ads
ފޮޓޯ: މޯލްޑިވިއަން ޓްވިޓާ
ބަންގްލަދޭޝްގެ އިތުރު 200 މީހުން ގައުމަށް ފުރުވާލަނީ
ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ ބަންގްލަދޭޝް ރައްޔިތުންގެ ތެރެއިން އިތުރު 200 މީހަކު އަނެއްކާ ވެސް އަނބުރާ ގައުމަށް ފޮނުވާލުމަށް ތައްޔާރުވަމުންދާ ކަމަށް މޯލްޑިވިއަނުން ބުނެފި އެވެ.

ގައުމީ އެއާލައިން، މޯލްޑިވިއަނުން މިއަދު ކުރި ޓްވީޓެެއްގައި ބުނީ، ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދާ ބަންގްލަދޭޝްގެ ރައްޔިތުން އަނބުރާ އެގައުމަށް ފޮނުވުމުގެ މަސައްކަތުގެ ދަށުން އިތުރު 200 މީހަކު ފޮނުވާލުމަށް މިހާރު ތައްޔާރުވަމުން އަންނަ ކަމަށެވެ.

މިދޔަ މެއި މަހުގެ ތެރޭގައި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި 5،000 އެއްހާ މީހުން ފޮނުވާލެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތްތައް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެ މަސައްކަތުގެ ދަށުން މިހާތަނަށް 2000 އަށް ވުރެ ގިނަ ބަންގްލަދޭޝްގެ ރައްޔިތުން އަނބުރާ އެ ގައުމަށް ވަނީ ފޮނުވާލާފަ އެވެ. 

ރާއްޖޭގައި އުޅެމުންދާ ބަންގްލަދޭޝް ރައްޔިތުން ފޮނުވާލުމުގެ މަސައްކަތަކީ ކޮވިޑް-19 އާ ގުޅިގެން ފޮރިން މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ އަދި ވެސް ކަމާގުޅުން ހުރި މުއައްސަސާތަކުގެ އެހީތެރިކަމާއެކު ކުރަމުންދާ މަސައްކަތެއް ކަމަށް މޯލްޑިވިއަނުން ބުނެ އެވެ.   

މިމަހުގެ ތެރޭގައި އެކަނިވެސް މޯލްޑިވިއަނުން ވަނީ ތިން ފަހަރެއްގެ މަތިން ބަންގްލަދޭޝް މީހުން ގައުމަށް ގެންގޮސްފަ އެވެ. އެގޮތުން މި މަހުގެ ނުވަ ވަނަ ދުވަހު، ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދިޔަ 200 ބަންގްލަދޭޝް މީހަކު ގައުމަށް ފޮނުވާލިއިރު 16 ވަނަ ދުވަހާއި 19 ވަނަ ދުވަހު ވަނީ ރާއްޖޭގައި ދިރިއުޅެމުންދިޔަ 400 ބަންގްލަދޭޝް ރައްޔިތަކު އެ ގައުމަށް ފޮނުވާލާފަ އެވެ.

ރޭ، ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، ބަންގްލަދޭޝް އަށް އަނބުރާ ފޮނުވާލާފައިވާ ތިން މީހަކު ކޮވިޑް-19 ވައިރަހަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އެގައުމުގައި އެތިން މީހުން ކަރަންޓީނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ. 

ރާއްޖެއިން މިހާތަނަށް 2217 މީހަކު ޕޮޒިޓިވްވެފައިވާއިރު ޕޮޒިޓިވްވި މީހުންގެ ތެރޭގައި އެންމެ ގިނައީ ބަންގްލަދޭޝް މީހުންނެވެ. އެގޮތުން މިހާތަނަށް އެގައުމުގެ 1,155 މީހަކަށް ބަލި ޖެހިފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް