ސަރުކާރުގެ ފަރާތުން، ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ބިލަށް ވާހަކަ ދައްކަވަމުން ސައުދު ވިދާޅުވީ ރާއްޖޭގެ ތަފާސްހިސާބު ބެލެހެއްޓުމާއި ބެހޭ ބިއުރޯ ޕްލޭނިން މިނިސްޓްރީގެ ދަށުން ހިނގަމުން އަންނަކަމަށެވެ. ސައުދު ވިދާޅުވީ ސައްހަ ތަފާސްހިސާބު ލިބެން ނެތި އެއްވެސް ގައުމެއް ތަރައްގީ ނުކުރެވޭނެ ކަމަށެވެ. އަދި ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މިނިވަންކަމާއި އެކު ތަފާސްހިސާބު އެއްކުރެވި އެ ބެލެހެއްޓި ރައްޔިތުންނާއި ހިސާބަށް ލިބެން ނެތްކަން ކަމަށް ސައުދު ވިދާޅުވި އެވެ.
ސައުދު ވިދާޅުވީ ރާއްޖޭގެ ތަފާސްހިސާބާއި ގުޅޭ މައުލޫމާތުތައް މަތީތައުލީމު ހާސިލުކުރާ ކުދިންނާއި ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އިގްތިސާދު ރޭވުމުގައި ވެސް މުހިންމު ކަމަށެވެ. އަދި މިނިވަން މުއައްސަސާއެއްގެ ގޮތުގައި އޮވެ އެ މައުލޫމާތުތައް އާންމުންނާއި ހަމައަށް ލިބެން ހުރުމަކީ މުހިންމު ކަމެއްކަމަށް ސައުދު ވިދާޅުވި އެވެ.
މީގެ އިތުރުން މި ބިލަށް ވާހަކަ ދައްކަވަމުން ސައުދު ވިދާޅުވީ ޒަމާނުއްސުރެއް ދައުލަތުގެ ތެރެއިން ކުރަމުން އަންނަ ވައްކަމުގެ ތަފާސްހިސާބު ފެންނަން ނުހުންނަކަމަށެވެ.
މީގެ އިތުރުން ސައުދު ވަނީ މިއީ ތަފާސްހިސާބާއި ގުޅޭގޮތުން ޤާނޫނެއް ވުޖޫދަށް ގެންނަން އެންމެ ރަނގަޅު ވަގުތުތޯ ސުވާލު އުފައްދަވާފައެވެ. އަދި ވިދާޅުވީ މިއީ ޤާނޫނެއް ގެނައުމުގެ ބަދަލުގައި ތަފާސްހިސާބުގެ ދާއިރާ ހަރުދަނާ ކުރުމަށްޓަކައި ރަނގަޅު ޕްލޭނެއް އެކުލަވާލާ ހަރުދަނާ ކުރަންވީ ވަގުތުކަމަށެވެ. އަދި ދައުލަތަށް ހަރަދުބޮޑު ނުވާނެ ގޮތަކަށް މިނިވަންކަމާއި އެކު ތަފާސްހިސާބުގެ ކަންކަން ބެލެހެއްޓިގެން ދިއުން މުހިންމު ކަމަށް ވިދާޅުވި އެވެ.