ads
ޝަކުވާ
ނަވްޔާގެ ކެތްތެރިކަން ކޮޅުންލިއެވެ. ނަވްޔާ ރޮނީހެން ހީވެގެން ހައިރާންވެފައި ތެދުވެ އަޒްކާ ބޮކި ދިއްލިއެވެ. އެ ވަގުތު އަޒްކާގެ ގައިގައި އޮޅުލައިގަތުމަށް ފަހު ނަވްޔާ ގިސްލަގިސްލާފައި ރޯންފެށިއެވެ.
ޝަކުވާ (17 ވަނަ ބައި)

ނަވްޔާގެ ކެތްތެރިކަން ކޮޅުންލިއެވެ. ނަވްޔާ ރޮނީހެން ހީވެގެން ހައިރާންވެފައި ތެދުވެ އަޒްކާ ބޮކި ދިއްލިއެވެ. އެ ވަގުތު އަޒްކާގެ ގައިގައި އޮޅުލައިގަތުމަށް ފަހު ނަވްޔާ ގިސްލަގިސްލާފައި ރޯންފެށިއެވެ.

"ނަވް، ކިހިނެއްވީ؟" ކަންބޮޑުވެފައި އަޒްކާ އެހިއެވެ.

ނަވްޔާއަށް ރުއިން ހުއްޓައިލެވުނީ އިރުކޮޅެއްގެ ފަހުންނެވެ. ނުހަނު މަސައްކަތުން މޫނުމައްޗަށް ހިނިތުންވުމެއް ވެރިކުރުވިއެވެ.

"ސޮރީ އަޒްކޮ، ތަންކޮޅެއް އަމިއްލަ އެދުން ބޮޑުވީ. ހައްޔާނާ އިނދެގެން މިގެއިން އަޒްކޮ ދިޔައީމާ އަހަރެން އެކަނިވެރިވާނެ ވަރު ހިތަށްއެރީ. އެ ދުވަސް އަންނާނެކަން އެނގުނު ނަމަވެސް މިހާ އަވަހަށް އަންނާނެ ކަމަކަށް ހިޔެއް ނުކުރަން."

ނަވްޔާ ރޯ ސަބަބު އެނގުމުން އަޒްކާގެ ގާތަށް ހިނިއައެވެ.

"އައްދެ، ކާކު ބުނީ މިގެއިން ދާ ވާހަކަ؟ އަހަރެން އުޅޭނީ މިގޭގަ." އަޒްކާ ބުންޏެވެ.

*******
ހެނދުނު ފުޓުބޯޅަ ކުޅެން ގޮސްފައި އިމާޒު ތަންކޮޅެއް އަވަހަށް މިއަދު ގެއަށް އައީ ނަވްޔާއާ ދިމާވޭތޯއެވެ. މިހާރަކަށް އައިސް ނަވްޔާއާ ދިމާވަނީ މަދުފަހަރަކުއެވެ. ދިމާވާ ފަހަރަކު ވެސް ނަވްޔާ ފެންނަނީ މުޅިން ހަމަހިމޭންވެފައިވާ ތަނެވެ. ކިތަންމެ ވަރަކަށް ދިމާކުރި ނަމަވެސް ރައްދެއް ނުދެއެވެ. ކަމަކު ބުނެފިއްޔާ އަވަހަށް އެކަމެއް ކޮށްދީފައި އެތަނުން ދެވޭތޯ ނަވްޔާ ބަލައެވެ. ނަވްޔާއަށް ކޮންމެ ވެސް ބޮޑު ކަމެއް ވެއްޖެއޭ އިމާޒުގެ ހިތް ބުނެއެވެ. ނަވްޔާގެ ފުންމީން ނޭނގޭ ދެ ލޮލުގައި ފޮރުވިފައިވާ ހިތާމަތައް ދެނެގަންނަން މަސައްކަތް ކުރި ނަމަވެސް އިމާޒަކަށް ކާމިޔާބެއް ނުވިއެވެ. އަޒްކާގެ ގާތުގައި އެހުމުން ވެސް އެދެވޭ ޖަވާބެއް ނުލިބުނެވެ. އަޒްކާ ބުނިގޮތުން އެގެއިން އަޒްކާ ހިނގައިދާނެތީ ނަވްޔާ ދެރަވަނީއެވެ. އެހެން ނޫނަސް މިހަރު ގިނަ ވަގުތު އަޒްކާ އުޅެނީ ހުޔޫންއާ އެކުގައެވެ. ކައިވެނީގެ އެކި ކަންތައްތައް ނިންމުމުގައި އަޒްކާގެ އެންމެ ބޮޑު އެހީތެރިއަކަށް ވެފައި ވަނީ ހުޔޫންއެވެ. އަބަދު ހުޔޫން އެގެއަށް އައިސް އުޅޭތީ ވެސް އިމާޒަށް އުނދަގޫވެއެވެ. ކޮންމެ ވެސް އެއްޗެކޭ ކިޔާފައި އަބަދުވެސް އިމާޒާ ވާހަކަދައްކަން މަސައްކަތް ކުރާތީ އިމާޒު ބަލަނީ ވީހާ ވެސް ދުރުން އުޅެވޭތޯއެވެ. ހުޔޫންގެ ހިތުގައި އިމާޒާ ދޭތެރޭގައި ޚާއްސަކަމެއް އޮތް ނަމަވެސް އެކަމަށް ހިތްވަރު ދޭން ބޭނުންނުވާތީއެވެ.

އަވަސްއަވަސްކޮށްލާފައި އިމާޒު ފެންވަރައިގެން ކާގެއަށް ދިޔައެވެ. މޭޒުމަތީގައި ތަރުތީބުކަމާ އެކު އަތުރާފައި ހުރި ތަށިތައް ފެނުމުން އިމާޒުގެ ކަރު އެލުނެވެ. ނަވްޔާ ސައިހަދާ އެ ނިންމާލީ ހާދަ އަވަހަކަށެވެ. ދެން ނަވްޔާ އަވަހަކަށް ނުނުކުންނާނެ ކަން އިމާޒަށް އެނގެއެވެ. މާޔޫސް ކަމާއެކު ކޮފީ ތަށި ހިފައިގެން ބޮޑު ކޮޓަރިއަށް ދާން ހިނގައިގަތް ވަގުތު ކުޑަކޮށް ހުޅުވާފައިވާ ކުޑަދޮރުން ފެނުނު މަންޒަރުން ހިނިތުންވެލެވުނެވެ. ކައިރިއަށް ގޮސްފައި ތަންކޮޅެއް ބޮޑަށް އިމާޒު ކުޑަދޮރު ހުޅުވައިލިއެވެ.

ބަދިގެ ބިތްދޮށުގައި އޮންނަ ހުސްތަނުގައި ހައްދާފައިވާ މާގަސްތަކުގެ ތެރޭގައި ހުރި ވިނަތައް އުފުރަން ނަވްޔާ އިނެވެ. މަޑުފިޔާތޮށި ކުލައިގެ އަތްދިގު ޓީޝާރޓަކާއި ހަމަ އެކުލައިގެ ހަރުވާޅެއް ލައިގެން އިންއިރު ކޮކާއަވި މޫނަށް އެޅިފައި ހުއްޓެވެ. ފޫހިކަމެއް ނެތި ނަވްޔާ މަސައްކަތް ކުރާތަން ބަލަން އިމާޒު ހުއްޓެވެ. ހިހޫ ވަމުން ދިޔަ ކޮފީގެ މަތިން ވެސް ހަނދާން ނެތިފައެވެ. އިރުކޮޅެއްގެ ފަހުން ފަރިވެފޮޅިފައި އިން ހުދުފިނިފެންމަލެއްގެ ފިޔަތަކުގައި ނަވްޔާ ފިރުމައިލިއެވެ. ދެން ފެނުނީ މޫނުމަތީގައި ދެ އަތް އެޅިތަނެވެ. ނަވްޔާ ރޯ ތަން ފެނުމުން އިމާޒުގެ ހިތަށް ތަދުވިއެވެ. އެ ދެއަތުގެ ހިމާޔަތަށް ނަވްޔާ ގެންނަން ބޭނުންވީ އިންތިހާއަށެވެ. ނަވްޔާގެ ގާތަށް ދިޔުމަށް ހިތް އެދި ގޮވަމުން ދިޔަ ދިޔުމަށް އިޖާބަ ދެމުން އިމާޒު އެނބުރުނު ވަގުތު ހުޔޫންއާ މުޑިއެރިއެވެ.

"ސޮރީ." ހުޔޫންގެ ހެދުމަށް ކޮފީ އެޅިފައި ހުރިތަން ފެނިގެން އިމާޒު ބުންޏެވެ.

"އިޓްސް އޯކޭ. ކޯޗެއްތަ ތި ބަލަނީ މާ ވަރަކަށް." އިމާޒުގެ އަރިމަތިން ބޯދިއްކޮށްފައި ބޭރު ބަލަމުން ހުޔޫން ބުންޏެވެ.

"އެއްވެސް އެއްޗެއް ނޫން."

ނަވްޔާގެ ގާތަށް ދާން ބޭނުންވެފައި ހުއްޓާ ހުޔޫންގެ ސަބަބުން އެކަމަށް ހުރަސް އެޅެމުންދާތީ ހިތްހަމަނުޖެހިފައި ހުރެ އިމާޒު ބުންޏެވެ. މިހާ ހެނދުނަކާ ހުޔޫން މި ގޭގައި ކީއްކުރަނީބާވައޭ ހިތަށްއެރިއެވެ.

"ހުޔޫން ހާދަ ހެނދުނަކާ މިގެއިން؟" އިމާޒު އެހިއެވެ.

"ރޭގައި ނިދީ މިގޭގައި. އަޒްކޮ ނުހޭލާތީ ބަނޑުހައި ވެގެން މިއައީ."

"އެހެންތަ؟ އެހެންވިއްޔާ ސައިބޯންވީނު. ސައިހަދައިފަ އެހެރީ." އިމާޒު ބުންޏެވެ.

"މާޒް ވެސް އާދެބަލަ އަހަރެންނާ އެކު ސައިބޯން. އެކަނި އިނދެގެން ސައިބޯ ހިތެއް ނުވޭ." އިމާޒުގެ މުލައްދަނޑީގައި ހިފަމުން ހުޔޫން ބުންޏެވެ.

ހުޔޫންގެ އެ ގާތްކަމުން އިމާޒަށް އުނދަގޫވިއެވެ. ނޭނގޭކަމަށް ހަދާފައި ހުޔޫންގެ އަތް ނައްޓުވައިލަމުން ސައިބޮނީ ތަންކޮޅެއް ލަހުންކަމަށާއި މި ގަޑީގައި އަރާމުކޮށްލަން ބޭނުން ކަމަށް އިމާޒު ބުންޏެވެ. މޭޒުމަތީގައި ކޮފީ ޖޯޑު ބެހެއްޓުމަށް ފަހު ކާގެއިން ނުކުތީ ހުޔޫންގެ މޫނަށް އެ ވަގުތު ވެރިވި މާޔޫސްކަމަށް ފަރުވާލެއް ނުބަހައްޓައެވެ. އިމާޒު ދިޔުމުން ކުޑަދޮރު ކައިރިއަށް ހުޔޫން ދިޔައެވެ. ގަސްތަކަށް ފެންދޭން ހުރި ނަވްޔާ ފެނުމުން ހަސަދައިގެ ރާޅުބާންޏެއް ހިތުގައި އުފެދުނެވެ. ނަމަވެސް ހަމަ އެ ހިނދު މޫނުމައްޗަށް ހިނިތުންވުމެއް ވެރިވީ ހުޔޫނަށް ހަވާލުވެފައިވާ މަސައްކަތް ކުރުމަށް މަގުފަހިވެފައި ވީތީއެވެ.

ފޮޅިފައިވި ހުރިހާ މާތަކުގެ ތެރެއިން ވެސް ނަވްޔާއަށް ޚާއްސަވީ ހުދު ފިނިފެންމާތަކެވެ. ބަލައިލަން ރީތި ނަމަވެސް އެ މާތަކުގައި އެއްވެސް ކުލައެއް ނެތެވެ. އޭނާގެ ޙަޔާތަކީ ވެސް އެއްވެސް ކުލައެއް ނެތް، މަންޒިލެއް ނެތް ސަފަރެކޭ ނަވްޔާގެ ހިތަށްއަރައެވެ. އަޒްކާގެ ބަސްތަކުން ހައްޔާންގެ ބޭވަފާތެރިކަން ހާސާވެ، ހިތުގައި ދުވަހަކު ފަސޭހަނުވާނެ ފަދަ ފާރުގަނޑެއް ލެވިފައިވެއެވެ. ހައްޔާން އެ ގޮތަށް ކަންތައް ކުރި ސަބަބެއް ވިސްނާވިސްނާ ވެސް ނަވްޔާއަކަށް ނޭނގުނެވެ. އެއް ދުވަހު ނަވްޔާދެކެ ލޯބިވެފައި އޭގެ އަނެއް ދުވަހު އަޒްކާދެކެ ލޯބިވެވޭ ހެއްޔެވެ. ނޫނީ ހައްޔާން ލޯބިވާކަމަށް އަމިއްލައަށް ހީކުރެވުނީ ހެއްޔެވެ؟ އަމިއްލަ ނަފުސަށް ވެސް އިތުބާރުކުރަން ނަވްޔާއަށް އުނދަގޫވެފައިވެއެވެ. ދޭތެރެއަކުން އަޒްކާ އައިސް ހައްޔާންގެ ވާހަކަދައްކަން ފެށުމުން ނަވްޔާގެ ހިތުގެ ރިހުން ގަދަވެ ކެތްކުރަން އުނދަގޫވެއެވެ.

"ނަވްޔާ!" ހުޔޫންގެ އަޑު އިވުމުން ނަވްޔާ ހައިރާންވެފައި ފަހަތް ބަލައިލިއެވެ.

އެހާ ހެނދުނާ ހުޔޫން އެގޭގައި ކީއްކުރަނީ ބާވައޭ ނަވްޔާ ވެސް ހިތަށްއެރިއެވެ. ނަމަވެސް ސުވާލެއް ކުރުމެއް ނެތި ބޯ ޖަހައިލުމަށް ފަހު ނަވްޔާ ފެން އިސްކުރު ބަންދުކުރަން ދިޔައެވެ.

"ނަވްޔާ ރޮނީތަ؟" ނަވްޔާގެ މޫނަށް ބަލައިލަމުން ހުޔޫން އެހިއެވެ.

"ނޫން" މޫނަށް ހިނިތުންވުމެއް ވެރިކުރުވަމުން ނަވްޔާ ބުންޏެވެ.

ކޮންމެ ވެސް ބަހަނާއެއް ދައްކާފައި ވީހާ ވެސް އަވަހަކަށް އެ ތަނުން ދާން ނަވްޔާ ބޭނުންވީ ހުޔޫންއާ ދައްކާނެ ވާހަކައެއް ނޭނގުނީމައެވެ. އެ ދެމެދުގައިވި ނުތަނަވަސްކަމުގެ ފާރު ގިރާކުރަން އަޅާނެ ފިޔަވަޅެއް ނަވްޔާއަކަށް ނުވިސްނެއެވެ. އިރުކޮޅަކު ހުއްޓިގެން ހުރުމަށް ފަހު ފެންހޮޅި ނަގާ އެއްފަރާތް ކުރަން ނަވްޔާ އަވަސްވެގަތެވެ. އެ ވަގުތު އިވިގެން ދިޔަ ހުޔޫންގެ ހުނުމުގެ އަޑުން ނަވްޔާގެ ހަރަކާތްތަކަށް ހުއްޓުން އެރިއެވެ. ސިހިފައި ހުޔޫންއާ ދިމާއަށް ބަލައިލިއިރު ބާރު ދުވެލީގައި މާޒީގެ ދުވަސްތައް އައިސް ނަވްޔާއާ އަރާހަމަކޮށްފިއެވެ. އެ ހުނުމުގައިވީ ކުރިން ވެސް ނަވްޔާ އަޑުއަހާފައިވާ މަލާމާތުގެ ވިހަ ގަދަ އަސަރެވެ.

"ނަވްޔާ ހިތަށްއެރީ ކީކޭ؟" ހުޔޫން އެހިއެވެ.

"އެންމެ ހިނދުކޮޅަކަށް ވެސް ދޮންބެއާ އެކަށީގެންވާ ކަމަށް ހީކުރީ ވެސް ކިހިނެއް؟"

ހައިރާންވެފައި ހުޔޫންއާ ދިމާއަށް ބަލަހައްޓައިގެން ނަވްޔާއަށް ހުރެވުނެވެ.

"މާ ހައިރާންވާނެ ކަމެއް ނެތް. ހީވޭތަ ނަވްޔާގެ ގާތުން ހިތުންރުހުމުން އަހަރެން މަޢާފަށް އެދޭނެހެން؟ އަހަރެން މަޢާފަށް އެދުން އެއީ ނަވްޔާގެ ލޮލުގައި އެޅުވި އަނދުނެއް. ދޮންބެ އަބަދު ވެސް ލޯބިވީ އަޒްކާ ދެކެ. ނަވްޔާ ތިއީ ދޮންބެ ފޫހިފިލުވާލަން ކުރިކަމެއް. ކާކު ބޭނުންވާނީ ތި ކަހަލަ އަގު ވެއްޓިފައި ހުރި މީހަކާ އެކު މުޅި އުމުރު ދުވަހު އުޅެން؟"

ޙަޔާތުގެ އެންމެ އުފާވެރި ދުވަސްތަކަކީ ކެހިވެރިކަމުގެ ދަލަކުން ގެތުނު ބޮޅުތަކެއް ކަން އެނގުނު ހިނދު ހިތުގެ ހިނގުން ހުއްޓުނު ހެން ނަވަޔާއަށް ހީވިއެވެ. މޫނުމަތީގައިވާ ހުރިހާ ކުލައެއް ފޭދި އެ މޫނު ހުދުކަފަކޮޅެއް ހެން ވެއްޖެއެވެ. އެއީ ހައްޔާނާއި ހުޔޫންއާ ދެ މީހުންވެގެން ކުޅުނު ޑްރާމާއެއް ހެއްޔެވެ؟ ހައްޔާން ދެއްކީ ދަޅައެއް ހެއްޔެވެ؟ އެހެން މީހުންގެ އިހުސާސްތަކާ ކުޅެލުމަކީ ހައްޔާންމެންނަށް އެއްވެސް ކަމެއް ނޫނީ ހެއްޔެވެ؟ ތާޒާ ކަރުނައިން ނަވްޔާގެ ލޯ ފުރިގެން އައެވެ. މޭގެ ރިހުން ގަދަވެގެން ގޮސް ނޭވާ ލާން އުނދަގޫވާން ފެށިއެވެ.

"ކީއްވެ؟" ނަވްޔާގެ އަޑު ކުރެހިގެން އައެވެ.

"ނޭނގޭ ކަމަށް ހެދޭނެ ކަމެއް ނެތް. އަހަރެން މާލެ ދާން ޖެހުނީ ނަވްޔާއާ ހެދި. އެރޭ ޕާޓީގައި ވީ ކަންތަކާ ހެދި ބައެއް މީހުން އަހަރެން ކުށްވެރިކޮށް ވާހަކަދައްކަން ފެށުމުން މަންމަމެން އަހަރެން ފޮނުވައިލީ. މާލޭގައި އަހަރެންނަށް ދިމާވި ކަންތައްތަކަކީ ތެދު ހަޤީޤަތް. އެކަމަކު އެއީ ނަވްޔާގެ ސަބަބުން އަހަރެންނަށް ދިމާވި ކަންތައްތައް."

"އަދި ބުނަން ވާހަކައެއް. އަހަރެމެންނާ ދެކޮޅަށް ނަވްޔާ ދައްކާ އެއްވެސް ވާހަކައެއް އަޒްކާ މިހާރު ޤަބޫލެއް ނުކުރާނެ. އެހެންވީމަ އަޒްކާ ގާތުގައި އެއްވެސް އެއްޗެއް ބުނުމުގެ ބޭނުމެއް ނެތް." ހުޔޫންގެ އަޑު ނަފުރަތުން ކަޅިވެފައިވިއެވެ.

ނަމަވެސް ހަމަ ކުއްލިއަކަށް ހުޔޫންގެ ނިތްކުރިމަތީގައި ހުރި ރޫތައް ފިލުވައިލާ ހިނތުންވެލިތަން ނަވްޔާއަށް ފެނުނެވެ. ފަހަތުން އަޒްކާގެ އަޑު އިވުމުން ވީ ގޮތް ނަވްޔާއަށް އެނގުނެވެ. ނަވްޔާ ވެސް އަވަސްއަވަހަށް ކަރުނަތައް ފޮހެލިއެވެ.

"މިތާ ދޯ ތިހިރީ، އަހަރެން ހީކުރީ ޔޫން ދިޔައީ ކަމަށް." ހުޔޫންއަށް އެގޭ މީހުން ލޯބިން ކިޔާ ނަން އަޒްކާ ބޭނުން ކުރުމުން އެ ދެމެދުގައި އުފެދިފައިވާ ގާތްގުޅުން ނަވްޔާއަށް ވަޒަންކޮށްލެވުނެވެ.

"އާނ، އަޒްކޮ ނިދާފައި އޮތީމާ ފޫހިވެގެން އުޅެނިކޮށް ނަވްޔާ ފެނިގެން މި އައީ." ހުޔޫން ހިނިތުންވުން އިތުރަށް ފުޅާކޮށްލައިފައި ބުންޏެވެ.

"އެހެންތަ؟" ހުޔޫންއާ ދިމާއަށް އެހެން ބުނެފައި ނަވްޔާގެ ކުރިމައްޗަށް އަރަން އަޒްކާ ހިނގައިގަތެވެ.

"އަޒްކޯ ވަރަށް ބަނޑުހައިވެއްޖެ. ހިނގާބަލަ ކާ އެއްޗެއް ދޭން." ކުރިއަށް ޖެހިލާފައި އަޒްކާގެ އަތުގައި ހިފާ ދަމާލަމުން ހުޔޫން ބުންޏެވެ.

"މަޑުކޮށްބަލަ. ނަވް ގާތުގައި ވާހަކައެއް ބުނަންށޭ މިއައީ." ހީނގަނެފައި އަޒްކާ ބުންޏެވެ.

"ނަވް، މާދަމާ ރޭ ރަންކިޔުން އެބައޮތް. ކޮޓަރީގައި ނަވް ނެތީމަ މިތާގައި އުޅޭނެ ކަމަށް މިއައީ. ނަވް ލާނެ ހެދުމެއް ފައްސާފައި އޮންނާނެ. ހެޔޮވަރުތޯ ބަލައްޗޭ." އަތުގައި ހިފާ ދަމަމުން ދިޔަ ހުޔޫންއާ އެކު ހިނގައިގަންނަމުން އަޒްކާ ބުނެލިއެވެ.

އެ މީހުން ދިޔުމާއެކު ހިފަހައްޓައިގެން ހުރި ކަރުނަތައް ނަވްޔާގެ ކޯތާފަތުން ތިރއަށް ފައިބަން ފެށިއެވެ. މަޑުމަޑު ގިސްލެވުމަކާ އެކު ހުރިތަނަށް ތިރިވެވުނެވެ. ދިލަ ވޭނުން އެ ހިތް އަނދާ އަޅިއަށް ވަނީހެން ނަވްޔާއަށް ހީވިއެވެ.

(ނުނިމޭ)
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް