ads
ރޮހިންޔާ ރެފިއުޖީން
މެލޭޝިއާއިން ރޮހިންޔާގެ އިތުރު ރެފިއުޖީންނަށް ހިމާޔަތްދެވޭކަަށް ނެތް: ބޮޑުވަޒީރު ޔާސީން
ރޮހިންޔާގެ އިތުރު ރެފިއުޖީންނަށް މެލޭޝިއާ އިން ދެން ހިމާޔަތްދެވެން ނެތް ކަމަށް އެ ގައުމުގެ ބޮޑުވަޒީރު މުހިއްޔުއްދީން ޔާސީން ވިދާޅުވެއްޖެ އެވެ.

ހުކުރު ދުވަހު އެސޯސިއޭޝަން އޮފް ސައުތު އީސްޓު އޭޝިއަން ނޭޝަންސް އިން ކުރިއަށް ގެންދިޔަ ޓެލްކޮންފަރެންސްއެއްގައި ވާހަކަ ދައްކަވަމުން ބޮޑުވަޒީރު ވިދާޅުވެފައި ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން އެ ގައުމުގެ އިގްތިސާދު ހީނަރުވެ ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި އެކު މެލޭޝިއާ އިން އިތުރު ރެފިއުޖީންނަށް ހިމާޔާތްދެވެން ނެތް ކަމަށެވެ.

މުހިއްޔިއްދީން ވިދާޅުވީ އެގައުމުގައި މިހާރު އެވަރަށް ކެޕޭސިޓީ ނެތް ނަމަވެސް އެ ގައުމުން ރެފިއުޖީންނަށް ހިމާޔަތްދޭންޖެހޭނެ ކަމަށް މީހުން ދެކޭ ކަމަށެވެ. 

ބޮޑުވަޒީރު ވަނީ އދ ގެ ރެފިއުޖީ އެޖެންސީ އިން އަވަސް ގޮތެއްގައި ރޮހިންޔާ މުސްލިމުން ތަނެއްގައި ވަޒަންވެރިކުރުމަށް ވެސް ގޮވާލާފަ އެވެ. އަދި ރޮހިންޔާގެ މީހުން އަޅުވެތިކޮށް ވިއްކާ މައްސަލަތަކަށް އަވަސް ހައްލެއް ހޯދުމަށް ވެސް މުހިއްޔިއްދީން ވަނީ ގޮވާލާފަ އެވެ.

މިޔަންމާގެ އަސްކަރިއްޔާގެ ހަރުކަށި އަނިޔާތަކުގެ ސަބަބުން އެ ގައުމުދޫކޮށް އެހެން ގައުމުތަކަށް ރޮހިންޔާ މުސްލިމުން ހިޖުރަކުރަން ފަށާފައި ވާއިރު، މެލޭޝިއާ އިން ވަނީ އެ ގައުމަށް އެހީ ހޯދުމަށް އައި ގިނަ އަދަދެއްގެ ބޯޓުތައް އަނބުރާ ފޮނުވާލާ ސާތޭކައަށް ވުރެ ގިނަ ރޮހިންޔާ މުސްލިމުން ހައްޔަރު ކޮށްފަ އެވެ. 

އެގޮތަށް މެލޭޝިއާ އިން އަމަލުކުރަން ފަށާފައި މިވަނީ ކޮވިޑް-19 ގެ ސަބަބުންނެވެ. އެގައުމުގެ ރައްޔިތުން ވަނީ އެ ގައުމުގައި ކޮވިޑް-19 ފަތުރަނީ ބިދޭސީން ކަމަށް ބުނެ އެމީހުންނަށް އެގައުމަށް ވަނުމުގެ ފުރުސަތު ނުދިނުމަށް ގޮވާލާފަ އެވެ. އަދި ގައުމުގެ އިގްތިސާދަށް ބޮޑު ގެއްލުމެއް ލިބިފައިވާއިރު، ބިދޭސީންނަށް ދައުލުތުން ހަރަދު ކުރަމުން ގެންދާތީ އެކަމަށް ވެސް އެގައުމުގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.

މެލޭޝިއާގައި މިހާރުވެސް އެއް ލައްކައަށް ވުރެ ގިނަ ރޮހިންޔާ ރެފިއުޖީންނަށް ހިމާޔަތްދީފައިވާކަމަށް ރަސްމީ ތަފާސްހިސާބުތަކުން ދައްކާއިރު، ހަގީގީ އަދަދު އެއައް ވުރެ ވެސް މަތިވާނެ ކަމަށް ލަފާކުރެވެ އެވެ. 

މިޔަންމާ އިން ވަނީ އެ ގައުމުން ރޮހިންޔާ މުސްލިމުންނާއި ދެކޮޅަށް އެއްވެސް އަމަލެއް ނުހިންގާ ކަމަށާއި އަދި އަނިޔާ ނުކުރާ ކަމަށް ބުނެފަ އެވެ. އެހެން ނަމަވެސް އެގައުމުން އަންނަނީ ރޮހިންޔާ މުސްލިމުންނަކީ އެގައުމުގެ ބައެއް ނޫން ކަމަށާއި އެއީ ގަވައިދާ ހިލާފަށް ދެކުނު އޭޝިއާ އިން އެގައުމަށް ހިޖުރަކޮށްގެން އުޅޭ ކަމެއް ކަމަށް ވެސް ބުނެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް