އދ. ފެންފުށީގައި ފަތުރުވެރިކަމުގެ ވިޔަފާރިކުރުމަށް ބިންތަކެއް ކުއްޔަށް ދޫކުރުމަށް އެރަށު ކައުންސިލުން ކުރި އިއުލާން، ޓޫރިޒަމް މިނިސްޓްރީން ބާތިލްކޮށްފި އެވެ.

Advertisement
އދ. ފެންފުށީގައި ފަތުރުވެރިކަމުގެ ވިޔަފާރިކުރުމަށް ބިންތަކެއް ކުއްޔަށް ދޫކުރުމަށް އެރަށު ކައުންސިލުން ކުރި އިއުލާން، ޓޫރިޒަމް މިނިސްޓްރީން ބާތިލްކޮށްފި އެވެ.
ފެންފުށީގެ ތުނޑި ސަރަހައްދުން 5000 އަކަފޫޓޫގެ ހަތަރު ބިން ކުއްޔަށް ދޫކުރުމަށް އެ ރަށު ކައުންސިލުން އިއުލާންކުރީ މިދިޔަ އޯގަސްޓް މަހުގެ 30 ވަނަ ދުވަހު އެވެ.
ފެންފުށި ކައުންސިލް އިދާރާގެ އިއުލާން ބާތިލްކޮށް ޓޫރިޒަމް މިނިސްޓްރީން ބުނީ އެ އިއުލާން ބާތިލްކުރީ ބީލަން ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ބައެއް މައުލޫމާތު ސާފުނުވާތީއާއި، އުސޫލީ ބައެއް ކަންކަން ވެސް ސާފު ނުވާތީ ކަމަށެވެ. އެގޮތުން ޓޫރިޒަމް މިިނިސްޓްރީން ބުނީ ޓޫރިސްޓް ގެސްޓް ހައުސް ތަރައްގީކުރުމަށް ކައުންސިލް މެދުވެރިކޮށް ބިން ކުއްޔަށް ދިނުމަށް ބިން ކަނޑައެޅުމާ ބެހޭ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތަށް ހުޅުވާލެވޭ ބިން ބިމުގައި ތަރައްގީ ކުރާނީ ވަކިވަކި ގެސްޓްހައުސް ތަކެއްކަން ބީލަން ފޮތުން ސާފުކޮށް އެނގެން ނެތް ކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީ ބުނީ ފެންފުށި ކައުންސިލް އިދާރާގެ އިއުލާނާ ގުޅިގެން ބީލަން ހުށަހެޅި އެއްވެސް ފަރާތަކާ އެކު ކައުންސިލް އިދާރާއިން އެއްބަސްވުމެއްގައި ސޮއިކޮށްފައި ނުވާތީ ބީލަން ބާތިލްކުރަން މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީން އިތުރަށް ބުނީ ފެންފުށި ކައުންސިލް އިދާރާއާއި އެމިނިސްޓްރީއާ ގުޅިގެން އަލުން ބީލަން ހުޅުވާލުމަށް ކުރަންޖެހޭ ކަންކަން ކުރިއަށް ގެންދާނެ ކަމަށެވެ.