުނީ ކަންކަން ހުރިގޮތުން އޭނާގެ ނަފްސާނީ ދުޅަހެޔޮކަން ގެއްލިފައިވާކަމަށެވެ.

މިކަމަށް ފަރުވާކުރުމަށްޓަކައި ލިބިފައިވާ ލީވް ތަކުން ނުފުދޭތީ ވުޒާރާއަށް ހާއްސަ ހާލަތުގެ 15 ދުވަހުގެ ލީވް އެއްވެސް ނެގިކަމަށެވެ.

އޭނާގެ ސިޓީގައި ބުނެފައިވަނީ ނަފްސާނީ ބަލީގެ ފުރިހަމަ ތަފްސީލް އެ ޑިޕާޓްމެންޓްގެ ވެރިންނާއި،
އޭނާގެ ސުޕަވައިޒަރަށްވެސް ވާނީ ހިއްސާ ކޮށްފައިކަމަށެވެ.

"ނަފްސާނީ ދުޅަހެޔޮކަން ގެއްލުމުގެ ކުރިންވެސް އަޅުގަނޑަށް ދިމާވާ ދަތިތަކާއި އުނދަގޫތައްވެސްވާނީ ހިއްސާ ކުރެވިފައެވެ. ނަމަވެސް މިކަންކަމަށްދޭންވާ އެކަށީގެންވާ ސަމާލުކަމެއް ދިނުމެއްނެތި އަޅުގަނޑުގެ ވަޒީފާ ބަޔާނުގެ އިތުރަށް އެތަށް މަސައްކަތްތަކެއް، އެކަށީގެންވާ އެހީތެރިކަމާ އެއްބާރުލުމެއްނެތި އަޅުގަނޑުގެ ސުޕަވައިޒަރާއި ދެންތިބި ވެރިންވަނީ އަޅުގނޑާ ހަވާލުކޮށްފައެވެ. މިހުރިހާ ސަބަބަކަށްޓަކައި، އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑުގެ ނަފްސާނީ ދުޅަހެޔޮކަން ގެއްލުމުގެ ޒިންމާ އަޅުގަނޑުގެ ސުޕަވައިޒަރާއި ތިޔަ ޑިޕާޓްމެނޓްގެ ވެރިން ނަންގަވަން ޖެހޭނެކަމަށް ދެކެމެވެ." އުމަރު އަހްމަދު ހުސައިން ގެ އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައިވެއެވެ.

އެތައް އަހަރަކަށްފަހު އޭނާގެ ނަފްސާނީ ދުޅަހެޔޮކަން މިއަދު ގެއްލިފައިވާކަމަށް އެ ސިޓީގައި ބުނެފައިވެއެވެ.

"ޑޮކްޓަރުންވަނީ އަޅުގަނޑުގެ ނަފްސާނީ ދުޅަހެޔޮކަން ގެއްލިދާނެތީ ތަކުރާރުކޮށް މި ވަޒީފާ ދޫކޮށް ދިއުމަށް ލަފާދެއްވާފައެވެ. އެހެންކަމުން ވަޒީފާގެ މާހައުލާއި ތިޔަ ޑިޕާޓްމެންޓްގެ ވެރިންގެ ކަންކަން ހުރިގޮތުން އެނބުރި ވަޒީފާއަށް އަތުވެއްޖެނަމަ ނަފްސާނީ ދުޅަހެޔޮކަން އަނެއްކާވެސް އިތުރަށް ގެއްލި އިޔާދަ ނުކުރެވޭނެފަދަ ގެއްލުންތަކެއްވުން އެކަށީގެންވާތީ މިވަޒީފާއިން ވަކިވާން އަޅުގަނޑު ވަނީ ނިންމާފައެވެ."

އޭނާގެ ސިޓީގައި ބުނެފައިވަނީ އަދުގެ ސަރުކާރުން ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި ދެއްވާ ޚާއްސަ ސަމާލުކަން ފާހަގަކުރާކަމަށެވެ.

"އުންމީދަކީ ނަފްސާނީ ބަލި ތަހައްމަލް ކުރަމުންދާ ފަރާތްތަކުގެ ހައްޤުތައް ރައްކާތެރި ކުރެވި މިކަންކަމަށް
ސަމާލުކަންދެވި ވަޒީފާގެ މާހައުލުވެސް ބައްޓަންކުރެވިގެންދިއުމެވެ." ސިޓީ ނިންމައިލަމުން ބުނެފައިވެއެވެ.



0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް