މިނިސްޓަރުގެ ވިސްނުމާ ވާހަކަ ވަރަށް ރަނގަޅެވެ. ނަމަވެސް މި ހިދުމްތައް ދިނުމަށް ބޭނުންވާ އިންސާނީ ވަސީލަތްތައް އެންމެ އެކަށީގެންވާ ގޮތަށް ރާއްޖޭގެ 73 އިންސައްތަ ސްކޫލުގައި ގާއިމްވެފައިނެތްކަމަށްވެ އެވެ. އެޑިޔޫކޭޝަން މިނިސްޓްރީގެ ސްޓެޓިސްޓިކްސް ކަންކަން އެނގިވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވިގޮތުގައި ކޮންމެ އަހަރަކުވެސް ރާއްޖޭގެ ހުރިހާ ސްކޫލަކަށް، ބޭނުންވާ އަސާސީ މިންވަރަށް މަގާމްތަކާއި ޓީޗަރުން ހިމެނޭގޮތަށް ވަކިވަކިން، ސްކޫލްތަކަށް ސްޓާފް ރިކުއަރމެންޓެއް ހަދާ ސިވިލްސާވިސްގެ އެޕްރޫވަލް ހޯދައެވެ. އޭނާ ވިދާޅުވި ގޮތުގައި މިގޮތަށް އަމަލުކުރަމުން އަންނަތާ މިހާރު 25 އަހަރު ވެދާނެއެވެ.
މީގެ ތެރޭގައި ސިއްހީ ކަންތައްތައް ބެލެހެއްޓުމަށް ހެލްތު އެސިސްޓެންޓުންނާއި ކައުންސިލިން ދިނުމަށް ކައުންސެލަރުންނާއި ޓެކްނޮލޮޖީ ކަންކަމަށް އައިޓީ ޓެކްނީޝަނުން ހިމެނިފައިވާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް މިނިސްޓަރު ވިދާޅުވިގޮތުން ކިޔެވުން ފެށޭއިރު ދަރިވަރުންނާއި މުވައްޒަފުންގެ ސިއްހީ ދުޅަހެޔޮކަމާއި ނަފްސާނީ ގޮތުން އެހީތެރިކަން ފޯރުކޮށް ދިނުމާއި އައިޓީ ކަންކަން ކަންކަންހައްލު ކޮށްދިނުމަށް ބޭނުންވާ މި ތިން ދާއިރާގެ މަގާމްތައް ސްކޫލު ތަކުގައި ހުރެ، ރާއްޖޭގެ 73 އިންސައްތަ ސްކޫލުތަކުގައި ހެލްތު އެސިސްޓެންޓުންނާއި ކައުންސެލަރުންނާއި އައިޓީ ޓެކްނީޝަން ކަމަށް މީހުން ހަމަޖެއްސިފައި ނެތްކަމަށް ވެއެވެ.
ސްކޫލުތައް ހިންގަވާ ބައެއް ބޭފުޅުން ވިދާޅުވިގޮތުގައި ކޮންމެ އަހަރަކުވެސް އެ މަގާމްތަކަށް މީހުން ހަމަޖެއްސުމުގެ ހުއްދަ އަކަށް އެދި އަހަރު ފެށޭ ހިސާބުން ފެށިގެން މިނިސްޓްރީގައި ތަކުރާރުކޮށް، އެދުނުކަމުގައި ވިޔަސް އަހަރު ނިމޭއިރު ވެސް އިއުލާން ކުރުމުގެ ހުއްދަ ވެސް ނުލިބޭ ފަހަރު ވަރަށް ގިނަ އެވެ. މިދިޔަ އަހަރުވެސް މުޅި އަހަރު ދިޔައީ އެގޮތަށް ކަމަށާއި އަދި މިއަހަރުވެސް ބަންދުވަންދެން ދިޔައީ މަގާމްތަކަށް ހުއްދައަށް އެދި، ހުއްދަނުލިބިކަމަށް ވެ އެވެ.
ސްކޫލުތައް ހިންގަވާ ބައެއް ބޭފުޅުން ވިދާޅުވިގޮތުގައި މިގޮތަށް ސްކޫލުގެ ވަޒީފާ އޮނިގަޑުގައި ހިމެނިފައިވާ މަގާމްތަކަށް އެދި ހުއްދަ ނުލިބިގެންނާއި ޝަރުތުގެ މައްސަލާއި މިމަގާމްތައް ހަމަނުޖެހި އޮންނަތާ 20 އަހަރަށްވުރެ ގިނަދުވަސް ވެދާނެއެވެ. އަދި މި މަގާމްތަކުގެ އިތުރުން މަސައްކަތު މީހުންނާއި އެޑްމިން މަގާމްތަކަށް މީހުން ހަމަޖެއްސުމަގައި ތަކްލީފު އުފުލަން ޖެހޭކަމަށް ސްކޫލުތަކުގެ ބައެއް ވެރިން ވިދާޅުވި އެވެ.
ހާއްސަ ގޮތެއްގައި ބައެއް ސްކޫލުތަކުގެ އެޑްމިނިސްޓޭޓަރު މަގާމް ހަމަނުޖެހުމުގެ ސަބަބުން ސްކޫލު ތަކުގައި ފައިސާ އާއި ބެހޭ މަސައްކަތް ކުރަމުންދަނީ ކިޔަވައިދިނުމާ ގުޅޭ ލީޑިން ޓީޗަރުން ކަމަށް ވެ އެވެ. އެހެން ކަމުން ކިޔަވައިދިނުމުގެ ކަންކަމަށް ބުރޫއަރާކަމަށް ވެއެވެ. އަދި ފައިސާ އާއި ގުޅޭކަންކަމުގައި މާލިއްޔަތު ގާނޫނުގައި ލާޒިމް ކުރާ ފެންވަރު މަގާމް އޮވެ މީހަކު ލާން ހުއްދަ ނެތުމުން އެކަން ގިނަ ސްކޫލުތަކުގައި ކުރަނީ މާލިއްޔަތު ގާނުނާއި ގަވައިދާ ހިލާފަށް ކަމަށް ވެ އެވެ.
މި ފަދަ މައްސަލަތައް ހުރެ މިހާ ދުވަސް ވީއިރު މި މަގާމްތަކަށް މީހުން ހަމަޖެއްސުމަށް އެޑިޔުކޭޝަން މިނިސްޓްރީގެ އެއްވެސް ޕްލޭނެއް ނެތްކަށް އެނގެނީ އެ މިނިސްޓްރީގެ ސެކްޓަ ޕްލޭންގައި ކުރިޔަށް އޮތް ފަސް އަހަރު މި ދާއިރާތައް ކުރިއެރުވުމާއި މީހުން ބިނާކުރުމަށް ޕްލޭނެއް އެކުލެވިފައި ނެތުމުން ނެވެ. އެހެން ކަމުން ނިއުނޯމަލްގައި ކިޔެވުން ފެށޭ އިރުވެސް އަނެއްކާވެސް ސްކޫލުގެ އެހެން މުވައްޒަފުންނާއި މުދައްރިއްސުންނަށް ޖެހޭނީ ހަތް އައްތަވާޅިން ގާ ނަގާށެވެ. މިއީ ނިއުނޯމަލްގައި ކިޔަވައިދޭން ފަށާއިރު ސްކޫލްތަކުގައި ކަންކަން ހުންނަންވި ގޮތްތޯ އެވެ.