ads
ފިޓްފާޒިލް، ނަސީބުވެރިޔާއަސް އޭނާ ދޭން ބުނި ހަދިޔާތަކާއެކު - ފޮޓޯ: ފާޒިލް
ފިޓް ފާޒިލްގެ ހަދިޔާ: އޮޅުވާލުންތަކާއި އެކު ބޮޑު މަކަރެއް؟
ސޯޝަލް މީޑިއާގައި ދިވެހިންގެ ތެރޭގައި މަގުބޫލު ފާޒިލް އިސްމާއީލް (ފިޓް ފާޒިލް) އިންސްޓަގްރާމްގައި އޭނާ އަށް ފޮލޯ ކުރާ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ މީހަކަށް އަގުބޮޑެތި އިނާމުތަކެއް ދޭން ހިންގި "ޕްރޮމޯޝަން" ނިމި، އެ އިނާމުތައް ގުރުއަތުން ހޮވުނު މީހާ އަށް ހަވާލު ކޮށްފައިވާ ކަމަށް ބުނެފައި ވީނަމަވެސް، އެ ކަމުގައި ބޮޑެތި އޮޅުވާލުންތަކާއި ހަމަނުޖެހޭ އެތައް ކަންތައްތަކެއް ހުރި ކަމަށް ގިނަ ބަޔަކު ތުހުމަތު ކޮށްފި އެވެ.

އެގޮތުން ގުރުއަތުން ހޮވި، އެ އިނާމުތައް ލިބުނީ އައިޝަތު ޝަރުމީލާ ކިޔާ މީހަކަށް ކަމަށް ވެއެވެ. އެކަމަކު، އެ އެކައުންޓަކީ ފާޒިލް އާ ގުޅުން އޮންނަ ފޭކް އިންސްޓަގްރާމް އެކައުންޓެއް ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެ އެވެ. ފޭސްބުކް އާއި އިންސްޓަގްރާމްގެ އިތުރުން ޓްވިޓާގައި އެތައް ސަތޭކަ ބަޔަކު އަންނަނީ އެ ތުހުމަތުތައް ތަކުރާރު ކުރަމުންނެވެ. 

ނަމަވެސް އެކަމާއި ގުޅޭގޮތުން ފާޒިލްގެ ބަހެއް ހޯދުމަށް ގުޅައިގެންނާއި، މެސެޖު ކޮށްގެން މަސައްކަތް ކުރި ނަމަވެސް، މިހާތަނަށް އޭނާގެ ކޮމެންޓެއް ލިބިފައެއް ނުވެ އެވެ.

އެގޮތުން މިހާތަނަށް ލިބިފައިވާ މައުލޫމާތު ތަކަށް ބަލާއިރު، ޝަރުމީލާގެ އިންސްޓަގްރާމް އެކައުންޓަކީ ފޭކް އެކައުންޓެއް ކަމަށް ފާހަގަ ކުރެވެ އެވެ. އޭގެ އިތުރުން އެ މައްސަލަގަނޑު ހިލިގެން ދިޔައިރު، ފާޒިލް ޝަރުމީލާ އަށް ފޮލޯ ކުރި ކަމަށް ގިނަ ބަޔަކު ބުނެ އެވެ. އެ މީހުން ބުނާގޮތުގައި މައްސަލަ ގަނޑު ހޫނުވެގެން ދިއުމާއި އެކު ފާޒިލް ޝަރުމީލާ އަށް އަންފޮލޯ ކޮށްލުމަކީ ވެސް ކަމެއް ފޮރުވަން މަސައްކަތް ކުރާ ކަމުގެ ހެތްކެކެވެ. 

ޝަރުމީލާ އަށް އަންފޮލޯ ކުރުމުގެ އިތުރުން، މައްސަލަ ހޫނުވުމާއި އެކު ފާޒިލް ފަހުން ވަނީ އެ އިނާމުތަކަށް ހޮވުނީ ޝަރުމީލާ ކަމަށް ބުނެ ކުރި ޕޯސްޓެއް ވެސް ޑިލީޓްކޮށްފައި ކަމަށް ވެއެވެ. އޭގެ އިތުރުން ގުރުއަތުން ޝަރުމީލާ ހޮވުނު މަންޒަރު ދައްކުވައިދޭ ވީޑިއޯ ގައި ވެސް މައްސަލަތަކެއް ފާހަގަ ކުރެވިފައިވާއިރު، މިހާރު ފާޒިލް ވަނީ އެ ވީޑިއޯ ވެސް ޑިލީޓް ކޮށްފަ އެވެ.

ފާޒިލް އޭނާގެ ފޮލޯވަރުންނަށް ދޭން އިއުލާނުކުރި ހަދިޔާތަކުގެ ތެރޭގައި މެކްބުކް ގޯލްޑް އެއާ އަކާއި، އެއާޕޮޑެއްގެ އިތުރުން 512 ޖީބީގެ އައިފޯން އެކްސް އެސް އަކާއި ވިކްޓޯރިއާ ސީކްރެޓް ގިފްޓް ހެމްޕާ އަކާއި ޖޯޖިއާ އާއި ގޫޗީގެ އިތުރުން ޑިއޯ އާއި އަރުމާނީ ފަދަ އަގުބޮޑު ބްރޭންޑްތަކުގެ ސާމާނު ހިމެނެ އެވެ. އެ ހުރިހާ އެއްޗެއްގެ އަގު ބައި ލައްކަ ރުފިޔާ އަށް ވުރެ ބޮޑު ވާނެ ކަން ޔަގީނެވެ. 

އެހެންކަމުން އެ އެއްޗެހި ލިބުނު ކަމަށް ބުނާ ޝަރުމީލާ، އެ އިނާމު ލިބުނު ކަން، އަލަށް އަމަލުކުރަން ފެށި އިންކަމް ޓެކްސް ގާނޫނުގެ ދަށުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް އަންގަން ޖެހޭނެ އެވެ. އެ ގާނޫނުގައި ބުނާ ގޮތުން 40،000ރ. އަށް ވުރެ އަގުބޮޑު ހަދިޔާއެއް ލިބިއްޖެނަމަ މީރާގައި އެ ހަދިޔާ ޑިކްލެއާ ކުރަން ޖެހޭނެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާތަނަށް އައިޝަތު ޝަރުމީލާ ކިޔާ އެއްވެސް މީހަކު، އަގުބޮޑު ހަދިޔާ އެއް ލިބިގެން މީރާގައި ޑިކްލެއާ ކޮށްފައެއް ނުވެ އެވެ. ޝަރުމީލާ އަކީ "އަސްލު މީހެއް" ނަމަ އަވަހަށް މީރާގައި އެ ހަދިޔާ ޑިކްލެއާ ކުރާށެވެ. ނޫނީ ގާނޫނީ ގޮތުން "ގޮޅިއަކަށް ފެތިދާނެ" އެވެ.

ޝަރުމީލާގެ އަސްލު ފޮޓޯއެއް ވެސް މިހާތަނަށް ހާމަވެފައެއް ނެތެވެ. ފާޒިލް ޝަރުމީލާ އަށް އެ ހަދިޔާތައް ހަވާލު ކޮށްފައިވާ ކަމަށް ބުނާއިރު، އެ ހަވާލުކުރާ މަންޒަރު ފެންނަ ފޮޓޯ އެއް ވެސް ނެތެވެ. ޝަރުމީލާގެ ޕްރައިވެސީ ހިމާޔަތް ކުރަން ފާޒިލް ބޭނުންވާނަމަ، މީޑިއާ އަކާއި ޝަރުމީލާ ގުޅުވާލައިގެން ނަމަވެސް އޭނާ ހުރި ކަން ޔަގީން ކޮށްލަދިނުމުން މިހާރު ޖެހިފައިވާ މައްސަލަ ގަނޑަށް ކޮންމެވެސް ވަރެއްގެ ފިނިކަމެއް ނުލިބޭނެ ހެއްޔެވެ؟

ޝަރުމީލާ މީޑިއާ އަކަށް މައުލޫމާތު ދީފައިވާ ކަމަށް ބައެއް މީހުން ބުނާއިރު އެކަން ހިނގާފައިވާ ގޮތް ވެސް އެ މީޑިއާ އިން ވީހާވެސް އަވަހަކަށް އާންމުންނަށް ސާފުކޮށްދޭންޖެ އެވެ. އެނގިފައިވާ ގޮތުގައި އެ ރިޕޯޓުގައި ޝަރުމީލާ ބުނި ކަމަށް ލިޔެފައިވާ ވާހަކަ އަކީ، ޝަރުމީލާގެ އިންސްޓަގްރާމް ސްޓޯރީ އަށް ލާފައިވާ ވާހަކަ ކޮޅެކެވެ. 

ޝަރުމީލާގެ އެކައުންޓަކީ ޕްރައިވެޓް އެކައުންޓެއް ކަމަށް ވީނަމަވެސް، އެ ވާހަކަކޮޅު އާންމުވީ އޭގެ ސްކްރީން ޝޮޓެއް ފާޒިލްގެ ސްޓޯރީ އަށް ލުމުންނެވެ. ނަމަވެސް މިހާރު އެ ސްކްރީންޝޮޓެއް ވެސް ފެންނާކަށް ނެތެވެ.

ސޯޝަލް މީޑިއާގައި އެ ފަދަ ޕްރޮމޯޝަންތައް ހިންގައި، މަކަރާއި ހީލަތް ހެދުމަކީ ސީރިއަސް މައްސަލައެކެވެ. ބޭރު ގައުމުތަކުގައި ވެސް މިފަދަ ކަންކަން ކަމާގުޅޭ ފަރާތްތަކުން ތަހުގީގު ކޮށް، ފިޔަވަޅު އަޅާފައި ވެސް އެބަހުއްޓެވެ. މަކަރާއި ހީލަތް ހެދުމުގެ ތުހުމަތު ކުރެވޭ މި މައްސަލަ ފުލުހުން އިސް ނަގައިގެން ނުބަލާނަމަ، އެ އިނާމު ހޯދުމަށް ބައިވެރިވި މީހުން އެ މައްސަލަ ފުލުހަށް ހުށަހަޅައިގެން ތަހުގީގު ކުރުމަކީ ކުރިއަށް އޮތް ތަނުގައި އެފަދަ އޮޅުވާލުންތައް ހުއްޓުވަން އެޅޭނެ ފިޔަވަޅެއް ކަމަށް ބައެއް މީހުން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް