ads
ފިޓް ފާޒިލް އާއި ޝަރުމީލާ: މީހަކު ބަސްޓު ވާނީ މިވަރަކަށް؟
ސޯޝަލް މީޑިއާގައި ދިވެހިންގެ ތެރޭގައި މަގުބޫލު ފާޒިލް އިސްމާއީލް (ފިޓް ފާޒިލް) އިންސްޓަގްރާމްގައި އޭނާ އަށް ފޮލޯ ކުރާ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ މީހަކަށް އަގުބޮޑެތި އިނާމުތަކެއް ދޭން ހިންގި "ޕްރޮމޯޝަން" ނިމި، އިނާމު ހަވާލުކުރި ކަމަށް ބުނުމާ އެކު އެ އިނާމު ދިން މީހަކާ މެދު ސުވާލު އުފެދި އޭނާ "ހޫނު ފެނަށް" ލުމާއި އެކު ރޭ އެ އިނާމު ލިބުނު މީހާ އާ އެކު ވީޑިއޯ އެއް އާންމުކުރުމުން އަނެއްކާ ވެސް އިތުރު ސުވާލުތަކެއް ފެންމަތިވެއްޖެ އެވެ.

ގުރުއަތުން ހޮވި އެ އިނާމު ލިބުނު ކަމަށް އިއުލާނު ކުރި އައިޝަތު ޝަރުމީލާ އަކީ، ފާޒިލް އާ ގުޅުން އޮންނަ ފޭކް އިންސްޓަގްރާމް އެކައުންޓެއް ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެ އެވެ. ފޭސްބުކް އާއި އިންސްޓަގްރާމްގެ އިތުރުން ޓްވިޓާގައި އެތައް ސަތޭކަ ބަޔަކު އަންނަނީ އެ ތުހުމަތުތައް ތަކުރާރު ކުރަމުންނެވެ. އަދި ރެޔާއި ހަމައަށް އެ އިނާމުތައް އެ ބުނާ ޝަރުމީލާ އަށް ހަވާލު ކުރި މަންޒަރު ފެންނަ އެއްވެސް ފޮޓޯއެއް ނުވަތަ ވީޑިއޯ އެއް ވެސް ހާމަކޮށްފައެއް ނެތެވެ.

ނަމަވެސް އިންތިހާ އަށް ފާޑުކިޔުންތައް ގިނަވެ، އެންމެ ފަހުން އެ ހަބަރުތައް މީޑިއާ އަށް އެރުމާއި އެކު ރޭ ވަނީ ޝަރުމީލާ ކަމަށް ބުނާ މީހަކާ އެކު ފާޒިލް ވީޑިއޯ އެއް ނެގުމަށް ފަހު އޭނާގެ އިންސްޓަގްރާމް ސްޓޯރީ އަށް އަޕްލޯޑް ކޮށްފަ އެވެ. ފާޒިލްގެ މެނޭޖަރު ބައެއް ނޫސްވެރިން ކައިރީގައި ރޭ ވަނީ ޝަރުމީލާ އަށް ހަދިޔާތައް ހަވާލުކުރި ކަން ޔަގީންކޮށްދޭން ވީޑިއޯ އެއް ނަގަން ތައްޔާރުވަމުން އަންނަ ކަމަށް ބުނެފަ އެވެ.

އެހެން ބުނިތާ ގަޑިއިރުތަކެއް ފަހުން އާންމުކުރި ވީޑިއޯގައި ޝަރުމީލާ ކަމަށް ބުނާ މީހާ އިންނަނީ މޫނު ބުރުގާ އަޅައިގެންނެވެ. ނަމަވެސް ކުރިން އެ އައިޑީގައި އިން ޕްރޮފައިލް ފޮޓޯ އިން އޭނާގެ ތުންފަތާއި ކަރުގެ ބައެއް ވެސް ފެނެ އެވެ. އެކަމަކު އެ ވީޑިއޯ އާންމުކުރި އިރު ޝަރުމީލާގެ އިންސްޓަގްރާމް ފޮޓޯ ވެސް ވަނީ ބަދަލުވެފަ އެވެ. އެހެންކަމުން އެތައް ބަޔަކު ދަނީ އެކަމާ މެދު ސުވާލު އުފައްދަމުންނެވެ.

އޭގެ އިތުރުން ޝަރުމީލާ އަށް އެ އިނާމުތައް ހަވާލު ކުރި ކަމަށް މީގެ ތިން ދުވަސް ވަރު ކުރިން ފާޒިލް ބައެއް ނޫސްތަކަށް ބުނެފައި ވެއެވެ. އެކަމަކު ރޭ ނެގި އެ ވީޑިއޯގައި ފެންނަނީ އިނާމުތައް ރީޕިކޮށް ޕެކް ކޮށްފައި ހުއްޓަ އެވެ. އެހާ ބައިވަރު އަގުބޮޑެތި އިނާމުތައް ލިބުމުން، އެ އެއްޗެހި ނުކަނޑާ ބަހައްޓާނީ ކާކުތޯ އެވެ؟ އެ ވީޑިއޯ އިން ކަނޑާލާފައި އިން ކަމަށް ފެންނަނީ ސްލައިޑް ކުރެވޭ ގޮތަށް އިން ޕާފިއުމް ސެޓެކެވެ. ދެން ފެންނަނީ ގޯލްޑް މެކްބުކް އެވެ. އެ މެކްބުކް އަކީ ފާޒިލް ގިވްއަވޭ އިއުލާނު ކުރި ފޮޓޯގައި ވެސް ފޮށިގަނޑު ހުޅުވާފައި، ހާމަކޮށް ފެންނަން އިން އެއްޗެކެވެ.

އަދި ރޭގައި އާންމުކުރި ވީޑިއޯގައި ޝަރުމީލާ ކަމަށް ބުނާ މީހާގެ ގޮތުގައި އިނީ ފާޒިލުގެ ގާތް ރަހުމަތްތެރިއެއް ކަމަށް  ވެސް ތުހުމަތު ކުރެ އެވެ. އަދި ޝަރުމީލާއަކީ އަސްލު މީހެއް ކަމަށް ދެއްކުމުގެ ގޮތުން އޭނާގެ އެކުވެރިޔާ މޫނު ބުރުގާ އަޅުވައި ފޮޓޯ ނެގީ ކަމަށް ބުނެ އެވެ. އަދި މޫނު އަޅާފައި އިން ޝަރުމީލާ ކަމަށް ބުނާ މީހާގެ ލޮލާއި އެބުނާ އެކުވެރިޔާގެ ލޮލުގެ ފޮޓޯތައް ހިއްސާކޮށް އެއީ އެކަކު ކަމަށް ބުނެ ދަނީ ފާޑުކިޔަމުންނެވެ.

އަދި އެއީ ޝަރުމީލާ ކަމަށް ބުނެ ފާޒިލް ހިއްސާކުރި ވީޑިއޯއާ ގުޅިގެން އެކަން ގަބޫލުކޮށް އޭނާގެ ދިފާއުގައި ނިކުތީ އެންމެ މީހެކެވެ. އެއީ ސްޓެޕް އައްޔަ އެވެ. އޭނާ ވަނީ ޝަރުމީލާ ދަންނަ ކަމަށް ބުނެފަ އެވެ.

ސޯޝަލް މީޑިއާގައި އެތައް ބަޔަކު ޝަރުމީލާގެ ނަން ބޭނުންކޮށްގެން ފާޒިލަށް ފާޑުކިޔަމުން އަންނައިރު ޝަރުމީލާގެ އާއިލާގެ މީހަކު ވެސް އެކަމުގައި އެއްޗެއް ބުނި މަންޒަރެއް ނުފެނެ އެވެ. އެހާ ވަރަށް އެއްޗެހި ގޮވާއިރު އެއީ ހަގީގީ ނަމެއް ނަމަ ނޫނީ ހަދިޔާ ލިބުނު ނަމަ އެކަން ވެސްް ކަށަވަރުކޮށްދޭން ރަނގަޅެވެ.

ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދައްކާ ވާހަކަތަކުން އަދިވެސް އެނގެނީ، ގިނަ މީހުން ގަބޫލުކުރަނީ ޝަރުމީލާގެ އިންސްޓަގްރާމް އެކައުންޓަކީ ފޭކް އެކައުންޓެއްގެ ގޮތުގައި ކަމަށެވެ. އޭގެ އިތުރުން އެ މައްސަލަގަނޑު ހިލިގެން ދިޔައިރު، ފާޒިލް ޝަރުމީލާ އަށް ފޮލޯ ކުރި ކަމަށް ގިނަ ބަޔަކު ބުނެ އެވެ. އެ މީހުން ބުނާގޮތުގައި މައްސަލަ ގަނޑު ހޫނުވެގެން ދިއުމާއި އެކު ފާޒިލް ޝަރުމީލާ އަށް އަންފޮލޯ ކޮށްލުމަކީ ވެސް ކަމެއް ފޮރުވަން މަސައްކަތް ކުރާ ކަމުގެ ހެތްކެކެވެ. 

ޝަރުމީލާ އަށް އަންފޮލޯ ކުރުމުގެ އިތުރުން، މައްސަލަ ހޫނުވުމާއި އެކު ފާޒިލް ފަހުން ވަނީ އެ އިނާމުތަކަށް ހޮވުނީ ޝަރުމީލާ ކަމަށް ބުނެ ކުރި ޕޯސްޓެއް ވެސް ޑިލީޓްކޮށްފައި ކަމަށް ވެއެވެ. އޭގެ އިތުރުން ގުރުއަތުން ޝަރުމީލާ ހޮވުނު މަންޒަރު ދައްކުވައިދޭ ވީޑިއޯ ގައި ވެސް މައްސަލަތަކެއް ފާހަގަ ކުރެވިފައިވާއިރު، ފަހުން ފާޒިލް ވަނީ އެ ވީޑިއޯ ވެސް ޑިލީޓް ކޮށްފަ އެވެ.

ފާޒިލް އޭނާގެ ފޮލޯވަރުންނަށް ދޭން އިއުލާނުކުރި ހަދިޔާތަކުގެ ތެރޭގައި މެކްބުކް ގޯލްޑް އެއާ އަކާއި، އެއާޕޮޑެއްގެ އިތުރުން 512 ޖީބީގެ އައިފޯން އެކްސް އެސް އަކާއި ވިކްޓޯރިއާ ސީކްރެޓް ގިފްޓް ހެމްޕާ އަކާއި ޖޯޖިއާ އާއި ގޫޗީގެ އިތުރުން ޑިއޯ އާއި އަރުމާނީ ފަދަ އަގުބޮޑު ބްރޭންޑްތަކުގެ ސާމާނު ހިމެނެ އެވެ. އެ ހުރިހާ އެއްޗެއްގެ އަގު ބައި ލައްކަ ރުފިޔާ އަށް ވުރެ ބޮޑު ވާނެ ކަން ޔަގީނެވެ. 

އެހެންކަމުން އެ އެއްޗެހި ލިބުނު ކަމަށް ބުނާ ޝަރުމީލާ، އެ އިނާމު ލިބުނު ކަން، އަލަށް އަމަލުކުރަން ފެށި އިންކަމް ޓެކްސް ގާނޫނުގެ ދަށުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް އަންގަން ޖެހޭނެ އެވެ. އެ ގާނޫނުގައި ބުނާ ގޮތުން 40،000 ރުފިޔާ އަށް ވުރެ އަގުބޮޑު ހަދިޔާއެއް ލިބިއްޖެނަމަ މީރާގައި އެ ހަދިޔާ ޑިކްލެއާ ކުރަން ޖެހޭނެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާތަނަށް އައިޝަތު ޝަރުމީލާ ކިޔާ އެއްވެސް މީހަކު، އަގުބޮޑު ހަދިޔާ އެއް ލިބިގެން މީރާގައި ޑިކްލެއާ ކޮށްފައެއް ނުވެ އެވެ. ޝަރުމީލާ އަކީ "އަސްލު މީހެއް" ނަމަ އަވަހަށް މީރާގައި އެ ހަދިޔާ ޑިކްލެއާ ކުރާށެވެ. ނޫނީ ގާނޫނީ ގޮތުން "ގޮޅިއަކަށް ފެތިދާނެ" އެވެ.

މި މައްސަލަގަނޑު ހިލުމާއި އެކު ފާޒިލްގެ ބަހެއް ހޯދަން މަސައްކަތް ކުރި ނަމަވެސް، މިހާތަނަށް އޭނާގެ ބަހެއް ލިބިފައެއް ނުވެ އެވެ.

ގިނަ ބަޔަކު އަންނަނީ ފާޒިލް އޭނާގެ ފޮލޯވަރުންނަށް އޮޅުވާލުމުން އެކަން "ބަސްޓުވުމުން" އިތުރަށް ފޮރުވަން މަސައްކަތް ކުރާ ކަމަށް ބުނެ އެކަން އިތުރަށް ގޯސްނުކޮށް ކަން ހިނގި ގޮތުގެ ހަގީގަތް ކިޔައިދިނުމަށް އެދެމުންނެވެ. އެގޮތުން ދޮގެއް ފޫބައްދަން އިތުރު ދޮގުތައް ހަދައިގެން ސަލާމަތް ނުވެވޭ ވަރަށް ނުގޮސް، އާންމުންނަށް އެކަން ހިނގި ގޮތް ފާޅުކަން ބޮޑުކޮށް ސާފުކޮށްދޭން އެތައް ބަޔަކު އަންނަނީ އެދެމުންނެވެ.

ސޯޝަލް މީޑިއާގައި އެ ފަދަ ޕްރޮމޯޝަންތައް ހިންގައި، މަކަރާއި ހީލަތް ހެދުމަކީ ސީރިއަސް މައްސަލައެކެވެ. ބޭރު ގައުމުތަކުގައި ވެސް މިފަދަ ކަންކަން ކަމާގުޅޭ ފަރާތްތަކުން ތަހުގީގު ކޮށް، ފިޔަވަޅު އަޅާފައި ވެސް އެބަހުއްޓެވެ. މަކަރާއި ހީލަތް ހެދުމުގެ ތުހުމަތު ކުރެވޭ މި މައްސަލަ ފުލުހުން އިސް ނަގައިގެން ނުބަލާނަމަ، އެ އިނާމު ހޯދުމަށް ބައިވެރިވި މީހުން އެ މައްސަލަ ފުލުހަށް ހުށަހަޅައިގެން ތަހުގީގު ކުރުމަކީ ކުރިއަށް އޮތް ތަނުގައި އެފަދަ އޮޅުވާލުންތައް ހުއްޓުވަން އެޅޭނެ ފިޔަވަޅެއް ކަމަށް ބައެއް މީހުން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް