ads
ފޮޓޯ:މޯލްޑިވިއަން
އިތުރު ބިދޭސީންތަކެއް އަނބުރާ ގައުމަށް ފޮނުވާލައިފި
ރާއްޖޭގައި ދިރިއުޅެމުންދާ ބަންގްލަދޭޝް މީހުންގެ ތެރެއިން އިތުރު ބަޔަކު އަނބުރާ އެ ގައުމަށް ފޮނުވާލައިފި އެވެ.

ގައުމީ އެއާލައިން މޯލްޑިވިއަން އިން ކޮށްފައިވާ ޓްވީޓެއްގައި ވަނީ އެ އެއާލައިންގެ ފްލައިޓެއްގައި ބަންގްލަދޭޝް ގެ 200 މީހަކު މިއަދު އަނބުރާ އެގައުމަށް ގެންގޮސްފައިވާ ކަމަށެވެ. 

މިދޔަ މެއި މަހުގެ ތެރޭގައި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި 5،000 އެއްހާ މީހުން ފޮނުވާލެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތްތައް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެ މަސައްކަތުގެ ދަށުން މިހާތަނަށް 2600 އަށް ވުރެ ގިނަ ބަންގްލަދޭޝް ރައްޔިތުން އަނބުރާ އެ ގައުމަށް ވަނީ ފޮނުވާލާފަ އެވެ.  

ރާއްޖޭގައި އުޅެމުންދާ ބަންގްލަދޭޝް ރައްޔިތުން ފޮނުވާލުމުގެ މަސައްކަތަކީ ކޮވިޑް-19 އާ ގުޅިގެން ފޮރިން މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ އަދި ވެސް ކަމާގުޅުން ހުރި މުއައްސަސާތަކުގެ އެހީތެރިކަމާއެކު ކުރަމުންދާ މަސައްކަތެއް ކަމަށް މޯލްޑިވިއަނުން ބުނެ އެވެ.

މިމަހުގެ ތެރޭގައި އެކަނިވެސް މޯލްޑިވިއަނުން ވަނީ ހަތަރު ފަހަރެއްގެ މަތިން ބަންގްލަދޭޝް މީހުން ގައުމަށް ގެންގޮސްފަ އެވެ. އެގޮތުން މި މަހުގެ ނުވަ ވަނަ ދުވަހު، ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދިޔަ 200 ބަންގްލަދޭޝް މީހަކު ގައުމަށް ފޮނުވާލިއިރު 16 ވަނަ ދުވަހާއި 19 ވަނަ ދުވަހު ވަނީ ރާއްޖޭގައި ދިރިއުޅެމުންދިޔަ 400 ބަންގްލަދޭޝް ރައްޔިތަކު އެ ގައުމަށް ފޮނުވާލާފަ އެވެ. އަދި ޖޫން 23 ވަނަ ދުވަހު ވެސް 200 މީހަކު ވަނީ އަނބުރާ އެ ގައުމަށް ގެންގޮސްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް